އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އއ އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ އެމްޑީޕީން ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު ހިންގައިފައިވަނީ ރާއްޖެ ބަނގުރޫޓްކުރުމަށް ނިމި އެމަގުން ކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ ވެރިކަން ނިމުމުގެ ކުޑަދުވަސްކޮޅެއް ކުރިން އައިއެމްއެފުން ރާއްޖެެއާ ގުޅޭ ރިޕޯޓެއް ނެރުނު ކަމަށާއި އެ ރިޕޯޓްގައިވެސް ރާއްޖެ އޮތީ ބަނގުރޫޓްވާ ހިސާބުގައިކަން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވެރިކަމަށް އައިސް ފުރަތަމަވެސް ކުރަން ޖެހުނު ކަމަކީ އެކަމުން ސަލާމަތްވުންކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރަށް މިދިޔަ އަހަރު ކުރެވުނު އެންމެ ބޮޑު ކަމަކީ އެ ހާލަތުގައި އޮތް އިގްތިސާދެއް ސަލާމަތުގެ އައްސޭރިއަށް ގެންދިޔުމަކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބަނގުރޫޓްކުރަން ރާވާފައި އިގްތިސާދު ސަލާމަތް ކުރެވީ މި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ގާއިމުކުރި ބިންގަލުގެ މަތީ ދެން ގައުމު ދާނީ ކުރިޔަށްކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.