
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ވަނީ މި ބިލުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާޅުކޮށް، އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަޅާފައިވާ ހުރަހެއް ކަމަށް ސިފަކޮށްފަ އެވެ.
އެގޮތަށް އެކަން އޮތުމުން ކޮމިޝަނުގެ މިނިވަންކަން ގެއްލި، ސިޔާސީ ނުފޫޒަށް ފުޅާ ދާއިރާއެއްގައި މަގުފަހިވެގެންދާނެ ކަމަށް ނޫސްވެރިން ފާހަގަކުރި އެވެ. "މި ބިލަކީ މަޖިލީހަށް ބަލައިގެން އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހާލަތެއްގައި އޮތް ބިލެއް. އެހެންވީމާ ފުރަތަމަ ކަމަކަށް އެ ބިލު ބޭރުކޮށްލަ ދެއްވާށޭ،" ދައުރު ނޫހުގެ އެމްޑީ އަހުމަދު ޒާހިރު މުހައްމަދު ކޮމިޓީގައި ވިދާޅުވި އެވެ.
މީގެ އިތުރުން، އޭރަކު އޮންނަ ސަރުކާރެއް ޕްރޮމޯޓްކޮށް ޕީއާރު މަސައްކަތް ކުރުމަށް މީޑިއާތަކަށް މަޖުބޫރުކުރުމާއި، ތެދު މައުލޫމާތު ކަނޑައެޅުމުގެ މާނަސާފު ނުވުމާއި، ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ފަދަ ކަންކަމަކީ މި ބިލުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކެއް ކަމަށް ނޫސްވެރިން ވަނީ ބުނެފަ އެވެ. އެހެންކަމުން، ބިލަށް އިސްލާހު ހުށަހެޅުމުގެ ބަދަލުގައި، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެ ބިލު އެއްކޮށް އަނބުރާ ގެންދިއުމަށް ނޫސްވެރިން ވަނީ ގޮވާލާފަ އެވެ.