ads
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
އުސޫލުން ބޭރުން ގޯތި ދިންކަމަށް ބުނެ މައްސަލަ ބަލަން މަޖިލީހަށް
އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށާއި، މިއީ ސަރުކާރަށް ވެސް އެނގިގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރައްވައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މިރޭ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
Advertisement

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ފުލުހުންގެ ޓީމެއް މިހާރު އެޗްޑީސީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިކަމަކީ ދައުލަތަށް އެއްވެސް މަންފާއެއް ނުވާގޮތަށް ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކާލާފައިވާ މައްސަލައަކަށްވާތީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ވީމާ، މިކަން ހިނގައިފައިވާ ގޮތް ބެލުމަށާއި، މިކަމުގައި ޝާމިލުވާ އެންމެން ދެނެގަތުމާއެކު، މިފަދަ ކަންކަން އިތުރަށް ހިންގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށްޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިމައްސަލަ ބައްލަވައިދެއްވުން އެދި ހުށަހަޅަމެވެ." ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮވެ އެވެ.

އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.

އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އޭނާއަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތިތައް ހަވާލުކުރުމުގައި ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވަނީ ވިދާޅުވެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް