ގެއަށް ދާންބޭނުންކަމަށްބުނެ އަންޔާ ތެދުވީ އެކަމަށް އިޝާރާތެއްވެސް ނުކޮށެވެ. ކާމިލްއާއި އަންޔާގެ، ގެ ވަރަށް ކައިރި އެވެ. އެހެންވީމައި އަންޔާއާއެކު ކާމިލްވެސް ހިގައްޖެ އެވެ. ރަޒީންގެ އަތުގައި ހިފައިގެން ނަޔާރާވެސް ދޮރާއި ދިމާއަށް ހިގައިގަތްފި އެވެ. އެތަނުގައި ދެން ތިބީ އަހަރެންނާއި އީތަން ސަރ އެކަންޏެވެ.
ކުއްލިޔަކަށް އަހަރެންގެ ފޯނު ވައިބްރޭޓްވުމުން ބަލައިލީމެވެ. ލިބުނީ މެސެޖެކެވެ. އަންޔާގެ މެސެޖެކެވެ.
"މިއީ އުފަންދުވަހުގެ ހަދިޔާއެއްކަމަށް ހީކޮށްލާ- ލިބުނު ކުޑަވަގުތުކޮޅުގައި އުފާކޮށްލާ-" އެއް ލޯ މަރައިލާފަދަ އިޝާރާތަކާއެކު އަންޔާގެ މެސެޖްގައިވެ އެވެ.
އެހެންމީވާ އަހަރެން ސަރއާއެކު މިތަނުގައި އެކަނިވާން މިޖެހުނީ އިއްތިފާގަކުން ނޫނެވެ. މިއީ އަންޔާގެ ރޭވުމމެކެވެ.
ލަދުން އިސްޖަހައިލެވުނީ މާހައުލުގެ އޮއެވަރު އިހްސާސްކުރެވުނީތީ އެވެ.
ގެއަށް ދާން ހިނގާށޭ ބުނުމަށް ސަރ އިޝާރާތްކޮށްލީ އަތުންނެވެ. ކިޔަމަންތެރިކަމާއެކު ސަރގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ.
ކާރާއި ހިސާބަށް ދެވުމުން ޑްރައިވަރ ސީޓުގައި ސަރ އިށީނެވެ. ވިސްނާލާފައި ޕެސެންޖަރ ސީޓް ހުޅުވާލާފައި އަހަރެން އިށީނީމެވެ.
ހަމައެވަގުތު ދެވަނަ މެސެޖެއް ލިބުނެވެ. މިފަހަރަވެސް އަންޔާގެ މެސެޖެކެވެ.
"ޖަސްޓް ސްޓޭ ކެއަރފުލް އެންޑް ސޭފް! އަބަދުވެސް ހަނދާން ކުރާތި، އީތަން ސަރއަކީ ވަރަށް ގިނަ އަންހެންކުދިނންނާ ގައިގޯޅި ގުޅުމެއް ބާއްވާ މީހެއް- ކޮންމެ ކަމެއް ކޮންމެ ވަގުތަކު ކުރިމަތިވިޔަސް އަހަރުމެން ދެމީހުންގެ ދެމެދުގައިވާނީ ފޯންކޯލެއްގެ ދުރުމިން" ތަކުރާރުކޮށް މެސެޖް ކިޔާލަން މަޖުބޫރުވި އެވެ.
އަހަރެން އަންޔާދެކެ ވަރަށް ވަރަށް ލޯބިވެ އެވެ. އަންޔާގެ މި މެސެޖް އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ އެވެ.
ހިމޭންކަމާއެކު ކާރު ދުއްވަމުންދިޔަ އެވެ. އަހަރުމެންނަށްޓަކައި ކާއިނާތުގައި މިވަގުތުވަނީ 'ހޮޓްއެފްއެމް ރޭޑިއޯ'ގެ އަޑު އެކަންޏެވެ.
ކާރުތެރޭގައިވަނީ އާދަޔާހިލާފު އުނދަގޫ ހިމޭންކަމެކެވެ. ސިކުނޑި ތަޣައްޔަރުވެފައިވަނީ ހިތަށްގެންނާން ބޭނުނންނުވާ ފިކުރުތަކަކުންނެވެ.
"ސޯ މިސް، ރިދީ! ޑިޑް ޔޫ އެންޖޮއި ޔޯ ބަރތްޑޭ؟" ހިމެންކަން ނެތިކޮށްލީ ސަރގެ ސުވާލު އެވެ.
"މޯ ދެން އެވަރ" ސަރގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ.
އަހަރެންގެ ޖުމުލައިގައި އެކުލެވުނު މާނަތައް ދެނެގަތުމަކީ މިރޭ ސަރއަށް ވާނެކަމެއް ނޫނެވެ.
އަނެއްކާވެސް އަހަރެން ސަރ އަށް ބަލައިލީމެވެ. މާ ޝާ ﷲ، ރީތި ފުރިހަމަ އުފެއްދެވުމެކެވެ. ބައްޓަން ރީތި ކަތުރުކަށިގަނޑާ، އުނި އެންމެ ސިފައެއްވެސް ނެތް ފުރިހަމަ މޫނެވެ. ކޮންމެ ވަނާއަކަށް ތައުރީފުކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އަދަދު ނުކުރެވޭ މިންވަރަށް ސަފްހާތައް ލިޔެލާނަމެވެ.
އަހަރެންގެ ހިޔާލްތައް ހުއްޓުވައިލީ ސަރގެ ފޯނުގެ ރިންގުގެ އަޑެވެ. ފޯނަށް ބަލައިލުމާއެކު ސަރގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވި އެވެ. ވަރަށް ކުއްލިގޮތަކަށް މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލާފައި ފޯނަށް ބަލައިލި އެވެ.
ސަރގެ އަމިއްލަ ވަގުތުގެ މިނިވަންކަން އަހަރެން ދިނީމެވެ. ސަމާލުކަން ހުއްޓުވާލީ ބޭރުން ފެންނަމުންދިޔަ ސިނނަމާލެ ބުރިޖްގެ ހަރަކާތްތަކަށެވެ. ދުރުން ބަލައިލާން ހިތްގައިމު މަންޒަރެކެވެ. ދިއްލާފައިވާ ބޮކިތަކާއި ވެހިކަލްތަކުގެ އަލި އިންސާނެއްގެ ސަމާލުކަން ހޯދުމުގައި ނާޔާމިޔާބު ނުވާނެ އެވެ. މަތިން ހުރަސްކޮށްލި މަތިންދާބޯޓާއި، އުޑުމަތީގައި ބަބުޅަމުންދިޔަ ތަރިތަކުގެ ހިތްގައިމމުކަން އަހަންނަށް މާބޮޑަށްވެސް ޝައުގުވެރި އެވެ.
"އަހަރެންގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްލާފައިވެސް ހިތް ނުފުރޭތަ؟ ދެވަނަ ފަހަރަށް އެކަން ކުރަން ފައި ތިޔަނެގީ ކީއްވެ؟ ކޮން މަގުސަދެއްގައި؟ އަޑަށް ބާރުލާފައި ސަރ ހަޅޭއްލަވައިގަތެވެ.
ބިރުން ތުރުތުރުއަޅަމުން ހިންދިރުވާލެވުނުއިރު، ސަރ ފޯނު ކަނޑާލައިފި އެވެ. ކުރިން ފެނުނު ހިނިތުންވުމުގެ އެއްވެސް އަރެއް ސަރގެ މޫނުގައި މިހާރު ނެތެވެ. ސަރގެ ކިބައިން އަހަރެން ދެކެން އެންމެ ބޭނުންނުވާ ސިފައަށް މިވަގުތުކޮޅަށް އަމިއްލައަށް މަރުހަބާކިޔުން ނޫން ގޮތެއް ނެތެވެ. މިވަގުތު ސަރއަކީ އަހަރެން އެންމެ ބިރުގަންނަ 'މޮންސްޓަރ ބޮސް' އެވެ.
ވަރަށް ޖެހިލުންވެ ހުރެ، ހިތްވަރުކުރަން ގަސްތުކުރީމެވެ. މަޑުމަޑުން އަތް އުފުލާލާފައި ސަރގެ ކޮނޑުގައި ފިރުމާލީމެވެ.
"އަރ ޔޫ އޯކޭ ސަރ؟ އެއްވެސް ކަމެއް ހިއްސާކޮށްލަން ބޭނުމިއްޔާ އެންމެ ގާތުގައި އަބަދުވެސް ހުންނާނަން" އަހަރެންގެ ދައުވަތު ބޮލާލައި ނުޖަހާނެކަމަށް އުއްމީދުކޮށްފައި ހުށަހެޅީމެވެ. ދެފަރާތަކަށް ބޯ ހޫރުވާލާފައި ސަރ ބަލައިލީ ބޭރަށެވެ.
"ކީއްވެ؟" އަޑުގެ ނެތްތަނަށް ސަރ ހަޅޭއްލަވައިގަތެވެ.
އެފަދަ ތޫފާނަކަށް ތައްޔާރުވާން ހިތަށްވެސް އަރާފައި ނުވާތީ އަހަރެން ސިއްސައިގެންގޮސް މޭގައި އަތް އެޅުނެވެ. މައިބަދައިން ތުރުތުރެއް އުފެދުނުކަން ޔަގީނެވެ. މުޅި ހަށިގަނޑު ގުޑުން އަރައިގެން ދިޔައީ އެކަމުގެ ސަބަބުންނެވެ.
"ކަލޭ ކައިރީގައި އަހަރެންގެ އެއްވެސް އަމިއްލަ ވާހަކައެއް ބުނަންޖެހޭ ސަބަބަކީ ކޮބާ؟ ތިއީ އަހަންނަށް ކާކު؟ އަހަރެންގެ ރައްޓެއްސެއްތަ؟ އަހަރެންގެ ގަރލްފްރެންޑެއްތަ؟ ނޫނީ މަންމަތަ؟ ކޮންތާކުން އައިސްހުރި، ކާކު ތީ؟" ދެ ލޯ ބޮޑުކޮށް، ދަތްކުނޑިވިކާފައި ސަރ އަހަންނާއި ކުރިމަތިލި އެވެ.
"ކަލޭ ތިއީ އަހަންނާއި އެއްވެސް ގުޅުމެއްހުރި މީހެއްނޫން! ކަލޭ ތިއީ އަހަންނަށް އެއްވެސް މީހެއްވެސް ނޫން..! މިސް- - ރިދީ- - އަމިއްލަ ހައިސިއްޔަތާއި ފެންވަރު އޮޅިގެން ތިއުޅެނީ؟ ކަލޭ ތިއީ ކާކުކަން ހަންދާން ނެތުނީތަ؟ އަހަރެންގެ އަމިއްލަ ކަންކަމާއި، އަހަރެންގެ އަމިއްލަ މިނިވަންކަމުގެ ތެރެއަށް ވަންނަން ހިތައްވެސް ނާރުވާތި...!! އަހަންނަށްޓަކައި ތިއީ 'ހަމައެކަނި އަހަރެންގެ މުވައްޒިފެއް'" އަހަރެންގެ ލޮލަށް ބަލަމުން ހަރުކަށިކަމާއި، ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާނުން އަނދަމުން އީތަން ސަރ އަހަންނަށް މަލާމާތްކުރީ އިންތިހާއަށެވެ. ބިރުގަތްފައިވާ ޅަ ބުޅަލެއް ފަދައިން އަހަރެން އިނީ ހަދާނެ ނުހަދާނެގޮތެއް ނޭގިފަ އެވެ.
އައުޗް..! ހިތްފަޅައިގެން ގޮސް، އެތަން މިތަނަށް ލޭތައް ބުރައިގެންދިޔައީ ހެއްޔެވެ؟ ކެތް ނުކުރެވޭވަރުގެ ރިހުމަކުން ހިތުގައި ވޭން އަޅުވާލައިފި އެވެ.
އަހަންނަށް ވީގޮތް ބުނާނީ ކިހިނެއް ހެއްޔެވެ؟ ލިބުނީ ޝޮކެއްބާ އެވެ. ނޫނެކެވެ. މިއަށް ކިޔާނެ ނަމެއް ނުވަތަ ދޭނެ އިބާރާތެއް އަދި ލަފްޒެއް ދުލަކަށް ނައި އެވެ. ކަރު ބެދިއްޖެ އެވެ. ހޫނު ކަރުނައިން ދެ ލޯ ފުރި، އެސްފިޔަތައް ބަރުވެއްޖެ އެވެ. ހަތަރެސްފައި ގަނޑުވެ، ލޭ ހިނގުން ހުއްޓިއްޖެ އެވެ.
އެކަމަކު އަހަރެންގެ ގާތުގައި މިއިން އިންސާނާގެ ހާޒިރުގައި ރޯކަށް ބޭނުމެއް ނޫނެވެ. މި އިންސާނާގެ ސަބަބުން އަހަރެންގެ ދުނިޔެ ބަނަވެއްޖެ އެވެ.
ޕާކުކޮށްފައި އޮތް ކާރުން އަހަންނަށް ފޭބުނު އިރެއްވެސް ނޭގެ އެވެ. ހުރެވުނީ މަގުމަތީގަ އެވެ. ދެން ފެނުނީ ކުއްލިޔަކަށް ކާރުގެ ތެރެއިން ބާރަށް މޮންސްޓަރ ފޭބިތަނެވެ. ފަހަރެއްގައި އަހަރެންގެ ފަހަތުން ފޭބީކަމަށްވެސް ވެދާނެ އެވެ. އެއްވެސް އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނެ އެވެ.
"ކިހިނެއް ހަދާނަމޭހިތައި ކަލޭ ތިއުޅެނީ..؟" މަގުމަތީގައި އީތަން ސަރ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.
"އަ—އި—އަ އި .. އައި އެމް ސޮރީ ސަރ..! އަޅުގަ ނ ޑު އު ޅު ނީ ސަރ އަ ށް އެ ހީ ތެ ރި ވެ ވޭ ތޯ.. އަޅުގަނޑު 'މިސް، ނޯބޮޑީ' މިވަގުތު ސަރއާއެކު އެއް ކާރެއްގައި އިނުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.. އަޅުގަނޑުގެ ގެ ވަރަށް ކައިރީގައި މިހުރެވުނީ.. ބޭނުމީ ހިނގާލާފައި ދާން..! ހުރިހައި ކަމަކަށް ހިތުގެ އެންމެ އަޑިން ޝުކުރުވެރިވަން.. އއަޅުގަނޑު ކަހަލަ އެއްވެސް މީހަކަށް ނުވާ، ބޭކާރު އިންސާނަކަށް ކޮށްދެއްވި ހުރިހައި ކަމަކަށް ޝުކުރިއްޔާ..!" އަހަރެންގެ ހާލަތު އީތަން ސަރއަށް މިވަގުތު އެނގޭކަށް ކުޑަކޮށްވެސް އަހަރެން ބޭނުމެއް ނޫނެވެ. ވަރަށް ހިތްވަރު ކުރީމެވެ. ނަމަވެސް ހުރިހައި އިހްސާސެއްގައި މމަތިއަޅައި ފޮރުވާކަށް ނޭގުނެވެ. އަހަރެން ފެއިލްވެއްޖެ އެވެ.
"ކޮންމެވެސް މިންވަރަކަށް 'ކެއަރ' ކުރެވޭތޯ އުޅެވުނީތީ ވަރަށް ބޮޑަށް މައާފުކުރައްވާ..!" އަހަރެންގެ މޫނުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް އައީ ކިހިނެއް ކޮންދިމާއަކުން ކަމެއްވެސް ނޭގުނެވެ.
"ޔޫ ކެއަރ..؟" ހައިރާންވެފައި އީތަން ސަރ ސުވާލުކުރި އެވެ.
އުތުރި ކެކެމުންދިޔަ ވޮލްކެނޯގެ އަނގުރު އަލިފާންގަނޑު މައިތިރިވެ، މޮންސްޓަރގެ ލޮލުން މިވަގުތު ފެންނަނީ މަޑުމައިތިރިކަމެވެ. ޝޮކެއްގައި ހުރިކަން ފާޅުކޮށް ސާފުވެ އެވެ.
އަޖައިބުވެ، އަންތަރީސް ނުވާނެ ހެއްޔެވެ؟
އަހަރެންގެ ކުރިމަތީގައި މިހުރީ ހިއްސުކެނޑިފައިވާ ދެ ލޯ ކަނު އިންސާނެއް ހެއްޔެވެ؟
"ތިއީ ހިތެއްވެސް ނެތް އިންސާނެއް" ދުލަށް އެވަގުތުއައި އެއްޗެއް ބުނެފައި އަހަރެން ފުރަގަސްދިނީމެވެ.
ދެފައިގައި ހުރި ބާރެއް ލައިފި ހިނގައިގަތީމެވެ. ކުރިމަތީން ފެންނާން އޮތީ ތޮށިގަނޑެވެ. އިސްކޮޅުން ކިތަންމެ ކުރަސް، ފުންމައިގެން އަރައި އެތާ މަތީގައި އިށީނީމެވެ.
ކެތެއް ނުވި އެވެ. ކަރުނައެއް ނުހިފެހެއްޓުނެވެ. އަހަންނަކީ ރުއިމަށް މާ ފަރިތަ މީހެއް ނޫނެވެ. ކަރުނައަކީ އަހަރެންގެ އެކުވެރިއެއް ވެސް ނޫނެވެ. މިވަރަށް ކަރުނަ މި އޮހޮރެނީ ކީއްވެ ހެއްޔެވެ؟ މި މޮންސްޓަރއަށް ޓަކައި ހެއްޔެވެ؟ މިއަށްވުރެން މޮޔަ ހިތެއް އެހެން އިންސާނަށް މާތް ﷲ މިންވަރު ކުރެއްވިބާ އެވެ؟
ދާދި ގާތުން މީހެއްގެ ހިލަމެއްވިހެން ހީވެގެން ބަލައިލީމެވެ. އަހަރެންގެ ފަހަތުން މިތަނަށް އެ އައި ކީއްކުރރަން ހެއްޔެވެ؟
"އަ- - އި- - - އަ- - - އި- - އެ- - - މް- މ- މް މް މް- - މް މްމް" އަޅައަޅައި ގަންނަމުން ބުނަން އެއުޅު އެއްޗެއް ތުއްތުކުއްޖަކަށްވެސް ނޯޅޭނެ އެވެ. ކޮންހާ ޑްރާމާއެއް ބާ އެވެ. ބޭރުކުނުރެވިގެން އުޅުނު ޖުމުލަ އަހަރެން ފުރިހަމަކކޮށްދިނީމެވެ.
"ސޮރީ..؟!" ދެ ބުމަ ހިއްލާލާފައި އަމިއްލަ ނަފުސުގެ އިތުބާރު އަހަރެންގެ އަތްމައްޗަށް ލާފައި ސުވާލުކުރީމެވެ.
"ހޫމް- ޔެސް! އަހަންނަށްވެސް އިނގޭ ތި 'ވޯރޑް'!" އަކުރުތަކަށް ބާރުލާފައި ފަހު އިބާރާތް ބުނެލި އެވެ. އަހަރެންގެ ބޮލުގެ އިސްތަށިތައް އަމިއްލަޔަށް ވީދާހައި ރުޅި ގަދަވި އެވެ.
ގްރރރރރރ... އަމިއްލަ އީގޯ މިހައި ބޮޑު އިންސާނަކު ޅަ ބަކަރިއެއްހެން މޫމޫލައްވަމުން، މިތާގަ އިނދެގެން ތުރުތުރެއް މިލައްވަނީ ކީއްކުރަން ހެއްޔެވެ؟
އައި ރުޅީގައި އިހްތިޔާރުކުރީ އަމިއްލަ ނަފުސުގެ ކޮންޓްރޯލެވެ. އަހަރެންގެ ނަޒަރު ހުއްޓާލީ ހިމޭން ކަނޑަށެވެ. މޫދާއި ކަނޑު އަދި ވަރުބަލިކަމެއް ނެތް ރާޅުތަކަކީ އަބަދުވެސް އަހަރެންގެ ވޭންތަކަށް ފަރުވާއެކެވެ. މަގުމަތީގެ ހަރަކާތް ކިތަންމެ ހަލަބޮލިވިޔަސް، ބުނެދޭން ނޭގޭ އަމާންކަމެއް މި މާހައުލުން އަބަދުވެސް އިހްސާސްވެ އެވެ.
ކައިރީގައި އިން މޮންސްޓަރގެ ނަޒަރު ހުއްޓާލާފައިވަނީ އުޑުމަތީގައި ފިޔަޖަހަމުންދިޔަ، ތަރިތަކަށްހެން ހީވި އެވެ.
"ޔޫ އަރ ރައިޓް! އަހަރެންގެ ހިތެއް ނޯވޭ..! އެހެން މީހަކަށް ހަދިޔާކޮށްފައި އޮތް އެއްޗެއް އަހަރެން އަތަކު ނުވެސް އޮންނާނެތާ ދޯ..!" އަމިއްލަ ނަފުސަށް މަލާމަތްކުރާ ޒާތުގެ ހިންޏެއް އައިސްފައި ބުނެލި އެވެ. ފުލުފުލުގައި ކިތަށް ޝޮކް ދިނުމަށް ތައްޔާރުވެގެން ހުރި ރެއެއްބާއެވެ!
"އޭގެ ފަހުން ހިތް ފުނޑުފުނޑުކޮށް އަނިޔާވެރިކަމާއެކު ސުންނާފަތިކޮށްލީ، އަހަރެންގެ ލޯބި.. އެމީހަކަށްޓަކައި އަހަރެންގެ ހިތާއި ޖިސްމު ހަދިޔާކުރިން.. އެއީ އަހަރެން ދުވަހަކުވެސް އެމީހަކަށް އިތުބާރުކޮށްގެން ނުވާނެ މީހެއް.. އޮޅުންބޮޅުން ބޮޑުހުވަފެނުން ހޭލެވުނުއިރު ވަގުތު ފާއިތުވެއްޖެ.. އަހަރެންގެ ލޯތްބާއި، އަހަރެންގެ ހިތާއި، އަހަރެންގެ ނަފުސު އޭނާވަނީ އަނިޔާއިން ފިސްކޮށްލާފައި.. މި ނަފުސުގެ އިންސާނިއްޔަތުކަން ކަފުންކޮށް ވަޅުލީ އަހަރެންގެ އެ ލޯބި.." ވަރަށް މަޑުމަޑުން ވާހަކަ ދެއްކި އެވެ.
އަހަރެން ބުނާނެ އެއްޗެއް އެބައޮތް ހެއްޔެވެ؟ އެ ހުޅުވާލި ސަފްހާގައި އަހަންނަށް އޮތީ ކޮންޗެއް ހެއްޔެވެ؟
އީތަން ސަރ ލޯބިވާ އެހެން މީހަކު އެބަހުއްޓެވެ. އަހަރެން ރެއާއި ދުވާލު ދެކެމުން މިދިޔަ ހުވަފެންތައް ބުރަބބުރައިގެން ދިޔައީ އެވެ.
"ބުނެދޭކަށް ނޭގެ.. ބުނެދޭނެ ގޮތެއްވެސް ނޭގެ! ހަގީގަތުގައި، ބުނާކަށް ބޭނުމެއްވެސް ނޫން..! އެކަމަކު އެ ހާދިސާ ހިތަށް ވަނަސް، އަހަރެންގެ މުޅި ހަށިގަނޑު ރޫރޫއަޅާ..!" ލުއި ހިނިތުންވުމެއް ބޭރުކޮށްލި އެވެ.
"އަހަރެން އަބަދުވެސް ދުށީ، އަހަރެންގެ މަންމައަކީ ރާނީއެއްގެ ގޮތުގައި-! މަންމަގެ ކޮންމެ އިޝާރާތަކަށް އަހަރެން ކިޔަމަންވީން.. ގޭގައި އޭރު އޮތީވެސް އެކަހަލަ މާހައުލެއް! ރިދީއަށްވެސް އިނގޭދޯ.. އެކަހަލަ ދިރިއުޅުމެއް އުޅޭ ފިރިހެންކުއްޖެއްގެ އަހްލލާގާއި އެހެންމީހުންނާއި މުއާމަލާތުކުރުން ހުންނާނީ ކިހިނެއްކަން.. އަންހެން ކުދިންނަށް އަހަރެންގެ ހިތުގައި އޭރު ދެވިފައި އޮތީ ވަރަށް މަތިވެރި އިއްޒަތަކާއި، އެހެންމީހުން ހައިރާންވާފަދަ އިހްތިރާމެއް..!" މަލާމާތުގެ ގޮތަކަށް އީތަން ހީލި އެވެ.
"އަހަރެންގެ މަންމަ އަހަންނަށް އޭނާ ތައާރަފްކޮށްދިނީ އަހަރެން ކޮލެޖްގައި އުޅެނިކޮށް.. އެވަރުގެ ރީތި އަންހެން ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން! އެކަމަކު.. ކޮންމެވެސް ސަބަބަކާއި ހުރެ، އަހަރެން މަސައްކަތްކުރިން އެނާއާއި ވީހާވެސް ދުރުގައި އުޅެވޭތޯ.. އެކަމަކު އަހަރެންގެ ބެލެނިވެރިންގެ ރޭވުން އަހަރެންގެ ހަރަކާތްތަކާއި ދިމާ އިދިކޮޅު! ކޮންމެ ކަމެއްގައިވެސް އަހަރުމެން ދެމީހުން އެއްތަން ކުރެވޭތޯ މަންމައާއި ބައްޕަ މަސައްކަތްކުރި.. މާގިނަދުވަހު އޭނާ އާއި ދުރުދުރުން އުޅެވޭގޮތެއްނުވި! ލޮލުން ބޮލުން އަހަރެން އޭނާއަށް ފިދާވެ ނިމިއްޖެ..! އޭނާގެ ރީތިކަމުގެ ޖާދޫގައި ދީވާނާވެއްޖެ.. ހިތުގައި އަމިއްލަ ކޮންޓްރޯލެއްނެތި އޭނާއަކީ އަހަރެންގެ ރެއާއި ދުވާލުގެ ވިންދުކަމުގައި ހަމަޖެހިގެން ދިޔައީ ކޮންއިރަކުކަމެއްވެސް ނޭގެ.. އަހަރެންގެ އަމިއްލަ ނަފުސަށް ނެތް އިތުބާރު އޭނާއަށް ކުރިން، އެ އިތުބާރުގެ ހިޔަނީގައި އޭނާ އަހަންނަށް ބޭވަފާތެރިވީ ދުވަހަކުވެސް އެ ވޭނުން އަރައިނުގަނެވޭ މިންވަރަށް.. ލޯބީގެ ފުރަތަމަ ކޮޅުގައި އޭނައަކީ އަހަރެންގެ ހަޔާތަށް ބަހާރުމޫސުން ގެނެސްދިން ކުލަ ރީތި މައުސޫމް ކޮކާލެއްފަދަ ފަރިކަމެއް..! އޭގެ ފަހުގައި އަހަރެން ބަދަލުވެގެން ދިޔައީ އަނދިރީގައި ދިއްލާފައިވާ އުއްބައްތީގެ ހުޅުކޮޅުގައިޖެހި އަނދައި ހުލިވެގެންދާ ޕަރުވާނާއެއް ފަދައިން.. އަހަރެންގެ މޮޔަ ނިންމުމުގެ ސަބަބުން އޭނާ ކުޅެމުންދިޔަ ހީލަތްތެރި ރެވުމެއް ރެއަކާވެސް ނުލި.. ފައިސާއާއި އަގުހުރި ހަދިޔާތަކަށްޓަކައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއެކު އޭނާގެ އެނދު ހޫނުކުރަމުންދިޔައީ އެކަމުގެ ހަބަރެއްވެސް އަހަރެންގެ ސިކުނޑިއާއި ހަމައަށް ވާސިލްނުވެ.. އަހަރެން މެދުވެރިކޮށް އަހަރެންގެ އާއިލީ ކުންފުނީގެ ހުރިހައި ސިއްރަކާއި ޕާސްވޯޑްތައް އޭނާ ހޯދީ ކުޅަދާނަކަމާއެކު.. ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެ ސުންނާފަތިވެގެންދިޔައީ އަހަރެން އޭނާއަށް ކުރި ކަނު އިތުބާރެއްގެ ސަބަބުން.. ހަގީގަތުގައި އަހަރުމެންގެ އެވަގުތުގެ ހާލަތު ކުރުކޮށް ބުނަންޏާ ބުނެވޭނީ، އަތުގައި އެންމެ ފައިސާފޮއްޗެއްވެސް ނެތި، ނިކަމެތި ހާލުގައި މަގުމަތިވިއްޔޭ.." އީތަންގެ ވާހަކކަ ނިންމާލީ މާޔޫސީ ފަނޑު ހިނިތުންވުމަކާއެކު އިސްޖަހައިލަމުންނެވެ. ފަރުވާތެރިކަމާއެކު ކަނުލައި އަހަރެން އަޑުއެހީމެވެ. (ނުނިމޭ)