އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15, ގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް އޭރު ހާމަކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދެއް ކަމަށްވާ އަފްރާހު އިސްމާއިލް ރައީސް އޮފީހުގައި އެދުނީ އެ 228 މީހުންގެ ނަމާއި, މަގާމާއި, މުސާރަ އަދި އައްޔަނުކޮށްފައި ތިބި އިދާރާގެ މައުލޫމާތު ދިނުމަށެވެ.
ނަމަވެސް, ރައީސް އޮފީހުން އެ މައުލޫމާތު ދީފައި ނުވާކަން އެކްސްގައި އަފްރާހު ހިއްސާކުރި އާރުޓީއައިގެ ޖަވާބުން އެނގެ އެވެ. އެ މައުލޫމާތު ނުދިނީ އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ އެވެ.
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ޖުމްލަ ބަޖެޓުގެ އެއް ޕަސެންޓެވެ. އެހެންކަމުން ސިޔާސީ މުވައްޒަފުންގެ މުސާރައަށް އަހަރު ހޭދަކުރާނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު މިވަގުތުވެސް އުޅެނީ 1500 އިން މަތީގައި ކަމަށް މައުލޫމާތު ލިބެ އެެވެ.