ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެ ދެ ސްކީމަށް ފޯމު ބަލައިގަތުމާއި، ފްލެޓް އަދި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކޮށްފައެވެ.
އެހެންކަމަށްވުމާއެކު ޕްރޮސެކިއުޓާ ޖެެނެރަލްއަށް ލިބޭ ބާރުގެ ދަށުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ގެ މަސައްކަތް ފެށުނީއްސުރެއް މިއަދާ ހަަމައަށް ހިންގާފައިވާ ހުރިހާ ކަންކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގާނެކަމަށް އެ އޮފީހުން ބުނެއެވެ. އަދި އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަަމަ އެކަން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށްޓަކައިި ޕީޖީ އޮފީހަށް ހުށަހެޅުމަށް ފުލުހުންނަށް އަދި އޭސިސީގެ މައްޗަށް ޕީޖީ ވަނީ އަމުރުކުރައްވާފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މި އިއުލާނާއެކު ޕީޖީ އައްބާސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ދެން ތިބި ހުރިހާ މެންބަރުންނާއި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ޕީސީބީން މިއަދު ބުނި ގޮތުގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގައި ތިބި އެންމެންވަނީ ސަސްޕެންޑް ކުރީ ފުލުހުން ބަލަމުންދާ ހުޅުމާލޭން ގޯތި ދިން މައްސަލައާ ގުޅިގެން ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.