ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުސާރައާއި ޕެންޝަނަށް 11 ބިލިއަން ރުފިޔާ ހަރަދުކުރި އިރު، މި އަހަރު އެ އަދަދު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މުސާރައާއި ޕެންޝަނަށް ކުރާ ހަރަދު އިތުރުވުމާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. މި ގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި މި އަހަރު 30.6 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އިދާރީ ހިންގުމުގެ ހަރަދު ވެސް މި އަހަރު ވަނީ 197 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. ނަމަވެސް އާސަންދައާއި ސަބްސިޑީއަށް ކުރާ ހަރަދު ވަނީ ދަށްވެފަ އެވެ.