
ފުލުހުން ބުނީ ވޭޕް އެތެރެކުރުމާއި ގެންގުޅެގެން މިދިޔަ މަހު 30 މީހަކު ޖޫރިމަނާކުރިކަމަށެވެ. އޭގެެތެރޭގައި ހިމެނެނީ ވޭޕް ގެންގުޅުނު 16 މީހުންނާއި ވޭޕް ބޭނުންކުރި 14 މީހެއްކަމަށް ފުލުހުން ބުނެެއެވެ.
ވޭޕް ގެންގުޅުނު 16 މީހުން 65،000 ރުފިޔާއިން އިން ޖޫރިމަނާކުރިކަމަށް ފުލުހުން ބުނެއެވެ.
ކަސްޓަމްސްއިން މީގެ ކުރިން ބުނެފައިވަނީ ވޭފް ރާއްޖެއަށް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން ޖޫން 15ގެ ނިޔަލަށް 69 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.
އެ ޖޫރިމަނާތަކުގެ އަދަދު 400،460،000 ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި ޖޫރިމަނާކުރި މީހުންގެ ތެރެއިން އެކަކުގެ ޖޫރިމަނާ 72.1 މިލިއަނަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ 15 ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.
ވޭޕްއާއި ސިނގިރޭޓް މަނާކުރުމުން އެތަކެތި ވަގަށް އެތެރެކުރާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ.