"ގޭމް ޗޭންޖާ" ފިލްމުގެ ޑާންސް ޕްރެކްޓިސް ވީޑިއޯއެއް ހިމެނޭ މި ޕޯސްޓުގައި ކިއާރާ އަދްވާނީ ވަނީ ޖަނީ މާސްޓަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން މިހާރު ވަނީ އެ ބައި ޕޯސްޓުން އުނިކޮށްފައެވެ.
ޖަނީ މާސްޓަރަކީ މިދިޔަ ސެޕްޓެމްބަރ މަހު އޭނާގެ އެހީތެރިއަކު ކުޑައިރު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހެކެވެ. އޭނާ ވަނީ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރުމަށްފަހު އޮކްޓޯބަރު މަހު ދޫކޮށްލާފައެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކިއާރާ އަދްވާނީގެ މި ހަރަކާތް ކުށްވެރިކޮށް، އަންހެނަކަށްވެ ހުރެ މިފަދަ ކަމެއް ކުރުމާމެދު ހިތާމަކޮށްފައެވެ. ރެޑިޓްގައި ވެސް ގިނަ ބަޔަކު ވަނީ ބޮލިވުޑްގެ މަޝްހޫރު ތަރިން މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.