މުޅި ދުނިޔޭގައި މުސްލިމުންގެ އާބާދީ 1.16 ބިލިއަނަށް ވުރެ ގިނަ ނުވަތަ ސީދާ ބުނާނަމަ 1،161،780،000 އަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޕިއު ރީސާޗް ސެންޓަރުން ކުރި ދިރާސާއިން ދައްކަ އެވެ.
އިސްލާމްދީނާއި ކްރިސްޓިއަން ދީނާއި ހިންދޫ ދީނާއި ޔަހޫދީ ދީނާއި ބުޑިޒަމް ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދީންތަކާ ބެހޭ ގޮތުން ޕިއު ރިސާޗް ސެންޓަރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ މުސްލިމުންގެ އާބާދީ ދެ ބިލިއަނަށް ވުރެ މައްޗަށް އަރާނެ ކަަމަށް ދައްކަ އެވެ.
2010 ވަނަ އަހަރުގެ ރިޕޯޓެއްގައިވާ ގޮތުން 1،599،700،000 މީހުންގެ އާބާދީއެއް އޮންނަ، މިހާރު ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ދީން ކަމަށްވާ އިސްލާމްދީން ކުރިއަށް އޮތް 25 އަހަރު ތެރޭގައި އިތުރު 1،161،780،000 މީހުން އިތުރުވެ، އެންމެ އާބާދީ ބޮޑު ދީނަށް އިސްލާމް ވެގެން ދާނެކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ.
އެއާއެކު މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ދީނީ ޖަމާއަތްތަކުގެ ލިސްޓުގެ ދެ ވަނައަށް ކްރިސްޓިއަނުން ދަތުރުކުރާނެ ކަމަށާއި 2050 ވަނަ އަހަރު ކްރިސްޓިއަނުންގެ އާބާދީ 2،918،070،000 އަށް އަރާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މި ވަގުތު ކްރިސްޓިއަނުންގެ އާބާދީއަކީ 2.3 ބިލިއަން އެވެ. އެއީ ދުނިޔޭގެ އާބާދީގެ 31.4 އިންސައް ތައެވެ.
ރިޕޯޓުގައިވާ ގޮތުން މުސްލިމުންގެ އާބާދީ ހަލުވިކަމާއެކު އިތުރުވުމަށް މެދުވެރިވާ ތަފާތު ކަންތައްތަކެއް އެބަހުރި ކަމަށާއި އެއީ ދީނީ ޖަމާއަތްތަކުގެ ތެރެއިން އެންމެ މަތީ އާބާދީއެއް ކަމަށްވާ ޒުވާން އާބާދީއެއް ހުރުމާއި ދަރިމައިވުމުގެ ނިސްބަތް މަތިވުމެވެ. އެގޮތުން އެ ރިޕޯޓުން ހާމަކޮށްފައިވާ ގޮތުގައި މުސްލިމް އަންހެނުންގެ ދަރިމައިވުމުގެ ނިސްބަތް 3.1 އަށް އަރާއިރު، ކްރިސްޓިއަން އަންހެނުންގެ ނިސްބަތަކީ 2.7 އެވެ.
ޕިއު ރިސާޗް ސެންޓަރުން 2010 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ވަނީ ދުނިޔޭގެ މުސްލިމް އާބާދީގެ 34 ޕަސެންޓަކީ 15 އަހަރުން ދަށުގެ މީހުން ކަމަށާއި 60 ޕަސެންޓަކީ 15 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން ކަމަށާއި 60 އަހަރުން މަތީގެ މީހުންނަކީ އެންމެ 7 ޕަސެންޓް ކަމަށް ހާމަކޮށްފަ އެވެ. އެގޮތުން ގިނަ މުސްލިމުން ދިރިއުޅެނީ އެފްރިކާ އާއި މެދުއިރުމަތީގައި ކަމަށްވާއިރު، ދުނިޔޭގެ އާބާދީ އިތުރުވުމުގެ ނިސްބަތް ބޮޑުވާނެ ކަމަށް ލަފާކުރެ އެވެ.
އެހެންކަމަށްވުމާއެކު ޕިއު ރިސާޗް ސެންޓަރުން ލަފާކުރި ޓްރެންޑް ތެދު ނަމަ، ދުނިޔޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމްދީނަށް ވުމުގެ އިތުރުން، އިންޑިއާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ ގައުމަށް ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.
މިވަގުތު އިންޑިއާގައި ޖުމްލަ މުސްލިމުންގެ އާބާދީ އަކީ 172.2 މިލިއަން އެވެ.