މިރޭ އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ސައިފު ވިދާޅުވީ އެމްޑީޕީއާ އެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށެވެ. އަދި އެކަމަށް ޓަކައި މަޝްވަރާގެ މޭޒަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމަށް ފާސްކޮށްފަ އެވެ. އަދި އެ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށް ވެސް ނިންމައިފަ އެވެ.
ސައިފު ވިދާޅުވީ މި ސަރުކާރުން މަޖިލިސް މެންބަރުންނާއި ނޫސްވެރިން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކާއި ލާމަރުކަޒީ ނިޒާމަށް ދެމުންދާ ގެއްލުންތަކާ ދެކޮޅަށް އެ ޕާޓީން ތެދުވާނެ ކަމަށެވެ. އަދި އެކަމަށް ޓަކައި ޖަލްސާތައް ބާއްވައި، މުޒާހަރާ ކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.