އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން ޝާފިއު (ތުއްތު) ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ.
ޝާފިއު އަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ހަޑިހުތުރު ބަސް ބޭނުންކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި މި މަހުގެ 8 ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ސުވާލު ކުރުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ޕާޓީގެ އެކްޓިވިސްޓް ހުސެން ޝާފިއު ފުލުހަށް ހާޒިރުވާން އެންގި ޗިޓު "އެކްސް"ގައި ޕޯސްޓު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުމަށް ކަމަށެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް އިރުކޮޅަކުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރައްދު ދެއްވި އެވެ.