މި ރަސްމިއްޔާތުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަތް އިރު، ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގ ވެންޓާއޯ ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި ލޯޔަރުންނާއި، އާކިޓެކްޓުންނާއި، ސިއްހީ ހިދުމަތްތެރިންނަށް ޗައިނާގެ މާކެޓަށް ހިދުމަތް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޗައިނާގެ ކޮމާސް މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ބާވަތްތައް ޒީރޯ ޓެރިފްގައި ޗައިނާއަށް އެކްސްޕޯޓުކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުންދާއިރު، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.