ރާއްޖޭގައި ދެވަނަ އެންމެ މެމްބަރުން ގިނަ ޕާޓީ ފީޕީއެމްގެ ސެނެޓް ބައްދަލުވުން މާދަމާ 14:00 ގައި ބާއްވަން ތާވަލުކޮށްް ސެނެޓް މެންބަރުންގެ ވަޓްސްއެޕް ގްރޫޕަށް ވަނީ މެސެޖެއް ފޮނުވައިފައެވެ. މި ބައްދަލުވުން އޮންނާނީ ޕީއެންސީ އޮފީހުގައިކަމަށް ްއެ މެސެޖުގައިވެއެވެ.
ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ 17 އޮކްޓޯބަރު ގައެވެ. އެދުވަހުގެ ސެނެޓުން ވަނީ ފީޕީއެމް އުވާލަން ފަސޭހަކުރުމަށް އަސާސީ ގަވައިދަށް ބަދަލުތައް ގެންނަން ފާސްކޮށްފައެވެ.
ޕީޕީއެމްގެ ހިންގާ ގަވާއިދުގައި ބުނާގޮތުން އެޕާޓީ އުވާލެވޭނީ ޕާޓީ ހިންގުމަށް ދަތިވާވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން ޕާޓީގެ ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށްފަހު ފެންނަކަމަށް ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ އެވެ.
އެހެންނަމަވެސް އެންމެ ފަހުން ބޭއްވި ސެނެޓުން ވަނީ ޕާޓީ އުވާލަން ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން އޮތް މާއްދާ ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ ތިންބައިކުޅަ ދެބަައިގެ އަގުލަބިއްޔަތުން ބަދަލުކުރުން ނިންމާފައެވެ. އަދި ލީޑާޝިޕަށް ފެނިއްޖެ ނަމަ ޕާޓީ އުވާލަން ހުށައެޅިދާނެކަަމަށް ބަދަލުކުރަންވެސް ވަނީ ނިންމާފައެވެ. ކުރިން އަސާސީ ގަވައިދުގައި އޮންނަނީ ޕާޓީ އުވާލަން ހުށައެޅޭނީ ޕާޓީ ހިންގުމަށް ދަތިވާ ވަރަށް ޕާޓީގެ މާލީ ހާލަތު ދަށްވުމުންކަމަށެވެ.
ޕީޕީއެމް އަކީ ކުރިން ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމާއި އެ މަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެވެ. ޕީޕީއެމް ރަޖިސްޓްރީ ކުރީ 27 އޮކްޓޯބަރު 2011ގަ އެވެ. އެހެން ނަމަވެސް ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫނާ ދެ ބޭފުޅުންގެ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި މައުމޫން ވަނީ އެޕާޓީން ވަކިކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް އެޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައީސް ޔާމީންނެވެ.