އަލް ޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރް ބެން-ގްވީރް އަލް އަގްސާ މިސްކިތަށް ވަދެގަނެފައިވަނީ އިއްޔެ އެވެ. އޭނާ ވަނީ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގުސާ މިސްކިތުގެ ކޮމްޕައުންޑުގައި ޔަހޫދީ ސިނަގޯގެއް ހަދާނެ ކަމަށް ބުނެފަ އެވެ.
ދިވެހި ހާރިޖީއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންދާ އަމަލެއް ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
އަދި މިއީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއިއެކު ދުނިޔޭގެ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.
މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ވަނީ ގޮވާލާފަ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން އިޒްރޭލުން ވަނީ އަލް އަގްސާ މިސްކިތަށް އަރައިގަނެ، ގެއްލުން ދީފަ އެވެ. އެ މާތް ތަނުގައި ނަމާދުކުރުމަށް ތިބޭ މީހުންނަށް އިޒްރޭލުގެ އަނިޔާވެރިން ގޮންޖެހުންތައް ކުރިމަތިކުރުވަ އެވެ.
ޚާއްސަ ގޮތެއްގައި ކޮންމެ ރަމަޟާން މަހެއްގައި އިޒްރޭލުން އަލް އަގުސާ މިސްކިތަށް އަރައިގަނެ، ފަލަސްތީނަށް ހަމަލާތައް ދެއެވެ.