ކާޓާއަކީ އެމެރިކާއި 39 ވަނަ ރައީސްއެވެ. ރައީސްކަމުގެ ދައުރަށްފަހު، ކާޓާ އިންސާނިއްޔަތަށް ކުރެއްވި މަސައްކަތްޕުޅުތަކަށް 2002 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގަތެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އިންތިޚާބުތައް މޮނިޓާކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ކާޓާ އަވަހާރަވީ ޖޯޖިއާގެ ޕްލެއިންސްގައި ހުންނަ އެމަނިކުފާނުގެ އަމިއްލަފުޅު ގޭގައި އޮންނަވަނިކޮށެވެ. ސިއްޚީ މައްސަލަތަކުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން ކާޓާއަށް ފަރުވާދެމުން އައީ ގޭގައި ބާއްވައިގެންނެވެ.
ޖޯޖިއާގެ ރަށްފުށު ހިސާބަކުން ވަރަށް އާދައިގެ ދިރިއުޅުއްވުމަކުން އެމެރިކާގެ ރައީސްކަމަށް ވަޑައިގެން 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާ ހަމައަށް ކާޓާ ވަނީ ވެރިކަން ކުރައްވާފަ އެވެ.
ކާޓާ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވި އިރު އާއިލާގެ ބޭފުޅުން ގާތުގައި ތިއްބެވި ކަމަށެވެ. ކާޓާ އަވަހާރަވި އިރު ހަތަރު ބޭފުޅުންނާއި 11 ކާފަދަރިންނާއި 14 މުނިކާފަދަރިން އެބަތިއްބެވެ.
ކައިވެންޏަށް 77 އަހަރު ވެފައިވާ އޭނާގެ އަނބިކަނބަލުން ރޮޒަލިން އަވަހާރަވީ ނޮވެމްބަރު 2023ގަ އެވެ.