އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އެޗްޑީސީގެ އިސްވެރިއަކަށް މައުރޫފް ޖަމީލް ފަދަ ބޭފުޅަކު އައްޔަން ކުރެއްވުމާ ގުޅިގެން އުފާފުޅުވާ ކަމަށެވެ.
މައުރޫފް ޖަމީލަކީ މައުމޫންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ހުޅުމާލެ ހިއްކި ދުވަސްވަރު ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ ވެރިޔާގެ ހައިސިއްޔަތުން ހުޅުމާލޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
މައުރޫފް އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކުރީ، އެ މަގާމުގައި ހުރި އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ފަޒުލް އިސްތިއުފާ ދީފައިވަނީ އެޗްޑީސީގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ.