ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
ސަރ އެހުރީ ރޮއެފައި ބާއެވެ؟
"ހޫމް... ވީގޮތް ބުނެދޭން އެބަޖެހޭހެން ހީވަނީ! ރިދީ..! ޓްރަކެއްގައި ޖެހިފައި ރިދީ އެކްސިޑެންޓެއްވީ! ރިދީ ހޮސްޕިޓަލަށް ގެންދިޔައީ އަހަރެން.. ހޭނާރާއޮވެ، ބަރާބަރު އެއްދުވަސް ފާއިތުވި! ހިތަށްއެރީ، ހޮސްޕިޓަލުގައި އެޑްމިޓްވެގެން އޮތުމަށްވުރެން ގެޔެއްގެ މާހައުލު ރިދީއަށް މިވަގުތު މާ މުހިއްމުވާނެޔޭ..! އެހެންވެ ޑޮކްޓަރުންގެ ދެކޮޅުހެއްދެވުމާއެކުވެސް ރިދީ މިގެއަށް އަހަރެން ބަދަލުކުރީ .. އެކަމަކު ހޮސްޕިޓަލުން ދޭ ހުރިހައި ފަރުވާއެއް ގަޑިން ގަޑިއަށް މިގެއިން ރިދީއަށް ލިބޭނެ ހުރިހައި އިންތިޒާމެއް އަހަރެން ހަމަޖައްސައިފިން..!" އަހަރެންނާއި ދިމާއަށް ބަލައިނުލައި އިނދެ ސަރ ވާހަކަދެއްކި އެވެ.
"ރިދީގެ ތި ހާލަތަށް ޒިންމާވާންޖެހޭ މީހަކީ އަހަރެން.." ސަރގެ އަޑު ފަނޑުވި އެވެ. އަމިއްލަ ނަފުސު ކުއްވެރިކޮށްފައިވާކަން ސަރގެ ދުލުން ހާމަކުރާކަށް ނުޖެހެ އެވެ. އެކަން އަހަންނަށް ޔަގީނެވެ.
ލުއިގޮތަކަށް އަހަރެން ހިނިތުންވީމެވެ.
އަހަރެންގެ އަތަށް ސަރ ދިއްކޮށްލީ ކިރުތައްޓަކާއެކު ބޭސްގުޅައެކެވެ.
"މިއީ ޕެއިން ކިލަރ" ބޮޑާހޭކުމެއްނެތި އަހަރެން ކިރުތައްޓާއެކު ބޭސްކާލީމެވެ.
"ފާހާނާއަށް ވަދެލަން ބޭނުން.." ބުނަންނުކެރި، ޖެހިލުންވެފައި އަހަރެން މަޑުމަޑުން ބުނީމެވެ.
"އޯ-ކޭ ޝުއަރ- އަހަރެން އެހީވެދޭނަން.." މަޑުމަޑުން ސަރ ބުންޏެވެ.
މަޑުމަޑުން އަހަރެން އުފުލާލާފައި އެއްފައި މައްޗަށް ޓައިލްސްމަތީގައި ބެހެއްޓި އެވެ. އަހަރެންގެ އެއް އަތުން ސަރގެ އުނަގަނޑުގައި ބާރަށް ހިފެހެއްޓީމެވެ. ސަރގެ އެއް އަތުން އަހަރެންގެ މުޅި ހަށިގަނޑު ރައްކާތެރިކަމާއެކު ހިފަހައްޓާލި އެވެ.
"ތެންކް ޔޫ!" މަޑުމަޑުން ފިޔަވަޅު އަޅަމުން އަހަރެން ޝުކުރުއަދާކުރީމެވެ.
ވަރަށް ފަރުވާތެރިކަމާއެކު އަހަރެން ފިޔަވަޅުއެޅީމެވެ. އެކަމަކު ގަދަރިހުމުގެ ސަބަބުން އަރިއަޅިލީ ހަށިގަނޑު އަމިއްލައަށް ކޮންޓްރޯލްކޮށްލާނެ ހިނދުކޮޅެއްވެސް ނުލިބި އެވެ. ކުއްލިޔަކަށް އީތަން ސަރގެ އަތް އަހަރެންގެ އުނގަނޑުދަށަށް ލައްވާލި އެވެ. އަހަރެންގެ ހަށިގަނޑުގެ ހުރިހައި ބާރެއް އެއަތުގެ މައްޗަށް ދޫވެގެންދިޔައީ ވިސްނާލުމަށް ފުރުސަތެއްވެސް ނެތި އެވެ. އަހަރެންގެ ދެއަތުން ސަރގެ މޭމައްޗާއި ދިމާއިން ގަމީހުގައި ބާރަށް ހިފެހެއްޓީމެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވަނީ ދިމާވި 'ހާދިސާގެ' ސަބަބުންނެވެ.
އީތަން ސަރގެ ލޮލަށް ބަލައިލެވުނީ ހާލަތުގެ މައްޗަށް ދެއްކޭނެ ގަދަފަދަކަމެއް ނެތީތީ އެވެ. އެއީ ރީތި ފުރިހަމަ ދެ ލޮލެވެ. ބުނެދޭން ނޭގޭ ޖަޒްބާތުތަކެއް ސަރގެ ލޮލުން އަހަރެން ދުށީމެވެ. އަހަރެންގެ ހާލަތަށްޓަކައި ސަރގެ ހަމްދަރުދީ އެންމެ މަތީ ދަރަޖައަށް އެ ލޮލުން އަހަރެން ދުށީމެވެ. އެއީ އޯގާތެރި ބެލުމެކެވެ. ފީނިވަރަކަށް ފުންކަމުގެ ތެރެއަށް ގެނބެން މަޖުބޫރުކުރުވާ ޖަޒްބާތުތަކެކެވެ. ގަދަ ރިހުމާއި، އަމިއްލަ ނަފުސު ކުއްވެރިކުރުމާއި، ބުނެދޭން ނޭގޭ ބިރުވެރިކަމެއް އެލޮލުގައި ބަބުޅާލި އެވެ. އަހަރެން އެންމެ ހައިރާންވީ ސަރގެ ލޮލުން މުޅިން އައު އިހްސާސެއް އަހަރެންގެ ހިތާއި ހަމައަށް ދަތުރުކުރީތީ އެވެ. އެއީ..... 'ލޯބި' ބާ އެވެ!
ކުޑަކުޑަ ކުއްޖަކު ސަރގެ އަތްދަނޑިމަތީގައި އުފުލާލާ ފަދައިން އަހަރެން އުފުލާލި އެވެ. ފާހާނާއަށް ގެނެސް، އެތެރޭގައި އަހަރެން ބެހެއްޓި އެވެ. އެއްފައި މައްޗަށް 'ބެލެންސް ކުރަން' އަހަރެން ދަސްކުރަންޖެހޭކަން އިހްސާސްވީ ލިބުނު ތޫނު ވޭނުގެ ސަބަބުންނެވެ.
"ރިދީ.." އެ ގޮވައިލުމުން އަހަރެންގެ ހަރަކާތް ހުއްޓުނެވެ.
ސަރގެ އަޑުގައި ރިހުމާއި، ނިކަމެތިކަން އެކުލެވުނެވެ. އަހަރެންގެ ހާލަތަށް އެހީތެރިވާން ކިތަންމެ ބޭނުންވިޔަސް، މިވަގުތު ސަރ އެކަން ކޮށްދޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
ދޮރުލައްޕާލަމުން އަހަރެންނާއި ދިމާއަށް ސަރ ބަލައިލި އެވެ. އެއަށްވުރެން ބޮޑުވަރެއް ސަރއަށް ކޮށްދެވެން ނެތތްކަން އެ ބަލައިލުމުން، ކުޑަކުއްޖަކަށްވެސް އިނގޭނެ އެވެ.
ކިރިޔަކިރިޔާ ދޮރުލެއްޕޭނުލެއްޕޭ ވަރަށް ދޮރު ގާތްކޮށްލާފައި ސަރ އެތެރއަށް ވަނެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ދުރުކަން މަޑުމަޑުން ގާތްވަމުންދިޔަ އެވެ. ލަސް ފިޔަވަޅުތަކުގައި ސަރ އަހަންނާއި ކައިރިވަމުންދިޔަ އެވެ.
ވައިރޯޅީއެއްވެސް ދައުރުކުރާނެ ޖާގަ ނެތްމިން ވަރަށް ސަރ އަހަންނާއި ގާތަށް އައި އެވެ.
އަހަރެންގެ ކޯތާފަތުގެ ދެފަރާތުން ސަރ ހިފަހައްޓާލި އެވެ. ސަރގެ ދެލޮލުގެ ޖަޒްބާތުތަކުގެ ތެރެއަށް އަހަރެން ޣަރަގުވެ ނިމިއްޖެ އެވެ. އެ ބަލައިލުމުން އަހަރެން މަސްތުކޮށްލި އެވެ. އެފަދަ ލޮލެއް އަދި އެފަދަ ބެލުމެއް ދުވަހަކުވެސް އަހަރެން ތަޖުރިބާ ނުކުރަމެވެ. އަހަރެންގެ ދެއަތް އުފުލި ސަރގެ ގަމީހުގައި ހިފެހެއްޓުނު އިރެއްވެސް ނޭގުނެވެ.
ބޮލުން ތަރުތީބެއް ނެތި މޫނުމައްޗަށް ހުރަސްއަޅަމުންދިޔަ އިސްތަށިތައް ނުހަނު ފަރުވާތެރިކަމާއެކު އަހަރެންގެ ކަންފަތް ކައިރިއަށް ލައްވާލި އެވެ. ދެ އިނގިލީގެ ހަރަކާތުން ސަރ މި ގެނައި ހަރަކާތް އަހަރެންގެ މުޅިގައިން ހީބިހި ނަގުވާލި އެވެ. އަހަރެންގެ ކަރުނަވަޅު ކައިރީގައި ހިކިފައިވާ ކަރުނަތައް ސަރގެ އިނގިލިން މަޑުމަޑުން ސާފުކުރަންފެށި އެވެ. ލަސް ހަރަކާތެކެވެ. ފަރުވާތެރި އިޝާރާތެކެވެ.
އެނގިގެން ނުވަތަ ނޭންގިވިޔަސް އަހަރެންގެ ހިތުގެ އިހްސާސްތައް ނުތަނަވަސްކަމާއެކު ހަލަބޮލިކުރަންފަށައިފި އެވެ.
"ޕްލިޒް، ނެވަރ ކްރައި، ބިކޯޒް އޮފް މީ..!" އަހަރެންގެ ކަންފަތުގައި ސަރގެ ތުންފަތް ބީއްސާލަމުން ބުނެލި އެވެ.
ލޮލުގެ އެސްފިޔަތައް މެރިއްޖެ އެވެ. ހުޅުވާލާނެ ހަކަތައެއް ނުލިބުނެވެ. ސަރގެ އަޑު ކުރެހިއްޖެ އެވެ. ދެންމެ ދެންމެ ގިސްލެވިދާނެހެން ހީވި ހިނދުކޮޅެކެވެ.
"ސ..ރ" އަހަރެން ވާހަކަދައްކަން ބޭނުމެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުން ސަރގެ އަތް ދޫކޮށްލައިފި އެވެ. ހުސްކަމާއި އެކަނިވެރި އިހްސާސެއް ހަމައެވަގުތުކުރެވުނެވެ. މުޅި އުމުރަށް އެއަތުގެ ތެރޭގައި މި ދެ ހަށިގަނޑުގެ ހޫނުކަން އިހްސާސްކޮށްފައިވާފަދަ ހީވުމަކުން ހިތް ބިރުގަތީމަ އެވެ. އަހަރެންގެ ގައިން އެއަތް ދުރަށްލާން ބޭނުމެއް ނޫނެވެ.
"އެއްޗެހި ބަދަލުކޮށްލަން، ރިދީއަށް ކޮންމެވެސް ގޮތެއް ހޯދާލައިގެން އެބަގެންނަން.." އަހަރެންނާއި ދިމާއަށް ބަލައިނުލައި ސަރ ބުނެލި އެވެ.
އަހަރެންގެ ލޯމަތީން ސަރ ގެއްލިއްޖެ އެވެ. އެތައް ޒަމާނެއްގެ ގުޅުމެއްފަދަ ގަދަފަދަ ބާރެއް އަހަރެންގެ ހިތް މި އިހްސާސްކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ލޯކުރިމަތީން ސަރ ދުރަށްދާކަށް ބޭނުމެއްނެތެވެ. ކުރިމަތީހުރި ބޮޑު ލޯގަނޑަށް އަހަރެން ބަލައިލީމެވެ.
އަމިއްލަ ހަށިގަނޑަށް ބަލައިލާން މަޖުބޫރުވީ އެވަގުތު އެވެ. އަދިވެސް ލައިގެން މިހުރެވުނީ އެރޭ ޕާޓީއަށްދިޔަ ރަތްކުލައިގެ ގައުން އެވެ. ހެދުން ފެނުމާއެކު އުނދަގޫވި އެވެ. މިފަދަ ވަގުތެއްގައި، މިފަދަ ހެދުމެއްގައި ހުރުން އަހަންނަށް ކަމަކު ނުދިޔަ އެވެ. ހިތާއި ސިކުނޑިއަށްވެސް ހެދުމުގެ ސަބަބުން އުނދަގޫވެއްޖެ އެވެ.
ހިނދުކޮޅެއް ކުރިން މިތަނުގައި ހިނގާދިޔަ ކަންކަން ލޯގަނޑުން ތަސްވީރުވާން ފަށައިފި އެވެ. ލިބުނީ ޝޮކެކެވެ. މުޅިން ތަފާތު އީތަން ސަރ އެކެވެ. އަހަރެންގެ މޮންސްޓަރ ބޮސް ކޮބައިހެއްޔެވެ؟ ހަރުކަށިކަމާއި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް، ދެންމެ ފެނުނު ސަރގެ ކިބައިން އަހަރެން ނުދެކެމެވެ. މިއީ ކޮންފަދަ ބޮޑު ބަދަލެއް ހެއްޔެވެ؟
އަހަރެންގެ ހިޔާލްތައް ހުއްޓުނީ ދާދި ގާތުގައި ސަރ ހުރިކަން އެނގުމުންނެވެ. ދިއްކޮށްލީ އަހަރެން ބަދަލުކުރަންވީ އަންނައުނެވެ. އަންހެން ކުއްޖެއްގެ އަންނައުނުކަން ޔަގީނެވެ. އަނެއްކާ އަނެއް ސުވާލެވެ!
"މި އަންނައުނު ބޭނުންކޮށްލާ.." ސަރ ބުންޏެވެ. އަހަރެން ޖެހިލުންވެފައި ސަރ ދިއްކޮށްލި އެއްޗިއްސަށް ބަލައިލީމެވެ. އޭގައި ހިފަންވީތޯ ނުވަތަ ނޫންތޯ ސިކުނޑީގައި ސުވާލުއުފެއްދީމެވެ.
އެއީ ކާކުގެ އެއްޗިއްސެއްކަމެއްވެސް އަހަންނަކަށް ނޭގެ އެވެ. އެހެން މީހުންގެ އަންނައުނު ބޭނުންކުރުމަކީ އަހަރެން ފަރިތަވެފައިވާ އާދައެއް ނޫނެވެ. ފަހަރެއްގައި މިއީ 'ސަރގެ ކޮންމެވެސް އަންހެން ކުއްޖެއްގެ' އަންނައުނަށް ނުވާނެބާ އެވެ.؟ އެފަދަ އަންހެންކުއްޖެއްގެ އެއްޗަކުން އަހަރެންގެ ހަށިގަނޑު ނިވާކުރަން އަހަރެން ބޭނުމެއް ނޫނެވެ. ސަރގެ ތަންމަތި ރޭގަނޑުގެ ދަންތަކުގައި ފަޅުފިލުވާފައިދާ އަންހެންކުދިންގެ އެފަދަ ތަކެއްޗަކުން އަހަރެންގެ ހަށިގަނޑު ނިވާކުރަން ބޭނުމެއް ނޫނެވެ.
ސަރ ދިއްކޮށްލައިގެން ހުރި ތަކެއްޗަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އަހަރެންގެ ހާލަތު ދެނެގަތީކަމަށްވެދާނެ އެވެ. ނުދަންނަ އިހްސާސަކުން ސަރ ހިނިތުންވި އެވެ. އަދި އަހަރެންގެ ސިކުނޑީގައި ސިފަކުރަމުންދިޔަ މަންޒަރުތައް ހުއްޓުވާލި އެވެ.
"އޯއް- އޯއް-! މިއީ އަހަރެންގެ ޓީޝަރޓެއް، ދެން ނަޔާރާގެ ޖީންސްއެއް.. އެމީހުންގެ އަންނައުނު ކޮންމެވެސް ވަރަކަށް އަބަދުވެސް މިގޭގައި ހުންނާނެ.. މާ 'ސްޓުޕިޑް އައިޑިއަރސް' ސިކުނޑިއަށް ވައްދައިގެން މޮޅެތި މަންޒަރުތައް ސިފަނުކުރާތި..! އެއްޗެހި ބަދަލުކޮށްލައިގެން އަހަންނަށް އިޝާރާތްކޮށްލާ.." ފާޑަކަށް ހިނިއައިސްފައި ސަރ ބުންޏެވެ. ހަގީގަތުގައި އަހަރެންގެ ހާލަތައް ސަރ މަލާމާތްކުރީ އެވެ. މީގައި އަހަރެންގެ ކުށަކީ ކޮބާއިހެއްޔެވެ؟
ޕްލާސްޓަރ އަޅާފައި އޮތް އަހަރެންގެ ފައިގައި މަޑުމަޑުން ސަރ ޖަހައިލި އެވެ. ފުންމައިގެން އަނެއް ފައިމައްޗަށް ކޮރާލެވުނީ ގަތް ބިރުންނެވެ. ރަހުމެއް ނެތި، އިންސާނެއްގެ ބަލި ފަޔަކަށް ތަދުކުރާނެ އެހެން މީހަކު ދުނިޔޭގައި އުޅޭނެބާ އެވެ. އަހަރެން ސަރ އާއި ދިމާއަށް ލޯއަޅައިލީމެވެ. އެއާއެކު ކަންފަތުގައި ގުގުމާލީ ސަރގެ އަޑެވެ.
އަހަރެންގެ ޓީޝަރޓް
އަހަރެންގެ ޓީޝަރޓް
ލަދުން އަހަރެންގެ މޫނު ރަތްވެއްޖެ އެވެ. ސަރ އާއި ދިމާއަށް ނޫން އެހެން ހުރިހައި ދިމާއަކަށް އަހަރެން ބެލީމެވެ. އެކަމަކުވެސް ލޮލުގެ ހިމަކޮޅުން، ހަ ފޫޓު ދިގު އިންސާނާ އަހަންނަށް ފެނެ އެވެ. މަލާމާތުގެ ހިންޏެއް އައިސްފައި އެހުރީ އަހަރެން ލަދުގަންނަވާލެވުނީތީ ހެއްޔެވެ؟
ސުބުހާނަﷲ އެވެ. 'ދި އީތަން މުހައްމަދު މަނިކު' ހިނިއައިސްފައި ހުއްޓަ މިގޮތަށް ފެނުމަކީ ފަލަ ސުރުހީއަކަށްނުވެ ނުދާނެ އެވެ. ކިބުރުވެރިކަމާއެކު އެއްމިޔަކަނުން ހިނިއައުމާއި، ލަދުގަންނަވާލުމަށް ހިނިގަނޑު ޖަހައިލުމުގެ އިތުރުން މައުސޫމު ހިނިތުންވުމަކީވެސް މި ޖިރާފް އިންސާނާއަށް ލިބިގެންވާ ހުނަރެއްތާ އެވެ! މިފަދަ ހިނިތުންވުމެއް މިލިއަން ޑޮލަރަށްވެސް އަގުއަރާނެކަން ޔަގީނެވެ. ސަރގެ ލޮބުވެތި މި ހަރަކާތުން އަހަރެންގެ ހިތުގައި 'ތަފާތު ވިންދެއް' ޖަހައިފި އެވެ. އެއީ ހިމޭން މިއުޒިކެއްފަދަ ހިތްގައިމު ރާގެކެވެ.
"ދޮރުގެ އަނެއްފަރާތުގައި އަހަރެން ހުންނާނަން.. ނިމިގެން ގޮވާލާ..! އިތުރު އެހީއެއް ބޭނުންވިޔަސް އިޝާރާތްކޮށްލާ!" ދޮރުލައްޕާލަމުން ސަރ ބުންޏެވެ.
ނުހަނު އުނދަގުލުން އަހަރެން ބޭނުންވާ ކަންކަން ކޮށްލީމެވެ. އިހްސާސްކުރެވުނީ ތާޒާކަމެވެ. ސިކުނޑިއާއި ހިތުގައިވަނީ އެންމެ ކަމެކެވެ. ސަރގެ ބަދަލުވެފައިވާ މިޒާޖާއި ހަރަކާތްތަކެވެ. ހިމޭންކަމާއި މަޑުމައިތިރިކަމެވެ. އަޅައިލުމާއި އޯގާތެރިކަމެވެ. ސަރގެ މި ބަދަލަށް އަހަރެން އާދަވެފައެއް ނެތެވެ.
ފިކުރުތަކާއި ސަރގެ ހިޔާލުގައިހުރެގެން އެއްޗެހި ބަދަލުކުރެވުނު ގޮތެއްވެސް ނޭގެ އެވެ. ފައިގައި ވަރަށް ރިއްސަ އެވެ. ބޮލުގެ ޒަހަމްތަކަށް ކެތްކުރަން ފަސޭހައެއް ނޫނެވެ. ލޯމަރައިލީމެވެ. ހިޔާލްތައް އަހަރެންގެ ސިކުނޑިން އެއްފަރާތްކުރަންވެސް ބޭނުންވާތީ އެވެ. ނަމަވެސް މިސްރާބުޖެހުނީ މުޅިން އެހެން ދިމާއަކަށެވެ. އަންނާންފެށީ ބޭނުންވި ހިޔާލްތަކެއް ނޫނެވެ. ކަންފަތަށް އުނދަގޫވީ އަޑުއަހަން ބޭނުންނުވާ އިބާރާތްތަކަކުންނެވެ.
ޕްލީޒް ޑޯންޓް ލީވް ރިދީ..! ޑޯންޓް ލީވް މީ ޖަސްޓް ލައިކް ޒާޔާ ޑިޑް! ޕްލީޒް!
ޑޯންޓް ލީވް މީ ޖަސްޓް ލައިކް ޒާޔާ ޑިޑް! ޕްލީޒް!
... ޖަސްޓް ލައިކް ޒާޔާ ޑިޑް! ޕްލީޒް!
"*ޓ! ނޯ! ނޯ! މިއީ ރަގަޅުކަމެއް ނޫން.. ރަގަޅު ކަމެއް ނޫން"
މޫނުދޮންނަން އައިސްފެން ދޫކޮށްލީމެވެ. އަހަރެންގެ މޫނަށް އައިސްފެން ބުރުވަމުންދިޔައީމެވެ. މެދުކެނޑުމެއް ނެތި އެވެ. އެކަމަކު ސިކުނޑިން އެންމެ ލަފްޒެއްވެސް ދުރަށް ނުދިޔަ އެވެ. ބޮލަށް ބަރުވެއްޖެ އެވެ. ކަންފަތުގައި އެނޫން އަޑެއް ނެތެވެ. އަވަސްއަވަހަށް ސަރ ގެނައި ޓީޝާޓް ލީމެވެ. އަހަރެން ވަރުގެ އިތުރު ތިން މީހުންނަށް އެއްފަހަރާ މި ޓީޝާޓް ތެރެއަށް ވެދެވޭނެކަން ޔަގީނެވެ. އެކަމަކުވެސް އޭތި ލީމެވެ. ޕްލާސްޓާ އަޅާފައި އޮތުމުން ޖީންސް ލުމަކީ ފަސޭހަކަމަކަށް ނުވި އެވެ. ނަމަވެސް ފުޅާ ޖީންސްއަކަށްވާތީ މާބޮޑު މައްސަލައެއް ނެތެވެ. އަވަސްއަވަހަށް އެއްޗެހިލައިގެން އެއްފައިމައްޗަށް ކޮރަމުން ފާހާނާގެ އެތަންމިތަނުގައި ހިފަހަށްޓަމުން އަހަރެން ނިކުތީމެވެ.
ޑޯންޓް ލީވް މީ ޖަސްޓް ލައިކް ޒާޔާ ޑިޑް! ޕްލީޒް!
އަހަރެން ކޮޓަރިއަށް ނިކުތީމެވެ. ސީދާ ފެންނާނެގޮތަށް ބެލްކަނީގައި ސަރ ކޮފީބޯން ހުރީ ބޭރު ބަލަހައްޓައިގެނންނެވެ. ތާޒާވެލައިގެން އެއްޗެހި ބަދަލުކޮށްލައިގެން ހުރީ މުޅިން އައު ދުވަހަކަށް ތައްޔާރުވެގެންނެވެ.
ކޮރަމުން ސަރއާއި ހަމަޔަށް އަހަރެން ދިޔައީމެވެ. ދިޔަގޮތަށްގޮސް ބުރަކަށީގައި ލައްވެވުނުއިރުވެސް ނޭގުނެވެ. ފެންނަމީހަކަށް ހީވާނީ ފުރަގަހުން އަހަރެން ސަރގައިގައި ބައްދާލައިގެން ހުރީހެނެވެ.
ލިބުނު ހައިރާންކަމުގައި ސަރ ކުއްލިޔަކަށް އެނބުރުނެވެ.
(ނުނިމޭ)