މޯލްޑިވިސް ސޮސައިޓީ ފޯ ޕާވޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފައުންޑަރު މުހައްމަދު ރަޝީދު (ދަރާ) ވިދާޅުވީ ފިލްމު ފެސްޓުވަލުގެ ބޭނުމަކީ ފިލްމުތަކުގައި މަސައްކަތް ކޮށްފައި ތިބި މީހުންނާއި އާންމުންނަށް ފިލްމުތައް ބަލައިލުމުގެ ފުރުސަތު ދިނުންކަމަށެވެ.
ފިލްމު ފެސްޓިވަލުގެ އެވޯޑުތައް ޖަޖުކުރާނީ ޖުމްލަ ހަތް ޖަޖުންގެ ޕެނަލަކުންނެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރުގެ ދެ ޖަޖުންވެސް ހިމެނެއެވެ.
އާދިއްތަ ދުވަހުގެ ރޭ ފެށި ފެސްޓިވަލް ކުރިއަށް ދާނީ މި ހިނގާ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ނިލަށެވެ. ކޮންމެ ދުވަހަކުވެސް ތިން ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލުގައި އެވޯޑުތައް ހޯދަން 19 ދިވެހި ފިލްމު ބައިވެރިކޮށްފައިވެއެވެ. ފިލްމުތައް ބައިވެރިކުރަން ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިލަށެވެ.
ފިލްމު ފެސްޓިވަލުގެ ޓިކެޓު ވިއްކަމުން ގެންދަނީ އޮލިމްޕަހުންނެވެ. ދެ ގޮތަކަށް ޓިކެޓު ގެންދަނީ ވިއްކަމުންނެވެ. އެއީ ބޭނުންވާ ވަކި ފިލްމުތަކަށް ހާއްސަ 50 ރުފިޔާގެ ޓިކެޓާއި، ސީޒަން ޓިކެޓެއް 500 ރުފިޔާއަށް ގަނެގެން 19 ފިލްމު ބަލައިލެވޭނެއެވެ.
އޮލިމްޕަހުގައި ޓިކެޓު ވިއްކާނީ ހަވީރު 4:00 އިން 18:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މީގެ ކުރިން އެވޯޑު ނައިޓު ބާއްވަން ހަމަޖެހިފައި އޮތީ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އެކަށީގެންވާ މިންވަރުގެ ސްޕޮންސާ ނުލިބުމާއި، އަދި އެހެން ގޮންޖެހުންތައް އޮތުމުގެ ސަަބަބުން މި މަހުގެ 30 ވަނަ ދުވަހު އެވޯޑެއް ނުބޭއްވޭނެކަމަށް ރަޝީދު ވިދާޅުވިއެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ތެރެގައި އެވޯޑު ބާއްވާނެކަމަށް ވެސް ދަރާ ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެވޯޑު ބޭއްވުން ލަސްވާ ސަބަބުތަކުގެ ތެރެގައި އެވޯޑަށް ބޭނުންވާ ތަން ހަމަޖެއްސުމަށް ވެސް އެންސީއޭއަކު މަޝްވަރާ ކުރަން ބޭނުންވާ ބައްދަލުވުން ހަމަނުޖުން ހިމެނޭކަމަށެވެ.
ދަރާ ރަޝީދު ވިދާޅުވީ އިންޑިއަން ހައިކޮމިޝަނާއި ކަލްޗަރަލް ސެންޓަރުގެ ވަރަށް ބޮޑު އެއްބާރުލުމެއް މި ފިލްމު ފެސްޓިވަލާއި އެވޯޑު ބާއްވަންވެސް ވަމުން އަންނަކަމަށެވެ. އެގޮތުން އެމްއެސްޕީއޭއަށް މާލީގޮތުން ވެސް ކޮންމެ އިވެންޓަކަށް ވެސް އިންޑިއާއިން އެހީތެރިވަމުން އަންނަކަމަށެވެ.
ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ނެޝަނަލް ސެންޓަފޯ ދަ އާޓްސް (އެންސީއޭ) އިން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.
އެވޯޑު ބާއްވާ ރޭގެ ކުރިން މަސައްކަތްތައް ބަލާލުމުގެ ފުރުސަތު:
ރަޝީދު ވިދާޅުވީ އެވޯޑުގެ ހުރިހާ ކަމެއްވެސް ނިންމާނީ އެ ވޯޑުގެ ޖަޖުން ނުވަތަ ޖޫރީންކަމަށެވެ.
ފެސްޓިވަލުގެ އަނެއް ބޭނުމަކީ ފިލްމީ ދާއިރާއަށް ވެސް ދިވެހިން އަހުލުވެރިކުރުމަކީވެސް، ފެސްޓިވަލުގެ ބޭނުމެއްކަމަށް އޭނާ ބުންޏެވެ.
އާ އެސޯސިއޭޝަނަކުން މަސައްކަތް ފެށީ އިތުރު ކުރިއެރުން ބޭނުންވާތީ:
ރަޝީދު ވިދާޅުވީ އެމްއެސްޕީއޭ އުފައްދަން ވިސްނެވީވެސް، މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުގައި 2010 ވަނަ އަހަރު އިންތިހާބުވެގެން ޗެއާޕާސަންގެ މަގާމެއްގައި މަަސައްކަތް ކުރެއްވިއިރު، އަމިއްލައަށް އެންޖީއޯއެއް އުފައްދައިގެން ނޫނީ ފިލްމީދާއިރާގެ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ގެންދިއުމަށް އެންބާރުލުން ނުދެވޭނެކަމުގެ އިހުސާން ކުރެވުނުކަމަށެވެ.