ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ކުރިން 600 ކޮންޓެއިނަރު އުފުލޭ ބޯޓެއް ބޭނުންކުރި ނަމަވެސް މިހާރު 1100 ކޮންޓެއިނަރު އުފުލޭ ބޯޓެއް ގެނެސް ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ. މިއީ މިހާރު އޮތް ދެ ބޯޓުގެ އިތުރުން ގެނައި ބޯޓެކެވެ.
އެމްއެސްއެސްއިން ބުނި ގޮތުގައި ރާއްޖެއަށް އެތެރެކުރާ މުދަލުގެ 90 ޕަސަންޓު އަންނަނީ ލަންކާ މަގުންނެވެ. އެހެންކަމުން ލަންކާ މަގުން މުދާ އުފުލުމުގެ ކެޕޭސިޓީ އިތުރުކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެކެވެ.
މުދާ އުފުލުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް އެމްއެސްއެސްއިން ވަނީ ކޮންޓެއިނަރ ފްލީޓަށްވެސް 1000 ކޮންޓެއިނަރ އިތުރުކޮށްފައެވެ. އަދި އަންނަ އަހަރު އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.