ads
ސަރުކާރުން ހާމަކަންބޮޑުކޮށް މައުލޫމާތު ފޯރުކޮށް ދޭ: ޕީއެންސީ
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފުސީލުތަކާއި ބައެއް މާލީ ހިސާބުތައް ސިއްރު ކުރި ނަމަވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރަކީ ހާމަކަންބޮޑު، ހަރަދު ކުޑަ ސަރުކާރެއް ކަމަށް ޕީއެންސީން ބުނެފި އެވެ.
Advertisement

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާ އެކު މާލިއްޔަތަށް އަމާނާތްތެރިވެ، ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.

އެގޮތުން ފާއިތުވި އަހަރު ތެރޭ 70 އަށް ވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ކަމަށާއި، 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތު ދީފައިވާ ކަމަށް ޕީއެންސީން ބުނެ އެވެ. އެ މުއްދަތުގައި އެއްވެސް މީޑިއާއަކަށް ފިޔަވަޅު އަޅައި ދަތި ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އަދި އާރްޓީއައި ތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން ކުރީ ސަރުކާރުން ފަދައިން އިހުމާލުވެފައި ނުވާނެކަމަށާއި، އެކަން ތަފާސްހިސާބުތަކުން ފެންނަން އޮންނާނެ ކަމަށްވެސް ޕީއެންސީ އިން ވަނީ ބުނެފަ އެވެ. 

އެގޮތުން ފާއިތުވި ސަރުކާރުން ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރުޓީއައި އަކަށް ޖަވާބު ނުދޭ ކަމަށާއި، ޖަވާބުދޭން ޖެހޭ ކަމަށް ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބު ނުދީ ހިފަހައްޓާފައި އޮތް ކަމަށް ޕީއެންސީ އިން ވަނީ ބުނެފަ އެވެ. ޕީއެންސީ އިން ބުނީ އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސް މުއިއްޒު ކަމަށެވެ.

"ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުން ވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުން. ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބެއް ނުދޭ. ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ކަނޑައެޅުމުން ވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް. އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" އެ ބަޔާނުގައި ބުންޏެވެ.

ފާއިތުވި ތިން އަހަރު ދައުލަތުގެ ހަރަދުތައް އެވަރެޖުކޮށް އަހަރަކަށް 15 ޕަސަންޓު އިތުރުވަމުންދިޔަ ނަމަވެސް މި އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވީ 2.5 ޕަސަންޓު ކަމަށް އެ ބަޔާނުގައިވެ އެވެ.

ހަރަދުކުޑަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓު ކުޑަކުރެވިފައިވާކަމާއި ޖުމްލަ ބަޖެޓު ޑެފިސިޓު 378 މިލިއަން ރުފިޔާއިން ކުޑަކުރެވިފައިވާކަން ވެސް އެ ބަޔާނުގައި އޮތީ ފާހަގަ ކޮށްފަ އެވެ.

ޕީއެންސީން އެހެން ބުނި ނަމަވެސް، އާރްޓީއައިތަކަށް އެކަށީގެންވާ އިޖާބައެއް ސަރުކާރުން ނުދޭތީ އެކަމާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މީގެ ކުރިން ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް