ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ރިފާސްއާއި އަހުޒަމް އަބްދުއްޝަކޫރު އަދި ހަސަން ފަވާޒުގެ ސެލް ލޮކޭޝަނާއި ކޯލް ރެކޯޑިންތައް ހިމެނެ އެވެ. މީގެ އިތުރުން ނައީމާ މަރާލި ވަގުތު ބޭނުންކުރި މާސްކާއި އަންގި އަދި ދެ ވަޅި ވަޅުލާފައި އޮތް ތަނުން އެ ތަކެތި ފެނުނު ކަމާއި އެއީ ރިފާސް ބުނި ތަން ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.
ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ވަޅުގަނޑުން ނެގި ތަކެތިން ނައީމާގެ ޑީއެންއޭ ފެނުނު ކަމަށް ބަޔާންކުރާ ޑީއެންއޭ ތަހުލީލު ރިޕޯޓު ވެސް ހިމެނެ އެވެ. އަދި ރިފާސްގެ ބަޔާން ނެގި އިރު ހަރަކާތްތެރިވި ފުލުހުންނާއި ތަހުގީގުގައި ބައިވެރިވި ފުލުހުންގެ ހެކިބަސް ނެގުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
ރިފާސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިތަކަކީ ކުށް ހިނގި ތަނުގައި އެ ވަގުތު އޭނާ ނެތް ކަން ސާބިތުކުރުމަށާއި އިއުތިރާފު ބަޔާން ދިނީ ވަކީލުގެ ލަފާގެ މަތިން ޖިނާއީ އަދުލުގެ ނިޒާމުން ލިބޭ ހައްގުތައް ނޭނގި ހުރެ ކަން ސާބިތުކުރުމަށް ކަމަށް ވެ އެވެ.