ads
ކ. ގުޅި އަށް ވަޑައިގެން ރައީސް މުއިއްޒު އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ދެން ނުހުއްޓޭނެ: ރައީސް
ކ. ގުޅީގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނީ މިސަރުކާރުގައި ކަމަށާއި ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ދެން ނުހުއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ގުޅި އަށް މިއަދު ހަވީރު ކުރެއްވި ދަތުރުފުޅުގައި މި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ފަހު، ރަށު ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ، ގުޅީގެ ރައްޔިތުން އެދޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ގުޅިއަކީ ޖާގައިގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައިވާ ރަށަކަށް ވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު އެ މަޝްރޫއު ބަޔަކާ ހަވާލުކުރި ކަމަށެވެ. އެކަމަކު، އެ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާ މިންވަރަށް ހިމަނާފައި ނުވާތީ އެ މަޝްރޫއު ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މިއަހަރުގެ ބަޖެޓުގައި މަޝްރޫއަށް ބޭނުންވާ ފައިސާ ހިމަނައި، ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅި ބިން ހިއްކުމުގެ މަޝްރޫއާ އެކު ހިއްކާ ސަރަަހައްދު ހިމާޔަތް ކުރުންވެސް އެކުއެކީގައި ކުރިއަށްދާނެ ކަމަށެވެ. ރަށުގެ ބިން ބޮޑުކުރެވުމާ އެކު ގުޅިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.

ރައީސް ވިދާޅުވީ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެގެން ވެސް ކައުންސިލުން ވަނީ ޖާގަ ބޮޑުކޮށްދޭން އެދިފައި ކަމަށެވެ. އެހެންވެ، ގުޅިއަށް ބޭނުންވަނީ އާ ބަނދަރެއްތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކުރާނީތޯ މަޝްވަރާކޮށް، އެކަން ވެސް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިންމާފައި ނޫނީ ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ވެސް ދެން ނުހުއްޓޭނެ" ރައިސް މުއިއްޒު ވިދާޅުވި އެވެ.

ހާހަކަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ގުޅީގައި މިވަގުތު ހުރީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އޭގެ ސަބަބުން ހުކުރު ނަމާދުގައި ދަތިތަކާ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް ގުޅީގެ ރައްޔިތުން ބުންޏެވެ. އެހެންވެ، ރައީސް މުއިއްޒު ވަނީ އާ މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް މިއަހަރު ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް