ads
މޫޑީސްއިން ބަލާފައިވާ މައިގަނޑު ކަންކަމަށް ސަމާލު ވާނެ: ފިނޭންސް މިނިސްޓްރީ
ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ފާހަގަކޮށްފައިވާ މުހިއްމު ނުކުތާ ތަކަށް ސަމާލުވެ، އެ ކަންކަން ރަނގަޅުކުރަން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފި އެވެ.
Advertisement

މިދިޔަ ސްޕްޓެމްބަރު މަހު، މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށް، ރާއްޖޭގެ އައުޓްލުކް އޮތީ"ރިވިއު" އަށް ލައިފަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެ އިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން އޭރު ބުންޏެވެ.

އެކަމަކު ރޭޓިން ރިވިއު ކުރި މުއްދަތަށް ފަހު، ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދަމަހައްޓަން ނިންމީ މޫޑީސް އިން ބުނި ގޮތުގައި، ރާއްޖޭގެ މާލީ ހާލަތު ކުރިއަށް ވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަަށް ރިއާޔަތްކޮށެވެ.

މޫޑީސްގެ ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ އެޖެންސީގެ ރޭޓިން ބަލައިގަނެ، ސަރުކާރުން އަޅާފައިވާ އަދި އަޅަން ރާވާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައި ވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ތެރޭގައި ހަރަދުކުޑަކުރަން ރާވާފައިވާ ސަބްސިޑީ ޓާގެޓު ކުރުމާއި ދައުލަތުގެ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތަށް އަލިއަޅުވާލާފައި ވެ އެވެ.

"ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށް ވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ސެޕްޓެމްބަރު މަހު، ރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއް ކަމުގައި މޫޑީސްއިން ބަޔާންކޮށްފައިވޭ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ކުރިއަށް އޮތް އަހަރު ނުވަތަ ދޮޅު އަހަރު ދުވަސް ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭތީ ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ ކަމަށް މޫޑީސްއިން ވަނީ ބުނެފަ އެވެ.

އަންނަ އަހަރު ދަރަނި ދައްކަން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭއިރު، ޖެހިގެން އަންނަ 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން އާ ގާތްކުރުމުގެ ކަންބޮޑުވުން މޫޑީސްގެ ބަޔާނުގައި ވަނީ ފާޅުކޮށްފަ އެވެ.

ޑޮލަރުގެ އާމްދަނީ އިތުރުކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަނީ ފިސްކަލް ސްޓްރެޓެޖީއެއް އެކުލަވާލާފަ އެވެ. އަދި އާމްދަނީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ވެސް ފިޔަވަޅުތަކެއް އަޅަމުންދާއިރު، އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާވެސް ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް