މި ބައްދަލުވުމުގައި މާލޭގެ ބަނދަރާއި ފަޅުތެރޭގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މިއީ މާލެ ސިޓީ ފަޅުތެރެ ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ބައްދަލުވުމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއެވެ.
މާލޭގެ ފަޅުތެރޭގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވަމުން ދިއުމާއެކު، ޓްރެފިކް މައްސަލަތައް ވެސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
މީގެކުރިން އޮގަސްޓްމަހު ސިޓީ ކައުންސިލްއިން ބޭއްވި ބައްދަލުވުމެއްގައި މާލޭ، ހުޅުމާލޭ، ވިލިމާލޭ ހިމެނޭހެން އެ ސަރަހައްދުތަކުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޯޓުން ފީނަގަން ވިސްނާކަމަށް މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ ހުށަހެޅި ސަބަބު ހާމަކުރަމުން މޭޔަރު އާޒިމް ވިދާޅުވީ ބައެއް ބޯޓް ފަހަރު ބަނދަރުގައި އަޅާފައި އޮންނަ ގޮތުން ބައެއް ބޯޓް ފަހަރުގެ ވެރިންގެ ކިބައިން ޝަކުވާތައް ލިބެމުންދާކަަމަށެވެ. އެގޮތުން މާލޭ ދަތުރުކުރާ 60 ބޯޓްގެ ވެރިން ބައްދަލުކޮށް އެ ޝަކުވާތައް ހިއްސާކުރިކަމަށް މޭޔަރު ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ބަނދަރުކުރާ ބޯޓު ފަހަރުތަކުން ފީ ނެގުމުގެ ގަވާއިދެއް ކައުންސިލުން މީގެ ކުރިން ފާސްކޮށްފައި އިޮތް ނަމަވެސް އެ ގަވައިދަށް އަމަލުކުރަމުން ނުދާކަމަށެވެ.
މި މައްސަލާގައި ވާހަކަ ދެއްކި ކައުންސިލް މެމްބަރުން ވަނީ މާސްޓާ ޕްލޭނެއް އެކުލަވާލައިގެން ޒަމީނީކޮށް ހާބަރުތައް ތަރައްގީކުރުމަށެވެ. އަދި ފީ ނެގުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ބެލުމަށް ކައުންސިލްގެ ޓްރެފިކް ކޮމިޓީއަށް މައްސަލަ ފޮނުވާ ދިރާސާކުރަން މެމްބަރުންވަނީ ތާއީދުކޮށްފައެވެ.
މީހުންގެ ތަނަަވަސްކަން އިތުރުވާވަރަކަށް އެއްގަމުގެ ކާރު ފަދަ އެއްގަމު އުޅަނދުފަހަރުގެ ބަދަލުގައ ދެން އަންނާނީ ލޯންޗުފަހަރު ކަަމަށްވާއިރު އެއެއްޗެހި ކައިރި ކުރަންވެސް ޖާގަ ބޭނުންވާނެކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ކަނޑު އޮތްތަނެއް ކަމަށާއި ދަތުރުކުރަން ބޭނުން ޖެހިފައިވާއިރު، ތަރައްގީކުރުމުގައި އެކަންކަމަށް ވިސްނަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.