ރައީސް މުއިއްޒު މިދިޔަ ނޮވެންބަރު 25 ގައި މަޖިލީހަށް ފޮނުއްވި ފުއާދުގެ ނަންފުޅަށް ކޮމިޓީގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުން ރުހުން ދީފަ އެވެ. ކޮމިޓީގެ މުގައްރިރު ބުނީ ފުއާދުގެ ކިބައިގައި ގާނޫނުގައި ބަޔާންކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
ފުއާދަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު އިންތިގާލީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރެއްވުމަށްފަހު، 2009 ވަނަ އަހަރު ދާއިމީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންވި އެވެ. އެ މަގާމުގައި 2014 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް ހުންނެވި އެވެ.
އޭގެ ފަހުން 2019 ވަނަ އަހަރު އަލުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންވުމަށްފަހު، 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންވި އެވެ. އޭނާގެ ދައުރު ހަމަވީ މިދިޔަ ނޮވެންބަރު 23 ގައެވެ.