ޕީސީބީން މިއަދު ބުނި ގޮތުގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގައި ތިބި އެންމެންވަނީ ސަސްޕެންޑް ކުރީ ފުލުހުން ބަލަމުންދާ ހުޅުމާލޭން ގޯތި ދިން މައްސަލައާ ގުޅިގެން ކަމަށެވެ.
ބޯޑުން ސަސްޕެންޑް ނުކުރާ ހަމައެކަނި މެންބަރު ކަމަށްވާ ނާސިފް (ޑީޑީ) އައްޔަންކުރީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ. އޭނާ އާއި ފަޒުލްގެ އިތުރުން ދެން ބޯޑުގައި ތިއްބަވަނީ؛
▪️ އަޒްހާރު އަބްދުﷲ ސައީދު
▪️ އިބްރާހިމް ޔޫސުފް ފުޅު
▪️ މުހައްމަދު ވިޝާމް
▪️ އުލާ މުހައްމަދު ރަޝީދު
▪️ އާރިފް އަބްދުއްސަމަދު
▪️ މުހައްމަދު ނާޖިލް
▪️ މުހައްމަދު ވަހީދު
▪️ ފާތިމަތު މިޒްނާ އަލީ
▪️ ޔޫސުފް ވަހީދު
ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަހިގީގު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައިވާކަން، ސަރުކާރުގެ ތަރުޖަމާންވެސްވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ، ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.
ފަޒުލް ސަސްޕެންޑް ކުރިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގައި އެޗްޑީސީގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުން ފަށާފައިވާ ތަހުގީގަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.
އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށާއި، މިއީ ސަރުކާރަށް ވެސް އެނގިގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރައްވައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށްވެސް ހުށަހަޅުއްވައިފި އެވެ.