ads
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުންޏަކަށް ލާރި ދިނުން ހުއްޓުވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލު ކުރި ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުންޏަށް ދެ ލައްކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ހުއްޓުވައިފިއެވެ.
Advertisement

ޗަންގް ހުއާ ކުންފުނީގެ ފަރާތުން ދައުލަތާ ދެކޮޅަށް މި ދައުވާކޮށްފައި ވަނީ 1 މާޗް 2016ގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއު 140 މިލިއަން ޑޮލަރަށް (2.2 ބިލިއަން ރުފިޔާ) އޭރުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޖީއެސްޓީ ނުހިމަނާ ގޮތަށް ކަމަށް ބުނެ އެވެ. އެހެންވެ ކޯޓުގައި އެ ކުންފުނިން އެދިފައި ވަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ދައްކަން ޖެހޭ ޖީއެސްޓީއަކީ ދައުލަތުން ޒިންމާވާން ޖެހޭ ފައިސާގެ އަދަދުތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ ކުންފުނިން މީރާގެ މައްޗަށް ދައުވާ ކުރުމާ ހަމައަށް ދައްކާފައިވާ ޖީއެސްޓީގެ ތެރެއިން، ދައުލަތުން ޗަންގް ހުއާއަށް ދައްކަން ޖެހި ނުދައްކައިވާ 227،560ރ. އަކީ ދައުލަތުން ޗަންގް ހުއާއަށް ދައްކަން ޖެހޭ ފައިސާ ކަމަށް ކަނޑައެޅުމަށާއި އެ ފައިސާ އެ ކުންފުންޏަށް އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ، އެ އެދުނު އެދުމާ އެއްގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގެ އަމުރަކުންވަނީ އެ ފައިސާ ދިނުން ހުއްޓުވާފައެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރައްވާފައިވާނީ ސިންގަޕޫރު ކުންފުނިން އެދުނު ގޮތަށް، އެ ޕްރޮޖެކްޓާ ގުޅިގެން މީރާއަށް ދައްކަން ޖެހޭ ޓެކްސްއަކީ ދައުލަތުން ޒިންމާވާން ޖެހޭ ފައިސާ ކަމަށެވެ. އަދި ދައުވާ ކުރުމާ ހަމައަށް މީރާއަށް އެ ކުންފުނިން ދައްކާފައިވާ ފައިސާގެ ތެރެއިން ދައުލަތުން ނުދީ ހުރި 227،560ރ. ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ. އެ ފައިސާ އެކީ އެއްފަހަރާ ދައްކައި ހަލާސްކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައި ވަނީ ހުކުމް ކުރި ތާރީހުން ފެށިގެން އެއް މަސް ތެރޭގަ އެވެ. އެކަމަކު އެކަން ހައިކޯޓުން ހުއްޓުވުމާއެކު، ސިވިލް ކޯޓުންވަނީ އެ ހުކުމް ތަންފީޒު ކުރުމަށް އެދުނު އެދުންވެސް ބާތިލުކޮށްފައެވެ.

މި މަޝްރޫއު ސިންގަޕޫރު ކުންފުންޏާ އޭރު ޔާމީންގެ ސަރުކާރުން ހަވާލު ކޮށްފައި ވަނީ އާންމު ބިޑަކަށް ނުގޮސް، މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްގެނެވެ. އެހެންވެ އޭރު ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެ، މަޝްރޫއު ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން ވެސް ފާޑުކިޔެވެ. އެކަމަކު އެކަން އޭރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބެލުމަށް ފަހު ނިންމީ ކޮރަޕްޝަނެއް ނެތް ކަމަށެވެ. އޭގެ ފަހުން އާ ސަރުކާރާ އެކު ކޮމިޝަންގެ މެމްބަރުން ބަދަލުވެ، އަލުން އެ މައްސަލަ ބެލި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗަންގް ހުއާ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، ސިނާމަލާ ބްރިޖު އެޅި ޗައިނާގެ ސީސީސީސީގެ ސަބްސިޑަރީ ކުންފުނި ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން އެއަށް ވުރެ ކުޑަ އަގެއް ކަމަށްވާ 53 މިލިއަން ޑޮލަރު (821 މިލިއަން ރުފިޔާ) ހުށަހަޅާފައި ވަނިކޮށެވެ. އެއީ ޗަންގް ހުއާ ކުންފުނިން ހުށަހެޅި އަގަށް ވުރެ 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ކުޑަ އަގެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް