ads
ސިއްރު - ހަތަރު ވަނަ ބައި
އެޕިސޯޑް 4
Advertisement

ބުރާސްފަތު ދުވަހުގެ އަދަދާއި ގުޅޭ

އެއްމިޔަކަނުން ފާޅުވާންފެށި ލާނެއް ހިނިތުންވުން ފޮރުވަން ކުރެވުނު ހުރިހައި މަސައްކަތެއް ސަރ ކުރި އެވެ. އެކަމަކު އެކަން ސަރ އަށް މިފަހަރަކު ނުކުރެވުނެވެ. އަހަރެންގެ ހާލަކީ ކޮބައިކަން މިތާގައި ނުބުނިއްޔާ މާ ރަގަޅުވާނެ އެވެ. ލަދުން ރަތްވެ، ހުރިތަނަށް އަޑިއަށް ވަންނާނެ ނަމައޭވެސް ހިތައް އެރިއެވެ. 

އަހަރެންގެ އެވަގުތުގެ ހާލު، ފޮރުވަން އުޅުނަސް ސަރއަށް އެނގުނުކަން  ޔަގީނެވެ. މިއަދަކީ އަހަރެންގެ ބަރތް ޑޭ ކަން ސަރ ހަނދާނެއް ނުނެތޭކަންވެސް މިހާރު ޔަގީން ވެއްޖެ އެވެ. އެކަމަކު އަހަރެންގެ މި މުނާސަބު ވަގުތު ސަރއަށް މުހިއްމެއް ނުވި އެވެ..

"މިރޭ ރިދަމް ސްޓޫޑިއޯއާއެކު، ރޮކް5 ބޭންޑްގެ އެންމެ ބޮޑު ޕްރޮޖެކްޓް ސޮއިކުރާ ރަސްމިއްޔާތަށް އަހަރެންގެ ގެއަށް، ގަޑި ނުޖެހި ހާޒިރުވާނެކަމަށް ވަރަށް އުއްމީދުކުރަން.. އަދި މާދަމާ ގަޑި ނުޖެހި އޮފީސް މަސައްކަތައް ހާޒިރުވާނެކަމަށްވެސް އުއްމީދުކުރަން" ފާޑަކަށް ހިނިއައިސްފައި ސަރ ބުނެލި އެވެ. ފަސްއެނބުރި އެއް ލޯ މަރައިލާފައި ހިގައްޖެ އެވެ.

ގުޑާލަން ނޭގިފައި ހުރެވުނީ އަހަންނަށެވެ. ދާދި ދެންމެ ހިގައި އެދިޔައީ ކޮންފަދަ ކަންތައް ގަނޑެއް ހެއްޔެވެ؟

ކުރެވުނު ހުރިހައި އުއްމީދެއް ވަޅުލެވުނީ އެވެ. ސްޓައިލް ބަދަލުކޮށްގެން އޮފީހަށް އާދެވުނީތީ އަމިއްލަ ނަފުސސުދެކެ ފޫހިވި އެވެ. ވަގުތުން އޮފީހުން ބޭރަށް ނުކުންނަން އަހަރެންގެ ހިތް އެދުނެވެ. 

"މޮންސްޓަރރރރ.." އަހަރެންގެ މި ހަށިގަނޑުގެ އެންމެ ކުޑަކުޑަ ސެލްވެސް އެ އަޑުގައި ބައިވެރިވި އެވެ. 

ހައިރާންވެ އަންތަރީސްވިކަމަކީ ހަމަ އެވަގުތު އިހްތިޔާރެއްނެތި އަހަރެންގެ އަތް އުފުލާލެވި، ކަނދުރާގައި މަޑުމަޑުން ފިރުމާލެވުނެވެ. ސަރގެ ނޭވާގެ އަސަރު އަހަރެންގެ ލޭނާރުތަކާއި ހަމައަށް ފޯރި އެވެ. ހޫނު އެ ނޭވާގެ އަސަރުތައް ބަޔާންކުރާކަށް އަހަރެން ނެތީމެވެ. ލަދުން އިސްޖަހައިލެވުނީ އެ އިހްސާސް އަހަރެންގެ މުޅި ހަށިގަނޑަށް ފެތުރުނީތީ އެވެ. 

ސަރ އާއިމެދު މިފަދަ ގޮތަކަށް ހިޔާލްކުރެވި، އަހަރެންގެ ހިތް ގަޑުބަޑުކުރުމަކީ ކިހައި ނުރައްކާތެރި ކަމެއްކަން އެހެންމީހަކު އަހަންނަށް ވިސްނައިދޭކަށް ނުޖެހޭނެ އެވެ. އާއެކެވެ. މިއީ ގޯހެކެވެ. ހައްދެއް ނެތް މިންވަރަށް މިއީ ގޯހެކެވެ. ހިތުގައި ޅިޔައއަޅާފައި ލޮނު އެޅިޔަސް، މިއަށްވުރެން ވޭން ކުޑަވާނެކަން ޔަގީނެވެ.

އެކަމަކު އެއިން ކޮންމެ ފުރުސަތަކަށް އަހަރެންގެ މިހަށިގަނޑު އެދި އާދޭސްކުރަނީ އެވެ. އެއަށްވުރެން ލޮބުވެތި އެހެން އެއްވެސް އިންސާނަކު  އަހަންނަށްޓަކައި މި ދުނިޔޭގައި ލައްވާފައި ނުވާނެ މިންވަރަށް އެކަމަށް މިހިތް އެދެ އެވެ.

ޔަގީންވާ އެއްކަމެއް އެބައޮތެވެ. އަހަރެންގެ ހިތުގެ ރިހުމަށް ތަސައްލީއެއްގެ ގޮތުގައި ބޭނުންވަނީ ހީރޯ އެއް ނޫނެވެ. މިހިތް އުފާކޮށްދޭނެ 'މޮންސްޓަރ'އެކެވެ.

.....................

ލައިގެން މިހުރި ހެދުމުން އުނދަގުލެއް ނުވެ އެވެ. މޭކަޕް ކުރުމާއި އަހަރެންގެ ނަން އެއް ޖުމުލައެއްގައި ނުވވެސް ލިޔެވޭނެ އެވެ.  އެކަމަކު މިރޭ އަހަރެންގެ މޫނު ހީވަނީ ސިމެންތިޖަހައި ޕުޓީއަޅައި އޮމާންކޮށްފައިވާ ފާރެއް ހެނެވެ. އަރާފައިވާ ހައި ހީލްސްގެ ސަބަބުން ހިނގާކަށްވެސް އުނދަގުލެއް ނޫނެވެ. އެކަމަކު އަހަންނަކީ ފަރުވާތެރިވުމުގައި، އަބަދުވެސް ފަހަތުން އެއްވަނަ ހޯދާ މީހެކެވެ. ފައިދާބޮޑީ އެފަދަ ވަނަތަކާއި ގިނަގިނައިން ދުރުހެލިވުމެވެ. 

ހުޅަނގުގެ ސަގާފަތާއި އެއްގޮތަށް ހެދުން އެޅުމަށް އަހަރެން ފަރިތަވެފައި ނެތަސް، ކޮންމެވެސް ވަރަކަށް ކުރު ހެދުންވެސް ލަމެވެ. އެކަމަކު އެއީ ވަރަށް މަދު ހާލަތެއްގަ އެވެ. ގައިގެ ބައްޓަމަށް ފައްތާފައިވާ އުރައެއްފަދަ މިހެދުން ލައިގެން، މި ހީލްސްއަށް އަރައިގެން މިރޭ އަހަންނަކަށް މާ ފަސޭހައެއް ނުވި އެވެ. މިފަދަ ހަފްލާއަކަށް އަހަރެން ހެދުން އަޅާފައި މިހުރީ އަމިއްލަ ނަފުސު ލޯގަނޑުން ފެނުނަސް ދެ ލޯ މަރައި ތަގުޅިކޮށްލެވޭ ފަދަ މިންވަރަކަށެވެ. މިއީ އަހަރެން ބޭނުންވެގެން އަހަރެންގެ އިހްތިޔާރުގައި ކުރިކަމެއް ނޫނެވެ. 

މިއީ ނަޔާރާގެ އުފެއްދުމެކެވެ. މި ނޫން އެހެން އެއްޗެއް އަހަރެން ނުލާން ނަޔާރާ އަމުރުވެސް ކުރި އެވެ. އެމީހުން އެކުރާ ސޮއެއް ނިންމާފައި ކޮންމެވެސް ތަނެއްގައި އޮތް 'ހައި ޕްރޮފައިލް ޕާޓީ'އަކަށް މިރޭ ދާންޖެހެނީ ޔޯލަ އެވެ.

އެމީހުން ދިޔައިމަ ނިމުނީ ނޫންހެއްޔެވެ؟ އެކަމަކު މަޖުބޫރު ކޮށްގެން ގަދަކަމުން ހެދުން ލައްވައި އުވަޖަހުވައިގެން އަހަރެން ގެންދަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެންގެ ބަރތްޑޭ ވިޝް ނުކުރިތާގައި އޭގެން މީހަކު އެކަން ހަނދާންވެސް ނެތެވެ. މިފަދަ ހާއްސަ ދުވަހެއް ނިންމާލަން އަހަންނަށް މިޖެހުނީ ކޮންފަދަ 'ފުރިހަމަ' ކަމަކާއެކު ހެއްޔެވެ؟ 

ޓެކްސީއެއް ލިބޭތޯ ކުރެވެން އޮތް ހުރިހައި ކަމެއް ކޮށްފީމެވެ. ކާމިޔާބެއް ނުވި އެވެ. ވީފޫއްސަކުން، އަމިއްލަ ދެ ކޯ ހަފަމުން ކުދިކިޔަމުން ހަދައިލެވުނު ގޮތެއްވެސް ނޭގުނެވެ. އަހަރެން އަރި އަޅައިލީ އެކަމަށް ވިސްނާނުލާ ހުއްޓަ އެވެ.

ނިކަމެތި ލޮއީފު މި ހަށިގަނޑު ބިމަށް ވެއްޓި ހުޅުތަކާއި ކަށިތައް ބިނދުމުގެ ކުރީން އަހަރެން ވައިގެ ތެރޭގައި އުފުލިއްޖެ އެވެ. ބާރުގަދަ ދެ އަތަކުން އަހަރެން އުފުލާލި އެވެ. އުނގަނޑުގައި ހިފާފައި ލޮބުވެތިކަމާއެކު ގާތްކޮށްލި އެވެ. އަދި އެމީހެއްގެ ތަނަވަސް މޭމަތީގައި އަހަރެން ފިއްތާލި އެވެ.

ހަށިގަނޑު ޖެހުނީ ބިންމަތީގައި ނޫންކަން ކަށަވަރުވީ، އެވަގުތު ދުވި ހިތްގައިމު ފިރިހެން ސެންޓްގެ ހިތްގައިމުކަމުންނެވެ. އެވަހަކުން އަހަރެންގެ ހަވަނަ ހިއްސު ހޭލައްވައިލި އެވެ. ލަސްލަހުން އެސްފިޔަތައް ހުޅުވާލީމެވެ. 

ވިދާ ބަބުޅަމުންދިޔަ ތަނަވަސް ލޮލެއްގެ އަލިގަދަ ވިދުވަރާއެކު ހިނިތުންވެފައިވާ މޫނުގެ ތާޒާކަން އަހަރެންގެ ހިތަށް ފިނިކަން ދިނެވެ. ބައްޓަން ރީތި ތޫނު ކަތުރުކަށިގަނޑަށް އަހަރެންގެ ދެ ލޯ ހުއްޓުނެވެ. އިނގިލި ބީއްސާލައިފިއްޔާ، ކަފައިގެންގޮސް، ލޭ ވެސް އަތުވެދާނެހެން ހީވި އެވެ. މާ ޝާ ﷲ އެވެ. ހާދަހައިވާ ފުރިހަމަ މޫނެކެވެ. ޒުވާނުންގެ ތެރެއިން މި ކިޔާ 'ހޮޓް' ފިރިހެނުންނަކީ މިއީ ހެއްޔެވެ؟

"އަ'އެމް ސޯ ސޮރީ- އެންޑް ތޭންކް ޔޫ!" ލަދުރަކި ހިނިތުންވުމަކާއެކު އަހަރެން ބުނެލީމެވެ. އަދި އެ ޒުވާނާގެ ހަށިގަނޑާއި ދުރަށް ޖެހިލެވޭތޯ ހަރަކާތް ކޮށްލީމެވެ.

"އިޓްސް އަ ޕްލެޝަރ ޕްރިޓީ ލޭޑީ" ހަމަ އެފަދަ ހިނިތުންވުމަކާއެކު ޒުވާނާ ބުނެލި އެވެ. އަންހެން ކުދިން ފިދާވެ، ހޭބުއްދި ފިލާވަރުގެ ހިތްގައިމު ހިނިތުންވުމެކެވެ. 

ފުރަތަ ނަޒަރުންވެސް އަހަންނަށް އޭނާ ކަމުގޮސްފި އެވެ. 

"ރިދީ.. ރިދީ އިމާދު.." ސަލާމް ކޮށްލަން އަތްދިއްކޮށްލަމުން އަހަރެން ތައާރަފްވެލީމެވެ. 

"އިކާން.. އިކާން އަހްމަދު" ޒުވާނާވެސް ތައާރަފްވެލައިފި އެވެ. 

ބުމައަށް ދެތިން ރުލެއް އަރުވާލެވުނެވެ. ޔަގީނެވެ. ކޮންމެވެސް ތާކުން އެ ނަން އަހަރެން އަޑުއެހީމެވެ. އެކަމަކު މިއީ އެކަމާމެދު ވިސްނަންވީ ވަގުތެއް ނޫނެވެ. ކުރިމަތީގައި ހުރި ފުރިހަމަ ޒުވާނާއަށް އަހަރެންގެ ސަމާލުކަން ހުއްޓުވާލީމެވެ.

"ތިބާގެ މިނިވަންކަމުގެ އިން ތެރެއިން ޖާގައެއް ލިބޭނެކަމަށްބަލާފައި އެއްޗެއް ބުނެލަން ބޭނުން.. ހީވަނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެން.. އަހަންނަކީ ރައްޓެއްސެއްކަމަށް ދެކެންޏާއި، ތިޔަ ސިކުނޑީގައި ހުރި ހުރިހާ އުދާހެއް އަހަރެންގެ ކުރިމަތީގައި ހުޅުވާލަބަލަ..! ނޫނީ މިތަނުގައި ހުންނާން ބޭނުން ނުވަންޏާއި ތިބާގެ މަންޒިލަށް އަހަރެން ގެންގޮސްދީފާނަން..!" ހިނިތުންވަމުން އިކާން ބުންޏެވެ.

އޭނާ ކިތަންމެ ހިތްހެޔޮވެފައި ގާތްކޮށް ވާހަކަދެއްކިޔަސް، އަހަރެން ޖެހިލުންވި އެވެ. ދާދި ދެންމެ، މީގެ މިނެޓްކޮޅެއް ކުރީން ބައްދަލުވި މީހަކަށް އަހަރެން އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟ 

"އިޓްސް ނަތިންގ ލައިކް ދެޓް! އަސްލު، މިއަދަކީ އަހަރެންގެ ބަރތްޑޭ.. އެކަމަކު ހެނދުނުން ފެށިގެން އޮފީސް މަސައްކަތްތަކާއި މީޓިންގތަކުގައި އަހަރެން ތާށިވެގެން އުޅެންޖެހުނީ... އެހެންވީމަ..!" ދެބައިކުޅައެއްބައި ހަގީގަތަށް އަހަރެން ބުނީމެވެ.

"އޯހ.. އިޓްސް ޔޯ ބަރތްޑޭ..! ހެޕީ ބަރތްޑޭ ޓު ޔޫ ބިއުޓިފުލް" އެއް އަރިމަތީން އަހަރެން ގައިގައި ކުޑަކޮށް ބައްދާލަމުން އޭނާ ވިޝްކޮށްލި އެވެ. ކޮންމެވެސް ވަރެއްގެ ގާތްކަމެއް ނުވަތަ ދެމީހުންގެ ދެމެދު ކޮންމެވެސް ފާޑެއްގެ ގުޅުމެއް އޮތްކަމަށް އަހަންނަށް އިހްސާސްކުރެވުނެވެ.

މިވަނީ ކިހިނެއް ހެއްޔެވެ؟ އިކާންއާއި އަހަރެންނާއި ދެމެދު ކޮންމެވެސް ގުޅުމެއްވާކަން އަހަންނަށް އިހްސާސްކުރެވިއްޖެ އެވެ. މިއީ ހީވި ހީވުމެއް ނޫނެވެ. އެއަށްވުރެން ފުންކޮށް އަހަރެންގެ ސިކުނޑި އެކަމަށް ބާރުއަޅައިފި އެވެ. 

"އެހެންވީމާ، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަހަންނަށް މިވަގުތު ކޮށްދެވޭނެކަމަކީ، ރިދީގެ މަންޒިލަށް އަމާނާތްތެރިކަމާއެކު ގެންގޮސްދިނުން.. އެ ގޮތް ކިހިނެއް ވާނީ..؟" އެއް ލޯ މަރައިލަމުން އިކާން ބުންޏެވެ.

ބޮލުގެ އިޝާރާތުން އަހަރެން އާއެކޭ ބުނީމެވެ. ލިބުނު އުފާވެރިކަން އިކާންގެ މޫނުމަތީން ސިއްރެއް ނުވި އެވެ. ޖީބުން ފޯނު ނަގާފައި އޭނާގެ ޑްރައިވަރަށް ގުޅާލި އެވެ. 

ޖެހިގެން އައި މިނެޓްގައި އަހަރުމެން ދެމީހުންގެ ކުރިމައްޗަށް ހުއްޓާލީ އޮފުއަރުވާލާފައިވާ ޖެޓްބްލެކް ބީއެމމްޑަބްލިއު ކާރެކެވެ. 

ހަމަ އެސިކުންތުގައި ޕެސެންޖަރ ސީޓްގެ ދޮރު ހުޅުވާލާފައި ހިނިތުންވި އެވެ. އިޝާރާތްކޮށްލީ ކާރަށް އެރުމަށެވެ.

ހިތަށް އެރި އެވެ. އަހަންނަށްޓަކައި ދުނިޔޭގައި  އިހްތިރާމާއި އޯގޭތެރިކަން އަދި ނިމުނީއެއް ނޫނެވެ. ފާއިތުވވި މާޒީގައި ދިރިއުޅުން ތަފާތު ހަރުފަތެއްގައި ފާހަގަކުރެވެންފެށީ އޮފީހަށްވަދެ، އީތަން ސަރއާއެކު އުޅެވެންފެށި ފަހުންނެވެ. އެހެން މީހަކާއިމެދު އަހަރެން މިހާރަކު ނުވެސް ވިސްނަމެވެ. 

ހޭލާހުއްޓަސް ނުވަތަ ހުވަފެނެއްގައިވިޔަސް އީތަން ނޫނީ އަހަރެންގެ ހަޔާތުގައި ނުވެ އެވެ. އީތަންއާއެކު މިހޭދަކުރެވުނު މުއްދަތުގައި އަހަރެން ހަނދާންނެތިފައިވާ ކަމެއް މިރޭ ވުޖޫދު ވެއްޖެ އެވެ. އެއީ އިހްތިރާމާއި އޯގާތެރިކަމެވެ. ސަރގެ ލޯ އެޅުމާއި ހަރުކަށިކަމާއި ބާރުއަޑުން އަމުރުކުރުމާއި އަހަންނާއި ދިމާއަށް އެއްޗެހިކިޔުމެވެ. އެނޫން ކަމެއް އަހަރެންގެ ހަޔާތުގައި ނެތްކަމަށް އޮތީ ނިންމިފަ އެވެ. 

އެ ގޮތްވެސް އެންމެ ރަގަޅެވެ. އަލަހަމްދު ލިއްލާހި އެވެ.

"ރިދީގެ މަންޒިލަކީ ކޮބައި..؟" ހިނިތުންވެފައި އިކާން ސުވާލުކޮށްލި އެވެ.

އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ހިނިތުންވީމެވެ.

"އަހަރެންގެ މަންޒިލް.... އީތަން!!" އަހަރެންގެ ދުލުން އާހެއްގެ ގޮތުގައި ބޭރުވި ޖުމުލައިން އިހްތިޔާރެއް ނެތި ހިނިތުންވެވުނެވެ. ހަމައެކަނި އީތަންގެ ހިޔާލުން އަހަންނަށް މިވަރު ވަންޏާއި ދުވަހެއްގެ ކޮޅުންވެސް އީތަން ލިބިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

އީތަންގެ ހިނިތުންވުމަކީ އަހަންނަށް ނުރައްކަލެކެވެ. އޭނާގެ ބަރު އަޑު އެއީ އަހަންނަށް ދަންތުރައެކެވެ. އޭނާގެ ވިސްނުމާއި ފިކުރުގައި އަހަރެން ބަނދެވިއްޖެ އެވެ. ފާއިތުވެދާ ކޮންމެ ދުވަހަކީ މި މަޅީގައި އިތުރަށް އަހަންނަށް ބަނދެވިގެންވާ ވަގުތުތަކެކެވެ. 

"ރިދީ.." އިކާންގެ އަޑުން އަހަރެންގެ ހިޔާލީ އިމާރާތް ފުނޑުކޮށްލި އެވެ. 

ހުވަފެނުގައި އިނދެވުނީ އީތަންގެ ހިޔާލްތަކުގެ ތެރެއަށެވެ. ގަތް ލަދެއް ބުނާކަށް ނުކެރޭނެ އެވެ. ކާރުގެ ދޮރުން ބޭރަށް ބަލައިލީމެވެ. އިކާންއާއި ހަތަރުކަޅި ހަމަކުރާންވެސް ނުކެރުނީ އެވެ. އީތަންގެ ދުނިޔެއަށް ގެއްލި ހުސްވެފައި އިނދެވުނީތީ އެވެ. 

"މަނިކް ވިލާ.." ކިތަންމެ ލަދުގަތަސް، އަހަރެން ބުނީމެވެ. އަހަރެންގެ މިރޭގެ މަންޒިލަކީ އެއީ އެވެ. 

ދަތުރުގެ މަންޒިލަށް ދެވެންދެން ދެމީހުންގެ ދެމެދުގައި ތަފާތު ވާހަކަ ދެކެވުނެވެ. ކާރުން ފޭބުމާއެކު އަހަރެން އިކާންއާއި ދިމާއަށް އެބުރުނީމެވެ. ޝުކުރު އަދާކުރުމަށެވެ. އަދި ފަހަރެއްގައި އެއްވެސް ކަމެއްގައި އަހަރެންގެ ނަންބަރު އޭނާ ބޭނުންވެދާނެ ކަމަށެވެ. 

"ގުޑްބައި، ޓިލް ޑެސްޓިނީ ވޯންޓްސް އަސް ޓު މީޓް އެގެއިން، ޕްރިޓީ ލޭޑީ..! އަތުން އިޝާރާތްކޮށްލަމުން އިކާން ބުނެލި އެވެ. ތެދެކެވެ. ތަގުދީރުގައި އަހަރުމެން ބައްދަލުވުމަށް ލިޔެވިފައިވާނަމަ، އަދި ބައްދަލުވާނެ އެވެ. 

އުފާވެރި ހިނިތުންވުމަކުން އޭނާ އަހަރެންނަށް ހިތްގައިމުކަން ގެނެސްދިނެވެ. ބައްދަލުވި ވަގުތުން ފެށިގެން އަހަރެން އާޝޯހްކުރުވުން އިކާން ހުއްޓައި ނުލަ އެވެ. ފިރިހެނުންގެ ތެރޭގައިވެސް ޝައުގުވެރި މީހުން އުޅޭކަން މިރޭ އެގިއްޖެ އެވެ.

...............

ބޮޑު ގޭގެ ގޯތިތެރެއިން ޖެހިލުންވުމާއެކު  ހިނގަމުންދިޔައީމެވެ.  އެހެންޏާއި ބަލާފައި ގޯތިތެރެ މިރޭ އަނދިރި އެވެ. ވަރަށް އަނދިރި އެވެ. މައި ދޮރާއި ހަމައަށް ދެވޭތޯ އަހަރެން ހިނގަމުން ދިޔައީމެވެ. މޭގައި އޮތް ހިތް ތެޅޭއަޑު ސާފުކޮށް ކަންފަތަށް އިވެ އެވެ.

"ކާމިލް.." ނުތަނަވަސްކަމާއެކު އަހަރެން ގޮވައިލީމެވެ. ޖަވާބެއް ނުލިބުނެވެ.

އަނދިރީގެ ތެރެއިން ކުއްލިޔަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނީ ބޮޑު ފުއްޕާހަމެއްގައި ތަތްކޮށްފައިވާ ނޯޓަކަށެވެ. އޭތި ދަމައިގަތްފައި ކިޔާލީމެވެ.

-އަހަރުމެން ފެންނާނެ ތަން ހޯދަން އިނގޭނެ- 

މިއީ އަހަންނަށް ލިޔެފައި އޮތް ނޯޓެއްކަން އިނގޭކަށް ނެތެވެ. އެކަމަކު ހިތް ބުނީ އެއީ އަހަރެންނަށް އޮތް ލިޔުންކޮޅެއް ކަމަށެވެ. އެކަމަކު އެމީހުން ހޯދަން އަހަރެން ދާނީ ކޮންތާކަށް ހެއްޔެވެ؟ ވިސްނާލީމެވެ. ކުއްލިޔަކަށް ސިކުނޑީގެ ބައްތި ދިއްލުނުފަދަ އެވެ. ތެދެކެވެ. އެމީހުން ތިބޭނެތަން އަހަންނަށް އިގެ އެވެ.

ފޯނުގެ ލައިޓް ދިއްލައިގެން އަހަރެން ދުއްވައިގަތީމެވެ. އެއީ މިގޭގެ އެންމެ މުހިއްމު އޭރިއާ އެވެ. އެއީ އެމީހުން ޕްރެކްޓިސް ކުރާތަނެވެ. އެމީހުންގެ އުފަލާއި މާޔޫސްކަމާއި އަދި ނާއުއްމީދުގެ ވަގުތުތައް ހޭދަކުރާ އެންމެ ހާއްސަ މަންޒިލެވެ. އެއީ އެކަކު އަނެކަކަށް ޖެއްސުންކޮށް، ރޮއެ، ތަޅާފޮޅާ އަދި 'ވީކެންޑް ޕާޓީ'ތައް ބާއްވާ މަންޒިލެވެ. އެއީ އެމީހުންގެ ކާމިޔާބާއި ނާކާމިޔާބުގައި އެއްތަންވާ ތަނެވެ. މިއިން ކޮންމެ ހިދެއްގައި އެމީހުންނާއި ދާދި ގާތުގައި އަހަރެން ހުރެދެމެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް