ads
ސިއްރު - ފަސް ވަނަ ބައި
އެޕިސޯޑް 5
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ 

އަހަރެންގެ މަންޒިލަށް ފައިއެޅުމުން ފޯނުގެ ލައިޓް ނިންވާލަން އުޅުނީމެވެ. އެކަމަކު އަނެއްކާވެސް ލިބުނީ މާޔޫސްކަމެވެ. މިތަނުގައިވެސް މީހަކު ނެތެވެ. ލިބުނު ނާކާމިޔާބުގައި ފުރަގަސްދީ، ނިކުންނާން އެނބުރެލިވަގުތު އަހަރެންގެ ކަންފަތް ފަޅައިގެން ދާވަރުގެ ގަދައަޑުން ސިއްސުވާލި އެވެ.

"ހެޕީ ބަރތްޑޭ ރިދީ" އަހަރެންގެ ކަންފަތް ބުޑުގައި އެމީހުން އެންމެން ހަޅޭއްލަވައިގަތީ އެއްފަހަރާ އެވެ. ގަތް ބިރުން ފުންމައިގެން އެރުނީ އެތާހުރި ސޯފާ މައްޗަށެވެ.

'އެމީހުން އެންމެން'ނޭ އަހަރެން މިބުނި ބުނުމުގައި އެކަކު ޝާމިލެއް ނުކުރަމެވެ. އާއެކެވެ. އެއީ އީތަން އެވެ. ވަކިވަކިން އެ ހަތަރު މީހުން ގައިގައި ބައްދާލާފައި އަހަރެން ޝުކުރުވެރިވީމެވެ. 

އަހަރެން އުފާވި އެވެ. އިންތިހާއަށް އުފާވި އެވެ. މުޅި ދުވަހު އިންތިޒާރުކުރި ވަގުތަކީ މިއީ އެވެ. އެކަމަކު އަހަރެންގެ ދެ ލޯ ހޯދަމުންދިޔައީ އެންމެ ސޫރައެކެވެ. އެ ހުސްކަން މި ހިތުގައި މިވަގުތުވެސްވެ އެވެ.

ހަމަ އެވަގުތު ކުޑަ ޓްރޯލީއެއްގައި އަހަރެން ކުރިމަތީގައި ނަޔާރާ ގެނެސް ބެހެއްޓީ ވަރަށް ރީތި ކޭކް އެކެވެ. އަހަރެންގެ ހިތުގެ އަޑިން ކޭކްއަށް ތައުރީފުކުރީމެވެ. އެންމެން އަހަރެންގެ މި އުފަލުގައި ބައިވެރިވުމަށް އަހަރެން ބޭނުންވި އެވެ. އެކަމަކު މި މިންވަރަކަށް ނޫނެވެ. މިފަދަ މުނާސަބަތަކަށް އަހަރެން އުއްމީދެއް ނުކުރަމެވެ. ރޮކް5 އަހަންނަށްޓަކައި މިވަރުގެ ބޮޑުކަމެއް ރާވަފާނެކަމަށް ހުވަފެނަކުންވެސް ނުދެކެމެވެ. މިފަދަ ކަމެއް މިގޮތަށް ރޭވުމަކީ ރޮކް5ގެ 'ސްޓައިލެއް' ވެސް ނޫނެވެ. އެކަމަކު އަހަންނަށްޓަކައި އެމީހުން މިކަންވެސް ކުރީ އެވެ. ހަމައެކަނި އެމީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވަ އެވެ. އެއީ އެމީހަކަށް އަހަރެންގެ ހިތް އެދޭ ހަމައެކަނި މީހާ ފިޔަވަ އެވެ.

"ރިދީގެ ހަދިޔާ ލިބޭނީ މާދަމާ.. އެންމެ ރަގަޅު ދޯ.." އެއްމިޔަކަނުން ހިނިއައިސްފައި ރަޒީން ބުންޏެވެ. 

ތަފާތު ގޮތަކަށް ނިއްކުރިއަށް ރޫ އަރުވާލެވުނެވެ. އެންމެންގެ ތެރެއިން ރަޒީންގެ އެ ބުނެލުން އަހަންނަށް ތަފާތުވީ އެވެ. 

އެވަގުތު އަހަރެންގެ އަތަށް ނަޔާރާ ދިއްކޮށްލީ، ރިބަންކޮޅެއް އައްސާފައި އޮތް ވަޅިއެކެވެ. ކޭކް ފަޅާލުމަށެވެ. ރަޒީން ގޮސް ކޮންމެވެސް ވަރަކަށް ލައިޓްތައް ނިއްވާލާފައި މާހައުލު ބަދަލުކޮށްލި އެވެ. 

"މޭކް އަ ވިޝް..! ވިޝްކުރާނީ އަހަރުމެން ދެމީހުން އެކުގައި އުފާވެރި މުސްތަގްބަލެއް ލިބޭތޯ އިނގޭ" ޑްރާމާ ގޮތަކަށް ކާމިލް ބުނެލި އެވެ.

ކާމިލްގެ ކޮނޑުގައި ނުހަނު ބާރަށް އަންޔާ ޖެހި އެވެ. ހިތްގައިމު މާތަކުން ފުރިހަމަކޮށްލާފައިވާ ކޭކްއަށް  އަހަރެން ބަލައިލީމެވެ. މިރޭގެ މިވަގުތު އީތަން ސަރ އަހަރެންގެ ގާތުގައި ހުންނަން ބޭނުމެވެ. އަހަރެންގެ އަމިއްލަ ކަންކަމުގައި އީތަން ސަރ ޝާމިލްކުރަން ބޭނުންވަނީއެއް ނޫނެވެ. އެކަމަކު މިވަގުތު އަހަރެން ސަރ ބޭނުމެވެ.

މާޔޫސްކަން އެއްފަރާތްކޮށްފައި، ލޯ މަރާލީމެވެ. ކޭކް ފެޅުމުގެކުރީން ވިޝްކޮށްލުމަށެވެ. 

"އީތަން" 

އަހަރެންގެ ކަންފަތަށް އިވޭވަރަށް ނުހަނު ފަނޑުކޮށް އެކަމަކު ހިތުގައި އެންމެ ސާފުއިބާރާތުން ފަވާލަމުން އެނަން ކިޔާލީމެވެ.

ލޯ ހުޅުވާލާފައި އުއްބައްތި ނިވާލަން އަހަރެން ހަރަކާތްކޮށްލީމެވެ. އޭރު އަހަރެންނަށް ތަހުނިޔާ ކިޔުމަށް އެމީހުންގެ ލަވަ ފަށައިފި އެވެ.

ކޭކްގައި ވަޅިޖައްސާލި ވަގުތެވެ.

"ހެޕީ ބަރތްޑޭ މިސް، ރިދީ" އަހަރެންގެ ކަންފަތު ފޫޅުދަނޑި ވައިބްރޭޓްވެގެންދިޔަ އެވެ. އަތުގައި އޮތް ވަޅީގައި ބާރަށް ހިފެހެއްޓުނެވެ. 

އެނަމުން އަހަންނަށް މުހާތަބުކުރާ އެހެންމީހަކު ދުނިޔޭގައި ނުހުންނާނެ އެވެ. ކޭކްގައި ވަޅިޖެއްސުމާއެކު އަތުގެ ހަރަކާތް ހުއްޓުނެވެ. 

ހުޅުވިފައިވާ ދެ ލޯ މަރައިލީމެވެ. ނޭވާހޮޅިން ބޭރުވަމުން އައި ނޭވާ ހުއްޓާލީމެވެ. ޖުމުލަކޮށް މުޅި ކާއިނާތު މިވަގުތު ހުއްޓުވާލާފައި ހަމައެކަނި މިއިހްސާސް އަހަރެންގެ މުޅި ހަށިގަނޑުގައި ފަވާލަން އަހަރެން ބޭނުންވި އެވެ. 

މިހިނދުގައި ލޯ ހުޅުވާކަށް ބޭނުމެއް ނޫނެވެ. ލޯ ހުޅުވާލާއިރަށް މި ހުވަފެނުން ހޭލެވިދާނެތީ ބިރުގަނެ އެވެ. ކޮންމެ ގޮތެއްވިޔަސް ލޯ ނުހުޅުވާ ވާނެގޮތެއް ނެތެވެ. ދާދި ގާތުގައި ކާމިލްވެސް އެބަހުއްޓެވެ. ހިމޭންކަމަކީ ކާމިލްގެ ދުޝްމިނެކެވެ. އަދިވަކިން މިފަދަ ވަގުތެއްގައި އޭނާގެ ދޫ ހިމޭންކުރުމަކީ ނާދިރުކަމެކެވެ. ހިޔާލްތަކުގައި އޮބިއަޅާފައި، ލޯ ހުޅުވާލީމެވެ. 

ކުރިމަތީގައި ހުރީ އީތަން އެވެ. އޭނާގެ މިލިއަން ޑޮލަރުގެ ހިނިތުންވުމުން އަހަންނަށް ތަހުނިޔާ ތަކުރާރުކޮށްލި އެވެ. ހިތްގައިމުކަމާއި ފުރިހަމަކަމުގެ މިސާލެއް ނެތްފަދަ ރީތި ފިރިހެނެކެވެ.

މިފަދަ ބާރުގަދަ އިހްސާސްތަކަކުން މާގިނަގިނައިން ޝޮކްލިބެން ފަށައިފިނަމަ އަހަރެން ކޯމާއެއްގައި އޮންނާން ޖެހިދާނެކަން ކަށަވަރެވެ.

އޯހް..

އަހަރެންގެ ހިތުގެ އެންމެ ފުނުގައި ވިންދެއް ޖަހައިލި އެވެ. ނުތަނަވަސްކަމާއެކު  ހިނިތުންވީމެވެ. ކޭކް ފަޅައިލީ އެންމެންގެ އުފާވެރި ތަހުނިޔާގެ އަޑުން އަހަރެންގެ ކަންފަތް ފަރިތަވެފައިވަނިކޮށެވެ. އަހަރެންނާއި އެންމެ ގާތުގައި ހުރީ އަންޔާ އެވެ. އެތުރިގެންތިބި ތަރުތީބުން ފަހަރަކު މީހަކަށް އަހަރެންގެ އަތުން ކޭކް ލެވީމެވެ. އީތަން ސަރ ހުރީ ތަންކޮޅެއް ދުރުގަ އެވެ. ޖެހިލުންވެފައި ހުރެވެސް ސަރއަށްވެސް ކޭކްކޮޅެއް ދިނުމުގެ ބޭނުމުގައި  އެކަމަށް ފައިނެގީމެވެ. އެކަމަކު  ކޭކްކޮޅެއް ދިއްކޮށްލިޔަސް އެ އެތިކޮޅު ސަރ ކާލާނެކަމާމެދު އަހަންނަށް ވަރަށްބޮޑަށް ޝައްކެވެ.

އަހަރެންގެ ހަރަކާތްތައް ދެނެގަތުމާއެކު ލުއި ހިނިތުންވުމަކުން ސަރ ތައްޔާރުވެލި އެވެ. ދެޖީބަށް އަތްޖަހާލާފައި ހުއްޓުނީ މޮޑެލްއެއް ފަދައިންނެވެ. އާދައިގެމަތީން އަހަރެންގެ ސިކުނޑި މިފަހަރުވެސް އިންޒާރުދިނެވެ. ކުރިއަށް އެޅިފިޔަވަޅުވެސް ފަހަތައް އަޅަން ބޭނުންވި އެވެ. އެކަމަކު ސިކުނޑީގެ މައްޗަށް ކާމިޔާބު ހޯދީ ހިތެވެ.

ހުރިހައި ހިޔާލެއް އޮއްބާލާފައި ސަރ ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ. ކުރެވެމުންދިޔަ ޝައްކުތަކާއެކު ގުޑާލަން ނޭގިފައި ހުރެވުނެވެ. ދެންފެނުނީ އަހަރެންގެ އަތުގައި އޮތް ކޭކްކޮޅު ނަގާފައި ސަރ އަނގަޔަށްލީތަނެވެ. އެންމެ އަޖައިބުވީ، އެ ކޭކްކޮޅުން އެކަތިކޮޅު، ކާލާފައި އަނެކަތިކޮޅު މޭޒުމަތީގައި ހުރި ތަށީގެތެރޭގައި ބޭއްވީތީ އެވެ. އެ ހަރަކާތާއިމެދު ވިސްނަން ހުއްޓައި އަހަރެންގެ ކކުރިމަތީގައި ސަރ ހުއްޓުނެވެ. އަދި ނުހަނު ފަރުވާތެރިކަމާއެކު އަހަރެންގެ ކޯތާފަތުގައި ފިރުމާލި އެވެ. ވަށައިގެން އަހަރެންގެ ދުނިޔެ، ހުއްޓުނުފަދަ އެވެ. ނޭވާ ހުއްޓި، ހިތުގެ ހުރިހައި ލޭ ހޮޅިތަކެއް ނަށަންފެށި އެވެ. އަހަރެންގެ ސިކުނޑި، އަހަރެންގެ އަމިއްލަ ހިތުގެ ކާމިޔާބބަށް ހަސަދަވެރިވި އެވެ. 

ސަރގެ ފިނިފިނި އިނގިތައް އަހަރެންގެ ކޮލުގައި ބީއްސާލަމުން މޫނުގެ އެތަންމިތަނުގައި ކޭކް އުނގުޅާލި އެވެ. ލިބުނީ ޝޮކެކެވެ. ނުވަތަ ލިބުނު ހައިރާންކަމުގައި ވާނުވާއެއް ނޭގުނީ އެވެ. ހުރިހައި އިހްސާސެއް އެއްފަހަރާއި އަހަރެންގެ ނާރުތަކުގައި ދައއުރުވާން ފެށީ އެވެ. 

"ހެޕިއެސްޓް ބަރތްޑޭ މިސް، ރިދީ..!" ސަރ ވިޝްކޮށްފި އެވެ.

އީތަން ވިޝްކުރީ އެވެ. އަހަރެންގެ ހިއްސުތައް މޮޔަކޮށްލުމަށް ސަރ ގެންގުޅޭ އެންމެ އިޝްގީ ރާގުގައި ހަމަ އެ އއަޑުން އަހަންނަށް ސަރ ވިޝްކޮށްފި އެވެ. އުފަލުން ބިމުގައި ދެފައި ހަރުނުލަ އެވެ. 

'ހެޕިއެސްޓް' އިބާރާތް ސަރ ބޭނުންކުރާކަށްވެސް ނުޖެހެ އެވެ. މިއީ އަހަރެންގެ އުމުރުން އެންމެ އުފާވެރި ދުވަހެވެ. އަދި އެންމެ އުވާފެރި އުފަން ދުވަހެވެ. އިތުރު އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫނެވެ. މިއަދާއި މިރެއާއި މި ހަފްތާއަށްވެސް ފުދިއްޖެ އެވެ. 

'ދި އީތަން މުހައްމަދު މަނިކް' އަހަންނަށް ވިޝްކުރީ އެވެ. އަދި އަހަރެންގެ ކޯތާފަތާއި މޫނުގައި ފިރުމައިފި އެވެ. 

މި ހިތް ނަށަނީ އެވެ. އީތަންއަށްޓަކައި އެ ހިތް ތެޅުނު ކޮންމެ ރާގަކަށް ހިތް ނަށަނީ އެވެ. ސަރ ހުރީ އެއްމިޔަކަނުން ހިނިއައިސްފައެއްވެސް ނޫނެވެ. ބަދަލުގައި ސަރ ހުރީ ލުއި ހިނިތުންވުމެއްގަ އެވެ. މުށިކުލައިގެ ސާފު ކަޅި އަހަރެންގެ ހިއްސުތަކަށް ސިގުނަލް ފޮނުވަމުންދިޔަ އެވެ. އަހަންނަށް ފަތަން ދަސްވެފައިވިޔަސް، ސަރގެ އެ ލޮލުގެ ފުންކަމުގައި  މިންޖުވެވޭނެކަމެއް ނޭގެ އެވެ. އަދި އެ ފުންކަމުގެތެރެއިން އަހަރެންގެ މުސްތަގުބަލް ހޯދޭނެ ކަމާއިމެދުވެސް ޝައްކެވެ. އެކަމަކު އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.

ލިބުނު އުފާވެރިކަމުގައި ހުވަފެނީ ހިޔާލްތަކުގައި ހުރެވުނީ ކިހައި އިރަކުކަމެއް ނޭގެ އެވެ. އަހަރެން ހަމަބިމަށް ގެނުވީ އަޑިއަޑިން ކެއްސަމުންދިޔަ އަޑުތަކެވެ. 

ރޮކް5 މިރޭ އަހަރެންނަށްޓަކައި ލަވައެއް ކުޅެނީ އެވެ. މިފަދަ މެހެމާންދާރީއަކަށް އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރާނެ އެވެ. ލަވައިގެ އެންމެ މުހިއްމު ބައިވެރިޔަކީ އީތަން އެވެ. ލަވަކިޔަމުންދިޔަ ވަގުތު އަހަރެންގެ މޫނުން އީތަންގެ ނަޒަރު ދުރަށް ޖައްސާނުލަ އެވެ. މިއީ މިއަދަށްޓަކައި އަހަރެން އުއްމީދުކުރި ވަރަށްވުރެން އެތައް ގުނައެއް އިތުރު މިންވަރެކެވެ. 

ހިޔާލީ ދުނިޔޭގައި އުދުހެމުންދަނިކޮށް ބޭންޑްގެ ލަވަ ނިންމާލައިފި އެވެ. ފެނިގެންދިޔަ ހިނިތުންވުންތައް އަހަރެންގެ އަހަރުދުވަހުގެ ކާނާއަށްވެސް ފުދޭހައިވެ އެވެ. 

މިރޭ އީތަންގެ ކޮންމެ ބެލުމަކުން އަހަރެންގެ ހިތުގައި ތަފާތު ރާގެއް އުފައްދާލި އެވެ. ލަދުން ރަތްވެ، އަހަރެންގެ މޫނު ޓޮމާޓޯއެއްގެ ކުލަޔަށް ބަދަލުވަމުންދިޔަކަން އިނގެ އެވެ. އެއާއެކުވެސް އަތްތިލަބަޑި ޖަހަމުން އަހަރެން ތެދުވީމެވެ. ލިބުނު އުފަލުން އަހަރެންގެ ދެ ލޯ ކަރުނައިން ތެމިއްޖެ އެވެ. އުފާވެރިކަމުގެ ކަރުނަ އެވެ.  އެންމެންގެ ތެރެއިން ދުވެލާފައި އައިސް، އަންޔާ އަހަރެންގެ ގައިގަ ބައްދާލި އެވެ. 

ކާމިލްގެ ދިމާކުރުންތަކާއި މޮޅެތިވާހަކަތަކާއެކު އަހަރުމެންގެ މުޅި ރޭ ފަޅުފިލުވައިދިނެވެ. ހިތްގައިމު މަންޒިލެއްގައި މީރު ކެއުމަކަށް އިންސާފުކުރަމުން  މޭޒުކައިރީގައި ހަމަޖެހިލީމެވެ. 

"އޯހ ރިދީ...! ހަނދާން ނެތިފައި މިހުރެވުނީ.. އަހަރުމެން އެންމެން ރިދީގެ އިންތިޒާރުގައި ތިބޭތާ ވަރަށް ގިނައިރުވެއްޖެ...! ކީއްވެ އެހައި ލަސްވީ؟" އަހަރެން ތުންޖެހި ސޮފްޓް ޑްރިންކް ތަށީތެރެއަށް ކޮށިއެރި އެވެ. ދެލޮލުން ފެން އައިސް އެއްޗެއް ބުނަން އުނދަގޫވަރަށް ކޮށިއެރި އެވެ.  

އިކާންގެ ހުރިހައި ހަރަކާތަކާއި އަހަރުމެން ދެމެދުގައި ދެކެވުނު ހުރިހައި ވާހަކައެއް ހިނދުކޮޅެއްގެތެރޭގައި އަހަރެންގެ ސިކުނޑީގައި އެނބުރިގަތެވެ. ހައިރާންވެ އަންތަރީސްވީ އަހަރެންނާއި އިކާންއާއި ދެމެދުގައި ކޮންމެވެސް ގުޅުމެއްވާކަމަށް މިވަގުތުވެސް ހީކުރެވުނީތީ އެވެ. ހީވާކަހަލަ އެވެ. އެތައް ޒަމާނަކުން ފެށިގެން އަހަރެން އިކާން ދަންނަމެވެ. 

"އޯހ މައި ގޯޑް! ހޫ އިޒް އިޓް ރިދީ؟" އެންމެންގެ ސަމާލުކަން ހޯދަމުން ނަޔާރާ ހަޅޭއްލަވައިގަތެވެ. 

ކުރިއަށްވުރެން ބާރަށް މިފަހަރު ކޮށިއެރި އެވެ. އީތަން ސަރ އަހަރެންނަށް ދިއްކޮށްލީ ފެންތައްޓެކެވެ. އަހަރެނންނާއި އެންމެ ގާތުގައި އެވަގުތު އިނީ ސަރ ކަމަށްވާތީ އަހަރެންގެ ބުރަކަށީގައިވެސް ފިރުމާލި އެވެ. ކޮށިއެރީ އެހައި ފުންކޮށެވެ. އަހަރެން ހިނިތުންވީމެވެ. މުޅިން ރަގަޅުކަމަށް އަތުގެ އިޝާރާތުން ދައްކާލީމެވެ. އަހަރެންގެ ހިތް ނަށާލި އެވެ. އަހަރެންނާއިމެދު ސަރގެ ހިތުގައި އޯގގާތެރިކަންވެ އެވެ. ޔަގީނެވެ. 

ސަރއަށް މިރޭ ކަމެއް ޔަގީންވެއްޖެ އެވެ. ސަރގެ ލޮލުން އެކަން އަހަރެން ދުށީމެވެ. އަހަރެންގެ ބުރަކަށީގައި ސަރ ފިރުމާލުމުން ހުރިހައި ރިހުމެއް ފިލައި ހިގައްޖެ އެވެ.

"ނޯބޮޑީ ގައިޒް.." ހިނިތުންވެފައި އަހަރެން ބުނީމެވެ. ތުންކޮޅު އޫ ކޮށްލާފައި ލޯބި އަޑެއް ލައްވާލީ ނަޔާރާ އެވެ. 

ހަމައެވަގުތު އަހަރެންގެ ދެ ލޯ ސޮކެޓްތެރެއިން ފުންމައިގެން ބިމަށް ވެއްޓުނުހެން ހީވި އެވެ. ބޮލުގައި ރަތްކުލަ ޖައްސާފައި ހުރި އަންހެންކުއްޖަކު ދެއަތް ފުޅާކޮށްފައި ދުވެފައި އައިސް އީތަން ސަރގެ ކަނދުރާގައި އޮޅުލައިގެންފި އެވެ. 

ކުރިމަތީގައި ބަހައްޓާފައިވާ ތަށީތެރޭގައި އޮތް އޫ ނަގާފައި އޭގައި ބާރަށް އަހަރެން ހިފެހެއްޓީމެވެ. ތޫފާނެއް ފަދައިން ދުވެފައި އެތަނަށް އައި ރަތްމަހެއްކަހަލަ އަންހެންކުއްޖާ، އެ އުލުން ޒަހަމް ނުކޮށް ވާނެ ހުރިހައި ފަންޑިތައެއް އަހަރެން ކިޔެވީމެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އިތަންއާއި އޭނާއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

"ހައި އީތަން..!" 

ހަކުރު ތަތްލާވަރަށް ދެމެމުން ދިޔަ ފަނިގަނޑެއްފަދައިން އީތަންގެ ގައިގައި އޮޅުލާން ފެށި އެވެ. ސަރގެ ކަނދުރާއާއި މޫނުގައިވެސް އޭނާގެ މޫނު ހޭކި އެވެ. އެވަރުގެ ތުއި އަޑެއް އަހަރެން ދުވަހަކުވެސް ނާހަމެވެ. އީތަންގެ މޫނަށް ބަލައިލެވުނީ ކޮން ޒާތެއްގެ ރޫތަކެއް ނިއްކުރިއަށް އަރުވާފައި ކަމެއް ނޭގެ އެވެ. ފެނުނީ ފޭކް ހިނިތުންވުމަކުން ސަރ އެ ރަތްމަހަށް ބަލައިލިތަނެވެ. ނުސީދާކޮށް ސަރ މަސައްކަތްކުރަމުންދިޔައީ އައްޓަމަހެއް ނައްޓުވަން އުޅޭފަދައިން އެ ކުއްޖާގެ އަތް ސަރގެ ގައިން ދުރުކުރެވޭތޯ އެވެ. 

"ހައި ޒީވާ" ނޫން ގޮތަކަށް ސަރ ގޮވައިލުމާއެކު އެ ކުއްޖާ ދެ ކޯ ފުއްޕާލާފައި ނުރުހުންވިތަން  ދުށީމެވެ. 

"އަހަރެން މިއީ ޒީވާ އެއް ނޫން! އަހަރެންގެ ނަމަކީ ލައިރާ!" އައި ރުޅީގައި ސަރއާއި ދިމާއަށް އޭތި މީތި ގޮވަމުން އައްޓަމަސް ނައްޓައިގެން ހިގައްޖެ އެވެ. 

"ސޭމް ތިންގ" ސަރ ބުނެލީ އެއްވެސް މީހަކަށް އަޑުނީވޭނެ ކަމަށެވެ.

އެކަމަކު ސަރ އެބުނި އެއްޗެއް ސާފުކޮށް އަހަންނަށް އަޑުއިވުނެވެ. އެކަމަކު މި ސިކުނޑިއަށް ނުވިސްނުނީ އެބުނި އެއްޗެއްގެ މާނަ އެވެ. އެންމެންނަށް ވަކިވަކިން އަހަރެން ބަލައިލީމެވެ. ފޫހިކަމާއި ނަފްރަތާއެކު އެންމެންގެ ލޯތައް ތިރިކޮށްލިތަން ދުށީމެވެ. ނުރުހުމާއެކު ސަރއަށް ބަލައިލީ އަހަރެން އެކަންޏެއް ނޫންކަން ޔަގީންވި އެވެ. ބަލައިލުމަކުން އިންސާނަކު އަނދާހުލިވާނެނަމަ، ކާމިލްގެ ބެލުމުން މިވަގުތު ސަރ އަނދައި އަޅިއަށް ހަދާލީހެވެ. 

އަހަރެންގެ ހިތުގައި މިރޭ ލޯވަޅެއް އެޅިއްޖެ އެވެ. ނިކުމެގެން އެދިޔަ އަންހެންކުއްޖާފަދަ 'ނަމެއްވެސް ނޭގެ' ކިތައް އަންހެން ކުދިން ސަރގެ ހަޔާތުގައި ވާނެ ބާއެވެ؟ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް