ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހަކީ ތައުރީފު ހައްގު ފިޔަވަޅެއް: ފަހުމީ
މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ، މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިވާ އިސްލާހަކީ ތައުރީފު ހައްގު ފިޔަވަޅެއްކަމަށް ސްތެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅާ އެކަން ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މި އިސްލާހު ހުށައެޅުއްވީ ހުޅުދޫ ދާއިރާ ގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. 

އެނގިފައިވާ ގޮތުން މިއަދުގެ މަޖިލީހުގައި މި ބިލް އިއްވާ ބަހުސަށް ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ. 

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލިހަށް ހުށައެޅުމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ ސަރުކާރުގެ މި ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ. ފަހުމީ ވިދާޅުވީ މިއީ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތައުރީފު ހައްގު ފިޔަވަޅެއްކަަމަށެވެ. 

ފަހުމީ ވަނީ އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޤާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާހަށް އިސްކަންދީ، މި އިސްލާހު އަވަހަށް  މަޖިލީހުން ފާސްކުރުމަށް ހުރިހާ މެމްބަރުންނަށް ގޮވާލައްވާފައެވެ. އަދި މި އިސްލާހަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޑިމޮކްރަސީއެއް އުފަދުމަށް މުހިއްމު ބަދަލެއްކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. 

" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެވުމަކީ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އަޅާނެ މުހިއްމު ބަދަލެއް ކަމަށް އަޅުގަނޑު ދެކެން. އިންތިހާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަހްލާގާއި ހީލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް." ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ފަހުމީ ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުން ހައްލު ހޯދައިދެނީ، ގިނަ ފަހަރު އަމިއްލަ އެދުން އިސްކޮށް، ވަގުތީ މަންފާއަށް ޕާޓީ ބަދަލުކުރާ ކުރުން ހުއްޓުވުމާއި ޤާނޫނު ހަދާ މަރުޙަލާގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކުރިއެރުވުންކަމަށެވެ. 

" މި އިސްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ޚިދުމަތްކުރާ ރައްޔިތުންނަށް ވަޢުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާޙައުލު ހަމަޖައްސައިދޭނެ." ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން މި އިސްލާޙުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިގެންދާނެކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. އަދި ދެފުށް ފެންނަ، ޒިންމާދާރު ގާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނުތައް ނެގެހެއްޓުމުގެ ފުރުސަތު ޝަރުއީ ދާއިރާއަށް ފަހިކުރާނެ ކަމެއްކަމަށްވެސް ފަހުމީ ވިދަޅުވިއެވެ.

ފަހުމީ ވިދާޅުވީ އެހެން ޤައުމުތަކުގައި ހަދާފައިވާ މިފަދަ ޤާނޫނުތަކަކީވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހަމަކޮށް ފެންނަމުންދާކަން ފާހަގަކުރައްވަމުން ފަހުމީ ގޮވާލެއްވީ މި ފުރުސަތުގެ ބޭނުން ހިފުމަށެވެ.  

" މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީހީ ފުރުސަތެއް. އަޅުގަނޑުމެންގެ ޤައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާހަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުސަތުގެ ބޭނުން ހިއްޕަވާ. " ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީގައި ހިމަނަން ޕީއެންސީ މަޖިލީހަށް ހުށައަޅާފައި މިވަނީ މަޖިލީހުގެ މެންބަރުކަމަށް ހޮވޭ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ބުނާ މާއްދާ ބާތިލް ކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް މައްސަލަ ވައްދާފައި ވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް