ads
ސިއްރު - 13 ވަނަ ބައި
އެޕިސޯޑް 13
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ލިބުނު ހައިރާންކަމުގައި ސަރ ކުއްލިޔަކަށް އެނބުރުނެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި ސަރއާއި، ބެލްކަނީ ރެއިލިންއާއި ދެމެދު ސޭންޑްވިޗެއް ފަދައިން އަހަރެން ފިތިފައި ހުރީ ވާނުވާ ނޭގިފަ އެވެ. އަހަރެންގެ ފައިން ފެށިގެން ބޮލާއި ހަމައަށް ސަރ ބަލައިލި އެވެ. އެ މޫނަށް ނުވަތަ އެ ލޮލަށް ބަލާކަށް މިވަގުތު އަހަންނަށް ކުޅަދާނައެއް ނޫނެވެ. ލިބުނު ނުތަނަވަސްކަމުގައި އަހަރެންގެ މިސްރާބު، ސަރ ފިޔަވައި އެހެން ހުރިހައި ދިމާއަކަށް އަމާޒުކުރެވޭތޯ ބެލީމެވެ. 

"މިއަދުން ފެށިގެން ރިދީ ލާނީ ހަމައެކަނި އަހަރެންގެ އަންނައުނު..! ރިދީގެ 'ވޯޑްރޯބް' އަހަރެން ބަދަލުކުރުމާމެދު އެއްވެސް މައްސަލައެއް އެބައޮތްތަ؟" އިހްތިޔާރަކާއި ނުލައި ސަރ ބުނެލި އެވެ.

އެއީ ގަސްތުގައި ބުނިއެއްޗެއް ނޫންކަން އަހަންނަށް ޔަގީނެވެ. ކިތަންމެ މަޑުމަޑުން ބުނެލިޔަސް އެ އިބާރާތްތައް އަހަންނަށް ސާފުކޮށް އަޑުއިވުނެވެ. ދޫ ހަރަކާތްކުރީ ސަރގެ އިހްތިޔާރަކު ނޫނެވެ.

ބްލަޝްގެ ހުރިހައި ކުލައަކުން އަހަރެންގެ މޫނު ހޫނުވެއްޖެ އެވެ.

ފިކުރުތަކާއި ހިޔާލްތަކުގެތެރެއިން އަހަރެންގެ އަމިއްލަ ހަށިގަނޑަށް ބަލައިލާން އަހަރެން ހަނދާން ނެތުނީ އެވވެ. ތެދެކެވެ! ލައިގެން މިހުރީ ސަރގެ ޓީޝާޓްއެކެވެ. ވަރަށް ހިތްގައިމެވެ. ވަރަށް އަރާމެވެ. އަހަންނާއި ވަރަށް ގުޅޭ އެވެ.

ގުޑާލަންވެސް ނޭގުނެވެ. ސަރގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ  އަހަރެންގެ ހަށިގަނޑަށެވެ. އެހެން ދިމާއަކަށް ބަލައިވެސް ނުލަ އެވެ. ބުނާނެ އެއްޗެއް ނޭގި، ހަރަކާތެއް ނެތިފައި ހުރެވުނެވެ. ސަރގެ ހިޔާލީ 'ބަބުލް' ތެރެއިން ނެރެން ބޭނުމެވެ. ތަންކޮޅެއް ފުންކޮށް ދެތިންފަހަރަކު ކަރުކެހެލީ އެހެން ގޮތެއް ނެތީތީ އެވެ. 

"ޔޫ..! -- ޔޫ ލުކް..!" އުނދަގުލުން ނަމަވެސް ސަރ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރި އެވެ.. އަޑު ފަނޑުވެގެން ފަހުބައި އަޑެއް ނީވުނެވެ. ރަގަޅީވެސް އަޑު ނީވުމެވެ.

ފުރިހަމަ ނުކުރި ޖުމުލަ ސަރގެ ލޮލުން އަހަރެން ދުށީމެވެ. މޫނުގެ ކުލަ ފިޔާތޮށިކުލައިން ރަތްކުލައަށް ބަދަލުވަމުންދިޔަކަން އަހަރެން ސިއްރުކުރާނީ ކިހިނެއް ހެއްޔެވެ؟

އަހަންނަކީ ފެއަރީޓޭލްގެ އެންމެ ގާތްއެކުވެރިޔާ އެވެ. ވާހަކަތަކުން އަބަދުވެސް އަހަރެންގެ މަގުބޫލުކަން ހޯދާ ހާދިސާއެއް އޮވެ އެވެ. ބޯއިފްރެންޑުންގެ އަންނައުނު ގަރލްފްރެންޑުން ލުމުން، ފިރިހެންކުދިންނަށް އެކުރެވޭ އިހްސާސްތަކެވެ. ރައްޓެހިންގެ ފަރާތުންވެސް މިފަދަ އިހްސާސްތަކުގެ އަޑު އަހަރެން އަހަމެވެ. އެކަމަކު ކުރިމަތީގައި ހުރީ އަހަރެންގެ ބޯއިފްރެންޑެއް ނޫނެވެ. އަދި މިއީ ސަރގެ ގަރލްފްރެންޑެއްވެސް ނޫނެވެ. އެކަމަކު އަހަރުމެން ދެމީހުން ދެމެދުގައި މި އިހްސާސް މިހައި ބާރުގަދަމިވަނީ ކީއްވެބާ އެވެ؟

ބެލްކަނީ ރެއިލިންގއާއި ސަރގެ ބިޔަހަށިގަނޑާއި ދެމެދު އަހަރެން ފިތި ބާރުވެފައިވާ މިވަގުތުގައި، ސަރގެ މޭގައި އަހަރެންގެ އަތް ބާއްވާލެވުނެވެ. އިހްސާސްވީ އަމާންކަމެވެ. ރައްކާތެރިކަމާއި، ހިތްހަމަޖެހުމެވެ. ޒަމާންތަކަށްފަހު އަހަރެންގެ މަންޒިލަށް ދަތުރުކުރެވުނުފަދަ އެވެ. ސަރގެ ހިތުގެ ތެޅުން އަހަރެންގެ އިނގިލިތަކުގެ އެންމެ ހިމަނާރުތަކުން އިހްސާސްކުރަމުންދިޔަ އެވެ. ދުވަހަކުވެސް އަޑުއަހާފައި ނުވާ ހިތްގައިމު މިއުޒިކެކެވެ. ސަރ އާއި މިއުޒިކާއި ހުރި ގުޅުން ބުނެދިނުމަށް މިއަށްވުރެން ބޮޑު ހެއްކެއް ބޭނުންވޭ ހެއްޔެވެ؟

"އުމްމމ.. އެކްސިޑެންޓްގެ ވަގުތުގައި... އަހަރެންގެ... ލޯމެރި.. ހޭނެތެމުންދިޔަ .. ވަގުތުގައި.. ސަރ.. ކޮންމެވެސް .. އެއްޗެއް.. ބުނި...!" ޖެހިލުންވި އެވެ. ޖުމުލަ ފުރިހަމަކުރާނެ ގޮތެއް ނުވިސްނުނެވެ. މައުލޫ ކުރިއަށް ގެންދާނެ ރަގަޅު ގޮތެއް ނޭގުނެވެ. 

"ރިދީ.. އަހަރެން ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން..!" އަހަރެންގެ ލޮލަށް ބަލަމުން ސަރ ބުންޏެވެ. ކުރިއަށް ގެންދިއުމަށް އަހަރެން އިޝާރާތް ކުރީމެވެ. އަހަރެން ބުނަން އުޅުނު އެއްޗެއް މިވަގުތު މުހިއްމެއް ނޫނެވެ.

"މީގެފަހުން  ރިދީއަކީ އަހަރެންގެ ޕަރސަނަލް އެސިސްޓެންޓްއެއް ނޫން .." ސަރގެ ޖުމުލައާއެކު އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. 

އަހަންނަށް ގޯސްކަމެއް ކުރެވުނީ ހެއްޔެވެ؟ އަހަންނަށް ގޯސްއެއްޗެއް ބުނެވުނީ ހެއްޔެވެ؟ 

ހަރަކާތް ހުއްޓިފައިވާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ސަރ ހުއްޓެވެ. ދެންމެ ދެންމެ ފަޅައިގެންހިގައިދާނެހެންހީވާ ހިނިގަނޑު ކޮންޓްރޯލް ކޮށްގެން ހުރީ ކީއްވެކަމެއް ނޭގެ އެވެ. އެއްކޮޅުން އަހަރެންގެ ވަޒީފާ ގެއްލުނީ އެވެ. އަނެއްކޮޅުން ސަރ މަލާމަތްކުރަނީ އެވެ. މިއަދަށްވުރެން ބާއްޖަވެރި ދުވަހަކަށް ދުނިޔެއަށް އިރުއެރިބާ އެވެ؟  އަހަރެންގެ ކުރިމަތީގައި ހުރެގެން، އަހަރެންގެ ނަސީބާއިމެދު، އަހަރެންގެ ބޮސް މަލާމަތްކުރަނީ އެވެ!

ގޮތެއް ނުނިންމުމުން ސަރގެ މޫނަށް  ބަލައިލީމެވެ. ހަދަންވީ ގޮތެއް ނުވިސްނުނެވެ. އައި ރުޅީގައި އަނބުރާލާފައި ދާންވީކަމެއް ނުވަތަ ލިބުނު ހިތާމައިގައި ރޯންވީކަމެއްވެސް ނޭގުނެވެ. އެފަދަ ނިންމުމެއް ނިންމި ސަބަބު ސުވާލުކުރަންވެސް އަހަންނަށް ނޭގގުނެވެ. 

"އޯހ މައި ގޯޑް ރިދީ، ޔޫ'ރ ސޯ ކިއުޓް!" އަހަރެންގެ ދެކޮލުގައި ހިފާފާއި ނުހަނު ބާރަށް ސަރ ހޭންފެށި އެވެ. 

ރުޅި އަންނާކަށްވެސް ނޭގުނެވެ. ދުވަހަކުވެސް މިހައި ބާރަށް މިގޮތަށް ސަރ ހެނިކޮށް ނުދެކެމެވެ. އަޑެއްވެސް ނާހަމެވެ. އަހަރެންގެ ކަންފަތަށް ހިތްގައިމު މިއުޒިކެއް އިވެމުންދިޔަ ފަދަ އެވެ. އަޑުއަހާލަން ހިތްގައިމު ރާގެކެވެ. ތުން އޫކޮށްލާފައި ހަށަންބަދެލަމުން އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. އަހަރެންގެ މި ހަރަކާތާއެކު ސަރގެ ހިނިގަނޑު މައިތިރިކުރި އެވެ. 

"އަސްލު އަހަރެން ބުނަން ބޭނުންވީ، ރިދީއަކީ މިއަދުން ފެށިގެން ހަމައެކަނި އަހަރެންގެ ޕަރސަނަލް އެސިސްޓެންޓްއެއް ނޫނޭ.. އެއަށްވުރެން ހާއްސަކޮށް މިހާރު ތިއީ އަހަރެންގެ އެކުވެރިއެއް!" ސަރގެ ހަސްކީ އަޑުން ބުނެލި އެވެ. ހިފަހައްޓައިގެން ހުރި ބަރު ނޭވާ ދޫކޮށްލެވުނީ އިހްތިޔާރަކު ނޫނެވެ. 

"އޯއ- އޯ-ކ- ވަޓް؟؟" އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. 

ޑިޑް ހީ ޖަސްޓް އާސްކް ފޯ ފްރެންޑްޝިޕް؟

"ޔެސް- މިއަދުން ފެށިގެން- ރިދީ އަހަންނާއި މުހާތަބްކުރަންވާނީ ހަމައެކަނި އަހަރެންގެ ނަމުން...!" ހިނިތުންވެފައި ލޯބިގޮތަކަށް ސަރ ބުންޏެވެ. އަހަރެންގެ ބޯ ދެފަރާތަށް ހޫރާލީމެވެ.

އެކަން އެގޮތަށް އަހަރެން ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި ނުވަތަ ހިޔާލާއި ފިކުރުގައި ސަރގެ ނަން ކިތަންމެ ފަހަރަކު އަހަރެން ބޭނުންކުރަމެވެ. އެކަމަކު ސަރގެ ކުރިމަތީގައި އެ ނަން، އެބުނާ ގޮތަށް އަހަރެން ބޭނުންކުރާނީ ކިހިނެއް ހެއއްޔެވެ؟ ސަރ އިން - އީތަންއަށް އަހަރެން ބަދަލުކުރާނީ ހިހިނެއް ހެއްޔެވެ؟ 

"އޯއް—އަހަރެން ރިދީގެ ނަން ހަނދާން ނެތުނުގޮތަށް ރިދީވެސް އަހަރެންގެ ނަން ހަނދާން ނެތުނީ ދޯ! ބަދަލު ހިފާލަން ތި ގޮތް ގޯހެއް ނޫން..!" ނުހަނު ފަނޑުކޮށް ބުނެލަމުން ނުރައްކާތެރިގޮތަކަށް އަހަންނާއި ނުހަނު ގާތްވި އެވެ. 

އަހަރެންގެ ނޭވާ ބަރުވެއްޖެ އެވެ. ޓީޝާޓް ބޮޑުކަމުން ކޮނޑުގެ އެއްފަޅިން އޮތީ ސޮއްސައިލައިފަ އެވެ. އެދިމާލުން ސަރ އަހަންނާއި ގާތްވި އެވެ. މުޅި ގައިން ހީބިހި ހިލުވާލާފަ އެވެ. އަހަރެންގެ ކަނދުރާގައި ސަރގެ ހޫނު ނޭވާ ބީހިލައިފި އެވެ. ލޯމެރިގެންދިޔަ ވަގުތު ތުނިތުނި ތުންފަތުން އަހަރެންގެ ކަނދުރާ މަސްތުކޮށްލައިފި އެވެ. މުޅި ހަށިގަނޑުގައި ކޮކާ ފިޔަޖަހަން ފަށައިފި އެވެ. ކަންފަތުން ފެށިގެން ކޮނޑުކަށިގަނޑާއި ދެމެދު އަދި ކަނދުރާގެ ކޮންމެ އިންޗިއެއް ސަރގެ މަޑުމަޑު ތުންފަތުގެ ޝިކާރައަކަށް ހަދައިފި އެވެ. ލިބެމުންދިޔަ ހޫނު އަރާމުގައި ތަފާތު ފިނިކަމެއް ހިތަށް ލިބެންފެށި އެވެ. ދުލަކުން ނުވަތަ ގަލަމަކުން ނުވަތަ ކީބޯޑަކުން މި އިހްސާސް ބަޔާންކުރުމަކީ ކުޅަދާނަކަމެއް ނޫނެވެ. އަހަރެންގެ އެސްފިޔަތައް ވަނީ ލެއްޕިފަ އެވެ. އިހުނަށްވުރެން ބާރަށް ތަގުޅިކޮށްލީމެވެ. ސަރރގެ ތުންފަތުން ލިބެމުންދިޔަ އަރާމް އަހަރެންގެ އެންމެ ހިމަނާރުވެސް މަސްތުގެ ތެރޭގައި ހަލަބޮލިވަމުން ދިޔަ އެވެ. 

"އީތަން" 

އަހަރެންގެ ދުލުން އެނަން ބޭރުވެއްޖެ އެވެ.

ކުޑަވެސް އިހްތިޔާރެއް ނެތި އެވެ. އަހަރެންގެ ނަފުސުގައި އަމިއްލަ ކޮންޓްރޯލެއް ނެތެވެ.

"ސޭ އިޓް އެގެއިން" ސަރގެ ބާރުގެ ދަށުގައި އަހަރެން ގައިދުކޮށްފި އެވެ. 

ހިނިތުންވެފައި އަހަރެންގެ މޫނަށް ބަލައިލި އެވެ. މަޑުމަޑުން ދެފަރާތަކަށް ބޯ ހޫރާލަމުން އަހަރެންގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓުވާލީމެވެ. 

"މި ނޫން އެހެން ކަމެއް.. ނޫނީ މިއަށްވުރެން ހާއްސަކަމެއް، އަހަރެން މިވަގުތު ކުރަން ރިދީ ބޭނުންވަނީތަ؟" ދެމީހުންގެ ނޭފަތުކުރި ޖެހޭހައި ގާތަށް ގާތްވެލާފައި ސަރ ބުނެލި އެވެ.

ސަރގެ ހޫނު ނޭވާ އަހަރެންގެ ތުންފަތަށް އަމާޒުވުމުން ހިންދިރުވައިލެވުނެވެ. ލޯމަރައިލެވުނީ އިހްތިޔާރަކު ނޫނެވެ.

"އީތަން.." ހުވަފެނެއް ނޫނެވެ. 

އެކަމަކު އިހްތިޔާރަކު ނޫނެވެ. ދުލުން އެ ލަފުޒު ބޭރުވީ އެވެ.

އަހަރެންގެ ހަށިގަނޑުގެ ޓެމްޕަރޭޗަރ ބަލާނެ އާލާތެއް ބޭނުމެވެ. އެފަދަ އާލާތެއް ދުނިޔޭގައި އީޖާދުކޮށްފައިވާނަމަ އެވެ. 

ހަށިގަނޑަށް ފިނިކަން އިހްސާސްވުމުން އަހަރެން ލޯ ހުޅުވާލީމެވެ. ބެލްކަނީގެ މި ސޯފާގައި އަހަރެން އޮށޯތީ ކޮންއިރަކު ބާ އެވެ.؟

އުނަގަނޑުގައި ދެ އަތް ވިއްދާލާއިގެން ހިނިއައިސްފައި ސަރ ހުރީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. 

"ތި އަޑާއި ތި ރާގާއި ތި ލަފްޒް އަހަންނަށް ވަރަށް ކަމުގޮސްފި..!" އަހަރެންގެ ހާލަތައް ސަރ މަލާމާތްކުރީ ހެއްޔެވެ؟ 

ކޮންމެއަކަސް އަހަރެން ހިނިތުންވީމެވެ. މިވަގުތުގެ އިހްސާސްއަކީ އަހަރެންގެ މުޅި ހަޔާތަށް ރައްކާކުރާނެ އަގުހުރި ހަނދާނެކެވެ. އެކަން ޔަގީނެވެ. 

އަހަރެންނާއި ދާދި ގާތުގައި ސަރ ހުއްޓުނެވެ. ވާނުވާ ރެއަކާލީއިރު އަހަރެން ހުރީ ސަރގެ ބާރުގަދަ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލާފަ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކޮޅަށް ތެދުވެވޭއިރެއް ނުވަތަ ތަނެއްގައި އޮށޯވެވޭއިރެއްވެސް ނޭގެ އެވެ. އަހަރެންގެ ބުއްދި ސަލާމަތުން އެބަހުރިބާ އެވެ؟

ސަރގެ ދިގު ދެއަތުން އަހަރެންގެ ހަށިގަނޑުގައި ބާރަށް ބައްދާލި އެވެ. އުނަގަނޑާއެކު މުޅި ހަށިގަނޑުވަނީ ބާރުގަދަ ދެއަތުގެ ތެރޭގަ އެވެ. އިހުނަށްވުރެން ގާތަށް ގެނެސް، ހަށިގަނޑު ފިއްތާލި އެވެ. ވައިރޯޅިއަކަށްވެސް މިދެމެދަށް މިވަގުތު ނުވަދެވޭނެ އެވެ. ސަރގެ ދެއަތުގެ ތެރެއަށް އަހަރެންގެ ކުޑަކުޑަ މި ހަށިގަނޑު ނުހަނު ފުރިހަމައަށް ފިޓްވެ އެވެ. 

ސަރގެ ތަނަވަސް މޭމަތީގައި އަހަރެން ބޯ އަޅައިލީމެވެ. ހިތުގެ ތެޅުން އަހަރެންގެ ކަންފަތަށް އަމާޒުވެފައިވެ އެވެ. އެއީ އަހަރެންގެ އެންމެ މަގުބޫލް މިއުޒިކަށްވެ ނިމުނު އިރެއް ނޭގުނެވެ.

ބަޔާން ނުކުރެވޭ ހޫނަކުން ލިބެމުންދިޔައީ އަރާމެކެވެ. އަހަރެންފަދަ ދިރިއުޅުމުގެ ތަޖުރިބާމަދު އަންހެން ކުއްޖަކަށް މިއީ މުޅިން އައު އިހްސާސްތަކެކެވެ. ދެމީހުން އެކުގައި މި އިހްސާސްތައް ދެނެގަންނާންޖެހޭކަން އަހަރެންގެ ސިކުނޑި، ސިގުނަލް ދިނެވެ.

ސަރގެ ދެއަތުގެ ތެރޭގައި ވުމަށް މުޅި އުމުރަށްވެސް އަހަރެންގެ އިއުތިރާޒެއް ނެތެވެ. މިއަށްވުރެން އަމާން މަންޒިލެއް މިދުނިޔޭގައި އަހަންނަށްޓަކައި ނުވާނެކަން ޔަގީނެވެ. ރައްކާތެރިކަމާއެކު ސަރގެ ދެ އަތް އަހަރެންގެ ހަށިގަނޑު ވަށަލާފައިވަނީ ހުރިހައި ނުރައްކަލަކުން ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން އިހްސާސްކޮށްދެމުންނެވެ. މިއީ އަހަރެންގެ ހަގީގީ މަންޒިލެވެ. އަމާންކަމާއި ރައްކާތެރިކަމެވެ. ސަރގެ ދެ ލޮލުން ފެނުނު ލޯބި އިހްސާސްވުން މިއީ އަހަރެންގެ ނަސީބެވެ. 

ލޯބި؟؟!!؟؟

ދެވަނަ ސިކުންތުގައި އަހަރެންގެ ހިތް އުދުހެން ފަށައިފި އެވެ. އާއެކެވެ. ވާނުވާ އެނގުމުގެ ކުރީން އަހަރެން އޮތީ ސަރގެ އަތްދަނޑިމަތީގައި އުފުލާލާފަ އެވެ. 

ހުވަފެނީ ބެލުމަކުން ސަރގެ މޫނަށް އަހަރެންގެ ނަޒަރު ހުއްޓިފައިވެ އެވެ. އެންމެ ގުނަވަނެއްގައިވެސް އަހަރެންގެ އަމިއްލަ އިހްތިޔާރެއް ނުވެ އެވެ. 

ލިބިފައިވާ ޒަހަމްތަކަށް އިތުރު އަނިޔާއެއް ނުލިބޭނެގޮތަށް ނުހަނު ފަރުވާތެރިވެގެން އެނދުގައި އަހަރެން ބޭއްވި އެވެ. އާއެކެވެ. ސަރގެ އެނދުގަ އެވެ!

ސަރގެ އަތުން އަހަރެންގެ ލޯމަތީގައި މަޑުމަޑު ހަރަކާތުން ފިރުމަމުން އަހަރެންގެ ލޯ މަރާލަން އެހީވި އެވެ. އަދި ކަންފަތު ބުޑުގައި ތުރުތުރެއް އަޅުވާލީ ނުހަނު ގާތް ހަރަކާތަކުންނެވެ.

"ސްލީޕް.. ޔޫ ނީޑް ރެސްޓް! އަހަރުމެންގެ ހުރިހައި ރައްޓެހިން ހަވީރު މިގެއަށް އަންނާނެ... އަރާމްކޮށްލާ" ނުހަނު ލޯބިން ބުނެލި އެވެ.

އަހަރެންގެ މޫނުމަތީގައި ހިނިތުންވުމެއް ދަތުރުކޮށްލި އެވެ. ނަމަވެސް ލޮލުގެ އެސްފިޔަތައް ބަރުވެގެންދިޔައީ އިތުރަށް ހުޅުވާނެ ހަކަތައެއް ނެތީތީ އެވެ. 

ރައްކާތެރިކަމުގެ ނިޝާނެއްގެ ގޮތުގައި އަހަރެންގެ ނިއްކުރީގައި ސަރގެ ތުންފަތް ދެތިންފަހަރު މަޑުމަޑުން ޖައއްސައި ބާރުކޮށްލިކަން އެނގުނެވެ.

ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ގައިމަތީން ކުއިލްޓް ހަރަކާތްކޮށްލި އެވެ. ލޮލެއް ނުހުޅުވަމެވެ. ނަމަވެސް ނިދީގެ ތެރެއަށް ދަތުރުކުރެވޭނެ މަގެއް ނުފެނުނެވެ. 

އިރުކޮޅެއްގެ ފަހެވެ.

އަހަރެންގެ ހަށިގަނޑަށް ބަރުކަމެއް ފާހަގަކުރެވުނެވެ. އުނަގަނޑުގައި ހިފަހައްޓައި ގާތްކޮށްލަމުން އަރާމު ހޫނަކުން އަހަރެންގެ ކަނދުރާއަށް އަމާންކަން ލިބެންފެށި އެވެ. ފަހަތުން އަހަރެން ގައިގަ ބައްދާލީ އެވެ. 

ނިދުމަށް މިއަށްވުރެން އަރާމް މަންޒިލެއް ދުނިޔޭގައި ލެއްވިބާ އެވެ؟ އަރާމް އިހްސާސަކުން އަހަރެންގެ އެސްފިޔަތައް ލުއިވި އެވެ. ރައްކާތެރި ދެއަތުގެ ތެރޭގައި ބޮނޑިވެލެވުނީ ކޮންފަދަ އަރާމެއް އިހްސާސްވެގެންކަން އަހަންނަކަށް ނޭގުނެވެ. ޔަގީންވީ އެއްކަމެކެވެ. މިއަށްވުރެން ރައްކާތެރި ހިޔާވައްސެއް މިދުނިޔޭގައި އަހަންނަށްޓަކައި ލައްވާފައި ނުވޭ އެވެ.

-ތިބާއާއި ބައްދަލުވުމުގެ ކުރީން، މަންޒިލެއް ނެތް މުސާފިރަކީމެވެ. އެކަމަކު މިއަދު އަހަރެންގެ މަންޒިލަކީ ތިބާ އެވެ. މިއީ ހަމައެކަނި ތިބާގެ ހައްގެކެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް