އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ގާނޫނުއަސާސީއަށް އެންމެފަހުން ގެންނެވި އިސްލާހުތަކުގެ ބޭނުމާއި، އެކަންކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފަ އެވެ.
ރައީސް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާބެހޭގޮތުން ގާނޫނު އަސާސީގައި ކުރިން އޮންނަ މާއްދާއަށް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ބަދަލު ގެނެވޭގޮތަށް އޮތުމަކީ ނުރައްކާތެރިކަމެއްކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް އޮތް ބާރެއް ނެގުމުގެ އިހްތިޔާރު މަޖިލީހަށް ލިބޭއިރު އެންމެފަހުން ގެންނެވި އިސްލާހާއެކު ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަމުގައި ރައްޔިތުންގެ ވޯޓެއް ނުނަގަން މަޖިލީހުން ނިންމާނަމަ، އެކަމުގައިވެސް ރައްޔިތުންގެ ވޯޓެއް ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އަސްކަރީ ބޭނުމަކަށް ބޭރު ސިފައިންނަށް ތިބެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޢުލަބިއްޔަތުން ކަމަށް އޮތުމުން އޭގެ ނާޖާއިޒު ފައިދާ ސަރުކާރުތަކުން ނެގިކަމަށެވެ. އެގޮތުން އަސްކަރީ މަރުކަޒެއް ނުހަދައި ރާާއްޖޭގައި ބޭރުގެ ސިފައިންނަށް ތިބެވޭގޮތް މަޖިލީހުގެ ރުހުމަކާ ނުލައި ހަދާފައިވާ ކަމަށާއި މިހާރު ގެނައި އިސްލާހަކީ އެކަންވެސް ހުއްޓުވުމަށް ގެނައި އިސްލާހެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ބޭރުގެ އެންމެ ސިފައިންގެ މީހަކަށްވެސް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް ފަސް އިސްލާހެއް ގެނައިނަމަވެސް، ބައެއް ފަރާތްތަކުން ދައްކަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި ގުޅޭގޮތުން ގެންނެވި އިސްލާހުގެ ވާހަކަ އެކަނިކަމަށެވެ. ނަމަވެސް މި ފަސް އިސްލާހަކީވެސް ރައްޔިތުންގެ އަތަށް ބާރުތައް ލިބޭގޮތަށް ގެނެސްފައިވާ އިސްލާހުތަކެއްކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއި އެ އިސްލާހުތަކުން ރައްޔިތުންނަށް ލިބިގެންދާނެ ބާރު ޕްރެޒެންޓޭޝަނަކުން ރައީސް ވަނީ ތަފްސީލްކޮށްދެއްވާފަ އެވެ.
މި އިސްލާހުގެ ސަބަބުން އިދިކޮޅު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މި އިސްލާހަކީ ރައީސްގެ މުށުތެރެއަށް މެންބަރުން ލުން ކަމަށާއި މި އިސްލާހުގެ ސަބަބުން މެމްބަރުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
މި އިސްލާހު ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. މި މައްސަލައަށް އެމްޑީޕީއާއި ޑިމޮކްރެޓުން ވަނީ ތަދައްހުލު ވެފައެވެ.
އަދި ގާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅުން އަންނަނީ ސަރުކާރަށް ޕްރެޝަރުކުރުމަށް މި މަހު 10 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވެސް ތައްޔާރު ވަމުން ނެވެ.