
ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ވޮޝިންގްޓަންގައި ހުންނަ އިންޑިއާ އެމްބަސީގެ އިސް އިންޓެލިޖެންސް އޮފިސަރަކާއި، ކުރީގެ އިންޑިއާ ޕޮލިސް އޮފިސަރެއް ކަމަށްވާ ޝިރިޝް ތޯރަޓް އަދި އިންޑިއާގެ ވެރި ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަން ސަވިއޯ ރޮޑްރިގަސްއާ ދެމެދުގައިކަމަށް އެ ނޫހުން ބުނެއެވެ. މި ރެކޯޑިންތައް ވޮޝިންގްޓަން ޕޯސްޓާ ހިއްސާކޮށްފައިވަނީ ރައީސް މުއިއްޒުގެ އާއިލާގެ ލަފާދޭ ފަރާތަކުންނެވެ.
ވޮޝިންގްޓަން ޕޯސްޓުން މި މައްސަލަ ބެލުމަށް ތޯރަޓް އަދި ރޮޑްރިގަސްއާ ވާހަކަދެއްކުމުން، ރައީސް މުއިއްޒު ވައްޓާލުމުގެ ޕްލޭނެއް އޮތްކަން އެ ދެ ފަރާތުންވެސް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއީ އިންޑިއާ ސަރުކާރުގެ ފަރާތުން ކުރި މަސައްކަތެއްތޯ ސުވާލުކުރުމުން ޖަވާބުދޭން ދެފަރާތުންވެސް އިންކާރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން އެއްވެސް ކޮމެންޓެއް ކުރަން އިންކާރުކޮށްފައިވާއިރު، ރައީސް މުއިއްޒުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްވެސް ވަނީ އެއްވެސް ކޮމެންޓެއް ކުރަން އިންކާރުކޮށްފައިކަމަށް ވޮޝިންޓަން ޕޯސްޓުން ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.