
ސްޓެލްކޯގެ ސެމިނާ ހޯލުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭން ހުށަހަޅައިދެއްވީ މި މަސައްކަތްކުރަމުން އަންނަ އެމެރިކާގެ ދެ ތަޖުރިބާކާރުންކަމަށްވާ ސްޓީވް ރޯޝް އާއި މެތިއު ޖޭ. ރޮބިންސަން އެވެ.
ސްޓީވް އަދި މެތިއު އަކީ ރާއްޖޭގެ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުން ވަނީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ކުޅިވަރުގެ ތަޖުރިބާކާރުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކާއި، އެކަޑެމީ އަދި ކުލަބު ޖަމިއްޔާތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގެ ފުރަތަމަ ޑްރާފްޓްވެސް މިދިޔަ ފެބްރުއަރީ މަހު ތައްޔާރުކުރި އެވެ.
އިއްޔެ ހުށަހެޅި ދިގު ރާސްތާ ޕްލޭންގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ މައިގަނޑު ތިން ސަރަހައްދަކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމެވެ. އަދި ރަށް ރަށާއި، އެ ޒޯންތަކުގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއިއެކު ކުޅިވަރު ކުރިއެވޭނެ ގޮތްތަކާ ގުޅޭގޮތުން ކަަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެއެވެ.
ޖުމްލަ 20 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްލޭންގެ ކަންކަން ތަންފީޒުކުރާނީ ހަތަރު ފޭސް އަކަށް ބަހާލައިގެންނެވެ. މި ޕްލޭނުގެ އެންމެ ބޮޑު އަމާޒަކީ 2030 އަދި 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ޕޯޑިއަމް ފިނިޝިން ނުވަތަ މެޑެއްޔެއް ހޯދުމެވެ. އަދި 2036 ވަނަ އަހަރާއި 2040 ވަނަ އަހަރުގެ އޮލިމްޕިކްސްއިން ދިވެހި އެތުލީޓުން މެޑެލް ހޯދުން ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.
އޭގެއިތުރުން އިއްޔެ ހުށަހެޅި ހުށަހެޅުންތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު ދެ ދުވަހުގެ ވޯކްޝޮޕެއްވެސް ކުރިއަށްދާނެ ކަމަށާއި މި ވޯކްޝޮޕްގައި ކުޅިވަރު އެސޯސިއޭޝަންތަކާއި، ކޮމިޝަނާ އޮފް ސްޕޯޓްސް، ސްޕޯޓްސް ކައުންސިލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ސިޓީ ކައުންސިލްތައް، ހެލްތު މިނިސްޓްރީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދެއެވެ.