
އެޗްޕީއޭއިން ބުނީ ގްރޭޓަރ މާލޭގައި ހިންގަމުންދާ ޒާތީ ހިދުމަތްދޭ ތަންތަނުން ( ސެލޫން، ސްޕާ ފަދަ ތަންތަން ) އާއްމުންނަށް ހިދުމަތްދޭއިރު އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތައް ދަމަހައްޓާގޮތް ދެނެގަތުމަށްޓަކައި ކުރެވޭ ހާއްސަ އިންސްޕެކްޝަންތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
އެ އިދާރާއިން ބުނީ މި އިންސްޕެކްޝަންތައް ކުރިޔަށްދާނީ މިމަހުގެ ނުވަވަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި އިންސްޕެކްޝަންތައް ކުރިޔަށް ގެންދާއިރު ސެލޫން އަދި ސްޕާ ހިންގާފަރާތްތަކުން މިކަމަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ އެއެޖެންސީގެ ނަންބަރު: 3024570 އަށް ގުޅާ އެ މައުލޫމާތެއް ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އޫޅެ ބިދޭސީން ހޯދުމަށް އިމްގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި ވަނީ ސްޕާތަކުގައި ހަށި ވިއްކަމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކުވަނީ ރާއްޖެ ނާދެވޭގޮތަށް ފޮނުވާވެސް ލާފައެވެ.