ފަހުމީ މިހެން ވިދާޅުވީ ވ. ރަކީދޫގައި ގާއިމްކުރި ސޯލާ ޕްރޮޖެކްޓް އާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އެއީ ، ކުރީ ސަރުކާރުގެ އޭޑީބީ ޕްރޮޖެކްޓް އެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުންނެވެ.
އެމްޑީ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމްތަކާއި ބެޓެރީ އެނާޖީ ސްޓޯރޭޖް ހިމެނޭ ގޮތަށް މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތަ މަޝްރޫއަކީ ސްޓެލްކޯއިން ފުރިހަމައަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މުޅިން އައު މަޝްރޫއެއް ކަމަށެވެ.
އޭޑީބީން ފައިސާ ހޯދައިގެން ކުރިއަށް ގެންދިޔަ މަޝްރޫއަކީ ކުރީގެ ވެރިކަމުގެ ދަށުން ފެއިލްވެ އެންމެ ފަހުން ނައްތާލެވުނު މަޝްރޫއެއްކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
ކުރީގެ ވެރިކަމުގައި އޭޑީބީން ފައިސާ ދީގެން ހިންގި މަޝްރޫއުގެ ހާލަތު ދެނެގަނެ އާ ލީޑަޝިޕްގެ ދަށުން ލިބިފައިވާ ކުރިއެރުންތަކުގެ ކޮންޓެކްސްޓާއި ވިސްނުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވެ ފަހުމީ ވަނީ ފާޑުކިޔި ފަރާތަށް ރަކިދޫއަށް ޒިޔާރާތްކޮށް އެކަން ބަލާލުމަށް ދައުވަތު ދެއްވާފައެވެ.
މުޅި ރަކިދޫއަށް 22 ގަޑީރަށް އިޔާދަކުރަނިވި ހަކަތަ ލިބޭނެހެން ހައިބްރިޑް ޕީވީ ބެސް ޑީޖީ ސިސްޓަމެއް ސްޓެލްކޯއިން މިހާރު ވަނީ ގާއިމްކޮށްފައެވެ. އަދި އިތުރު 5 ރަށެއްގައި އެނިޒާމް ގާއިމްކުރުމަށް ވިސްނާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.