
މިގެ ދިހަ އަހަރު ފަހުން 2034ގެ ފީފާ ވޯލްޑްކަޕް އޮންނާނީ ސައުދީގައިކަން ފީފާއިން ވަނީ ރޭ އިއުލާންކޮށްފައެވެ. 2034ގެ އޮންނަ ވޯލްޑް ކަޕް ބާއްވަން ފީފާ އިން ފުރުސަތު ދިނީ އޭޝިއާ އާއި އޯޝެނިއާގެ ގައުމުތަކަށެވެ. އެ ފުރުސަތަށް ސައުދީއާއި އެކު ބިޑްކުރީ އޮސްޓްރޭލިއާ އިންނެވެ. އެހެންނަމަވެސް އޮސްޓްރޭލިއާ އިން ވަނީ ފަހުން އެމީހުންގެ ބިޑް ނަގާފައެވެ.
2034 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ބީލަން ސައޫދީ އަރަބިއްޔާއިން ކާމިޔާބު ކޮށްފައިވާތީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށާއި، ވަލީއަހްދުއަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢޫދަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
2034ގެ ވޯލްޑްކަޕް ބާއްވަން ލިބުމުން ސައުދީ ރައްޔިތުން އުފާކުރަނީ
އެކްސްގައި ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކާމިޔާބީއަކީ ސަޢޫދީ އަރަބިއްޔާގެ ހައިބަތާއި ޤަދަރު ދުނިޔޭގައި އުފުލެމުންދާ ކަމުގެ ހެއްކެއްކަމަށާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެ ގައުމުގެ ސާބިތުކަމާއި، ހަރުދަނާ ސިޔާސަތާއި އިސްނެގުމުގެ ދިރިހުރި މިސާލެއް ކަމުގައި ވިދާޅުވެފައެވެ.
2034 ވަނަ އަހަރު ސައޫދީ އޮންނަ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަކީ ކުޅުންތެރިންގެ މޮޅުކަން ދައްކުވައިދޭ ވޯލްޑް ކަޕަކަށް ވުމުގެ އިތުރުން، އެއްބައިވަންތަކަމާއި ސަގާފަތާއި ފަންނިއްޔާތާއި އީޖާދުތަކުގެ ރޮނގުންވެސް ދުނިޔެއަށް މުޅީން އައު ކަންތައްތަކެއް ދައްކުވައިދޭނެ މުބާރާތަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
2034ގެ ވޯލްޑްކަޕްސައޫދީ އަރަބިއްޔާގައި ބާއްވަން ނިންމާ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިނާއި، ޕޯޗުގަލް، އަދި މޮރޮކޯ ގުޅިގެން ބާއްވަން ފުރުސަތު ދިންކަން ރޭ ފީފާއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތަށް ނިންމީ ފީފާ އިން ވޯލްޑް ބާއްވާތާ ގަރުނެއް ފުރޭ އަހަރު ކަމުން އެކަން ފާހަގަކުރަމަށެވެ. އަދި 2030ގެ ވޯލްކަޕްގެ ބައެއް މެޗުތައް އުރުގުއޭ އާއި އާޖެންޓީނާ އަދި ޕެރެގުއޭގައި ކުޅުމަށް ފީފާއިން ވަނީ ނިންމާފައެވެ.