މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތްތައް ހިދުމަތް ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިޔުޓީ މިނިސްޓާ ފޮ ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ، އަޝްރަފް ނުއުމާން އާއި ހަސަން ހަލީލު، އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.
ކުންފުނީގެ އޮންލައިން ހިދުމަތްތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ދައުލަތުގެ އެކި އޮފީސްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ އީފާސް ނިޒާމު ބޭނުންކޮށްގެން އެމްޑަބްލިޔުއެސްސީގެ ހިދުމަތަތައް އެދި ހުށައެޅުމާއި، އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށައެޅުމާއި، ހުށައަޅާ އެޕްލިކޭޝަންތަކުގެ ކުރިޔަށްދާ އެކި މަރުހަލާތައް ފަސޭހަކަމާއެކު ބަލާލެވުމާއި، އެޕްލިކޭޝަންތަކުގެ މަރުހަލާތައް ބަދަލުވަމުންދާ ސްޓޭޓަސް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރަށް ފޮނުވުން ހިމެނެއެވެ. އަދި އޮންލައިން ހިދުމަތް ބޭނުން ހިފައިގެން ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލައިލެވުމާއި، ،އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކައި، އަދި އެކި އެކައުންޓުތަކުގެ ބިލުތަކަށް އެއްފަހާރާ ފައިސާދެއްކޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މީގެއިތުރުން، ކުންފުނިން އޮޕެރޭޓް ކުރަމުންދާ ރަށްރަށުގެ ފެން މީޓަރުތައް ސްމާޓް މީޓަރުތަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން، ސްމާޓް މީޓަރު ހަރުކުރެވިފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންވެސް އަދި ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި، ބިލްތަކުގެ ތަޕްސީލު ފަސޭހަކަމާއިއެކު ބަލާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމައު އަށް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެ.