
މިކަން ހާމަކުރައްވަމުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވި ގޮތުގައި މި ބިލަކީ ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ބިލެކެވެ. އަދި މި ބިލާ ގުޅިގެން ޓޫރިޒަމް ދާއިރާއާއި މަޓީއާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއީލު ވިދާޅުވި ގޮތުގައި މި ބިލަކީ ރާއްޖެ ފަދަ ކުޑަ ގައުމަކުން އަޅާ ވަރަށް ބޮޑު ފިޔަވަޅެކެވެ. އެހެންކަމުން މި ބިލުގެ ސަބަބުން އިގުތިސާދަށް އަންނާނެ ބަދަލުތަކާއި އޭގެ އަސަރުތައް ރަނގަޅަށް ދިރާސާކުރަން ޖެހެއެވެ.
މަޖިލިސް މި ދައުރުގެ ޗުއްޓީއަށް ދާނީ 15 ޑިސެންބަރުގައި ކަމަށާއި، އޭގެ ކުރިން މި ބިލާ މެދު ގޮތެއް ނިންމާނެ ކަމަށް މުހައްމަދު އިސްމާއީލު ވިދާޅުވި އެވެ. އަދި މި ބިލުގެ މަސައްކަތް ކުރިއަށް ގެންދާނީ ގައުމަށް އެންމެ ލޮޅުން ކުޑަވާނެ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. އޭނާ އެ އިސްލާހު ހުށަހަޅުއްވާފައިވަނިކޮށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށްފަހު އިސްރާއީލު ޕާސްޕޯޓު މަނާކުރަން ނިިންމެވީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.
މީކާއީލު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވާފައިވަނިކޮށް ބަންޑާރަ ނައިބު އަހްމަދު އުޝާމުވަނީ އެއިރު ބިލު އޮތްގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެއަށް ބައެއް އިސްލާހުތައް ގެންނަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
ބިލު ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށްފަހު ކޮމިޓީގައި ބިލުގެ މަސައްކަތެއް ނުހިނގައި ހަތަރު މަހެއްހައި ދުވަސްވުމަށްފަހު އެ ކޮމިޓީންވަނީ އަންނަ ފެބްރުއަރީ މަހުގައި ބިލުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފަ އެވެ.
އެ ބިލް ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވީ މިއަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ.