ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
-މިހާރު-
އާދައިގެ މަތީން ދަތުރުކުރަމުން މިދަނީ އަހަރެންގެ އަމިއްލަ ހިޔާލީ ދުނިޔޭގަ އެވެ. ތަފާތަކީ ފަނޑުވުމެއް ނެތް ހިނިތުންވުމެއް އަހަރެންގެ މޫނުމަތީގައި ވުމެވެ. ވަށައިގެން އުފާވެރިކަމެވެ. އުފާވެރިކަމާއި ހިނިތުންވުމަކީ، މޫސުމީ ބަދަލެއްގެ ގޮތުންނޫނީ އަހަންނާއި ބައްދަލުކުރާ މެހެމާނެއް ނޫނެވެ.
އެކަމަކު މިއަދު އަހަރުމެން އެންމެން އެކުގައި މިތިބީ ބައްދަލުވެފަ އެވެ. ހައެއްކަމަހުން އެއްފަހަރު ނޫނީ ރޮކް5 މިގޮތަށް ބައްދަލުނުވާނެ އެވެ. ބައްދަލުވެއްޖެނަމަ އަހަރުމެންގެ މަސައްކަތަކީ ބޭންޑްގެ ކޮންމެވެސް ހުށަހެޅުމަކަށް ތައްޔާރުވުމަށް ޕްރެކްޓިސސް ކުރުމެވެ. ނުވަތަ ކުރިއަށްހުރި ކަންކަމަށް ތައްޔާރުވުމަށް މަޝްވަރާކުރުމެވެ. އެންމެން ބައްދަލުވިޔަސް، މިގޮތަށް ކާމިލް ފެނުމަކީ ނާދިރުކަމެކެވެ.
އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް ކޮންމެވެސް އުޒުރެއް ދައްކައިގެން ކާމިލް ހާޒިރުނުވުމަކީ އާންމުކަމެކކެވެ. މީގެ އަހަރުދުވަސްކުރީން ހިނގާފައިވާ ކަންކަމުން އަދިވެސް ކާމިލް އަރައިނުގަނެ އެވެ. ކުރާނެކަމެއް ނެތެވެ. އަހަންނަށް އެކަމުގައި ކުރެވޭނެ ކަމެއްވެސް ނެތެވެ. އަޅައިނުލާށެވެ!
އަހަރުމެންގެ ޕްރެކްޓިސް ނިންމާލީ ހަމަދެންމެ އެވެ. އެންމެން ތިބީ އަހަރެން ގޭގެ ޓެރަސްގައި ހުރި ވަށް މޭޒު ވަށައިގެން އެކިއެކި ވާހަކަދެއްކުމުގަ އެވެ. ވަކި މައުލޫއެއް، ވަކި މިސްރާބެއް ނެތެވެ.
ނަޔާރާ ކޮންމެވެސް އެއްޗެއް، ރަޒީންގެ ކަންފަތްބުޑުގައި ބުނެލި އެވެ. އެދެމެދަށް ކާމިލްވަނީ ކިހިނެއްކަމެއްވެސް ނޭގުނެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ މަޖަލަކަށްވިޔަސް ކާމިލް ބުނި އެއްޗަކަށެވެ.
"އޮޔޭ! އޮޔޭ...! އަހަރެން މިއީ 'ދި ހުސެއިން ކާމިލް' އަހަރެންގެ ދެވަނަ އެއް ނުހުންނާނެ! އަހަރެންގެ ބަދަލުގައި 'ފިޓް ކުރާނެ' އެހެން މީހަކު ދުވަހަކުވެސް ކަލޭމެންނަށް ނުލިބޭނެ" ފަހުރުވެރިކަމާއެކު ކާމިލް ބުނެލި އެވެ.
ވީގޮތެއް ނޭގުނެވެ. ކާމިލްގެ ޖުމުލަ 'ދި ހުސެއިން ކާމިލް' ބުނެލި ރާގާއި، އެ ގޮތް އަހަންނަށް ކަމަކުނުދިޔަ އެވެ. ފާޅުގައި އަހަންނަށް ވަށްބަހުން ޖަހައިލިކަމުގެ އިހްސާސްކުރެވުނެވެ. މީގެކުރިން 'ދި އީތަން މުހައްމަދު މަނިކު' ފިޔަވައި ރޮކް5ގެ އެހެން މެންބަރެއްގެ ނަން، މި ބޭންޑުގެ ތެރޭގައި ނުވަތަ ސަޕޯޓަރުންނާއި ފޭންސްގެ ތެރޭގައި ބޭނުންކުރިކަން އެނގިފައެއް ނެތެވެ. އަދި މީޑިއާއިންވެސް އަހަރުމެން ބޭންޑުގެ އިތުރު މެންބަރެއްގެ ނަން، މިފަދަ ޝަރަފްވެރިގޮތަކަށް ބޭނުންކޮށްފައެއް ނެތެވެ. ފުރަތަމަ 'ދި އީތަން މުހައްމަދު މަނިކް' މިގޮތަށް ބޭނުންކުރާ އަޑު އިވުނީ އޭނާ އެކަންޏެވެ. އޭގެ ފަހުގައި 'ބްރޭންޑް ނޭމް'ގެ ގޮތުން މަޝްހޫރުވެގެންދިޔައީ ކިހިނެއްކަމެއް އަހަންނަކަށްވެސް ނޭގެ އެވެ. ކޮންމެއަކަސް އެއީ 'އޭނާ' އުފެއްދި 'ބްރޭންޑް'އެކެވެ. މައްސަލައެއް ނެތެވެ. އެކަމާވެސް އަޅައިނުލާށެވެ!
"އަންޔާ..! ޔޫ އަރ ރައިޓް! މީންދީ ހަމަ ބޭކާރު މީހެއް..!" ނަޔާރާ ދިމާކޮށްލި އެވެ.
"ހޫމް.. ދޮގެއް ނޫން.. އަހަރެންގެ ރިދީ ދިޔަފަހުން..!" ކާމިލްގެ ޖުމުލަ ހުއްޓާލި އެވެ. އޭނާއަށް ބުނެވެން އުޅުނު އެއްޗެއް އިހްސާސްވީ އެވެ. ވަށައިގެންތިބި ހަތަރުމީހުންގެ ލޯ ކުއްލިޔަކަށް އަމާޒުވީ އަހަންނާއި ދިމާއަށެވެ.
އަހަރެއްހައި ދުވަސްފަހުން ފުރަތަމަ ފަހަރަށް، ކުރިއެކޭ އެއްގޮތަށް އަހަރުމެން އެންމެން އެކުގައި 'އަނގަތަޅާލަން' ލިބުނު ހަމައެކަނި ފުރުސަތެވެ. އޭނާގެ ނަން ދުލުން ބޭރުވުމާއެކު ހުރިހައިކަމެއް ހަރާބުވީ އެވެ. އުފާވެރިކަންވެސް ވިއްސިވިހާލިވީ އެވެ.
"ވަޓް..!!! އޭނާ މަރެއްނުވޭ!! ކަލޭމެން ބޭނުން ކޮންމެ އެއްޗެއް ކިޔޭނެ.. އޭނާއާއިބެހޭގޮތުން، ބޭނުން ކޮންމެ ވާހަކައެއް ދެއްކޭނެ!" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ.
ކުރިމަތީގައި އޮތް ސިގިރެޓްފޮށި ދަމައިގަނެގެން އެތަނުން އަހަރެން ހިގައްޖައީމެވެ.
މިސްރާބެއް ނެތި ގޮސް ހުއްޓެވުނީ އަހަރެންގެ ކޮޓަރީގެ ބެލްކަނީގަ އެވެ. ލޯ ކުރިމަތީން ސިފަވެގެން ދިޔައީ ސިކުނޑިއަށް ގެންނާން ބޭނުންނުވާ އެތައް ހަނދާންތަކެކެވެ.
ސިގެރެޓާއި ލައިޓަރު އަހަރެންގެ އައްޑަނައެއްކަމުގައި ހެދީމެވެ.
"އީތަން.. ކީއްތިކުރަނީ.. ހަމަ ރަގަޅަށް އެނގޭދޯ ތިއީ ފުރާނައިގެ ދުޝްމިނެއްކަން.. އެއްވެސް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން.." ރިދީ ބުނެލި އަޑު ކަންފަތުގައި ގުގުމާލި އެވެ.
ކުއްލިޔަކަށް ފަސްއެނބުރި ބަލައިލީމެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ރިދީ އެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ތުންކޮޅު އޫކޮށްލައިގެންނެވެ. މޫނުގެ ލޯބިކަން އިންތިހާ އެވެ. ދެކޮލުގައި ހިފާނުލާ ކެތްނުވި އެވެ.
ލިބުނު ޝޮކްގައި ބަލަހައްޓައިގެން ހުރެވުނީ ދެފައިގައި ތަޅުއެޅުވިފައި ވާތީ އެވެ.
"ތީތި އެއްލާލާ.. ޕްލީޒް އީތަން..! އަހަންނަށްޓަކައިވެސް ދުންފަތާއި ދުރުވެބަލަ!" އަހަރެންގެ ތުނބުގައި ޖަހައިފާ ސިގިރެޓަށް އިޝާރާތްކޮށް ނުހަނު ލޯބިން އޭނާ ބުނެލި އެވެ. އާއެކޭ ބުނުމަށް އަހަރެންގެ ބޮލުން އިޝާރާތްކޮށްލީމެވެ. ހިނިތުންވެފައިވާ އޭނާގެ މޫނާއި ދިމާއަށް އަހަރެންގެ މިސްރާބު އަމާޒުކުރީމެވެ.
ހިނިތުންވެލާފައިވާ އޮމާން މޫނުގައި އަހަރެން ފިރުމާލީމެވެ. ނަމަވެސް ހަމަ އެހިނދުގައި، ލޮބުވެތި ބީހިލުން އިހްސާސެއް ނުވި އެވެ. އަހަރެންގެ އަތް ވައިގެތެރޭގައި އުފުލިފައިވެ އެވެ. އޭނާއެއް ނެތެވެ. މިފަހަރުވެސް ގެއްލުނީ އެވެ.
މިވަނީ ކިހިނެއް ހެއްޔެވެ؟ ބުނާނީ ކާކުކައިރީގައި ހެއްޔެވެ؟ ހިއްސާކުރާނީ ކޮންފަރާތަކާ ހެއްޔެވެ؟ ހިޔާލީ ދުނިޔޭގައި އަހަރެން މޮޔަވީ ހެއްޔެވެ؟ 'ހެލޫސިނޭޓް' ވުމަކީ މިއީ ހެއްޔެވެ؟ ތުނބުގައި ޖަހާފައިވާ ސިގިރެޓް ނަގައި އަތުކޮޅަށް ހޫރާލީމެވެ.
އަމާންކަމާއެކު އަހަރެން ދިރިއުޅުނަވެސް ނުދެ އެވެ. ލޯތްބަކީ މިއީކަމަށް އިރުއިރުކޮޅުން ކާމިލް ދައުވާކުރެ އެވެ. ލޯތްބަކީ މިފަދަ ގަދަ ރިހުމަކާއި ކެތްނުކުރެވޭވަރުގެ ވޭނާއި ރިހުމެއް ނޫނެވެ. އެއީ އަމާންކަމާއި އުފަލެވެ. ހިތްހަމަޖެހުމާއި ރައްކާތެރރިކަމެވެ. އެކަމަކު އޭނާގެ ކޮންމެ ހަނދާނަކީ އަހަންނަށް ގަދަފަދަ ވޭނެކެވެ. އަހަރެންގެ މުޅި ދިރިއުޅުން ފުނޑުފުނޑުވެއްޖެ އެވެ. ހަމައެކަނި އޭނާގެ ސަބަބުންނެވެ.
އަހަރެންގެ ވަށައިގެން މުޅި ދުނިޔެ ބަނަކޮށްފި އެވެ. ހީވާކަހަލަ އެވެ. ހަށިފުރައި ނޭވާއެއް ލުމުގެ އިޒުނަވެސް ދުނިޔޭގައި މިހާރު އަހަންނަށް ނެތެވެ. އޮފީހުގައި މަސައްކަތެއް ކުރުމުގެ އިހްތިޔާރުވެސް ނެތެވެ. ކޮންމެ ކަމަކުން އޭނާގެ ހަނދާންތަކެވެ. ކޮންމެ ދިމާއަކުން އޭނާގެ ސޫރަ އެވެ.
އަހަރެންގެ އެންމެ ބޮޑު އުފަލަކީ ލަވަ ކިޔުމެވެ. އެކަމަކު އެކަންވެސް އަހަރެންގެ ކިބައިން އޭނާ ނިގުޅައިގަތްފި އެވެ. ލޯމަރައިލާ ކޮންމެ ހިނދަކު އޭނާގެ ސޫރަ އެވެ. ހޭލާހުންނަ ކޮންމެ ހިދެއްގައި ވަށައިގެން އޭނާގެ ހަނދާންތަކެވެ. ތެޅިތެޅި ލޮޑުވެގެން ނިދިއްޖެނަމަ ހުވަފެނުގައިވެސް އޭނާ އެވެ.
މިއީކީ އަމާންކަމެއް ނޫނެވެ. އަމާންކަމެއް ނެތް އިހްސާސެއްގައި ލޯބީގެ ވިންދެއް ނުޖަހާނެ އެވެ. މިއީ ލޯތްބެއއް ނޫނެވެ.
އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވެއްޖެ އެވެ. އިސްކޮޅުގައި ކިރިޔާ ފަސްފޫޓް ހަމަވާ ކުޑަކުޑަ އިންސާނެކެވެ. އެކަމަކު ހަފޫޓަށްވުރެން ދިގު ބިޔަ އަހަރެންގެ މި ހަށިގަނޑު ދިރިހުއްޓައި ވީރާނާކޮށްފި އެވެ. ނުހަނު ދަތިހާލުގައި ވަނިކޮށް، އަހަރެން އާރާސްތުކުރިފަދައިން ނުވަތަ އެއަށްވުރެން އެތައް ގުނައެއް ނިކަމެތިކޮށް އޭނާ އަހަރެން ބަރުބާދު ކޮށްފި އެވެ.
އެންމެ ބޮޑު ހިތާމައަކީ އޭނާގެ މަތީން ހަނދާންކުރުން އަހަރެންގެ ހިތާއި ސިކުނޑި އަދިވެސް ހުއްޓާނުލަ އެވެ. މި ނަފުސުގައި އެނޫން ވިންދެއް އަދިވެސް ނުޖަހަ އެވެ.
...........................
ބޭންޑުގެ ހުރިހައި މެންބަރުން ތިބީ އަހަރެންގެ ކޮޓަރީގަ އެވެ. އޮފީހަށް ދާން މަޖުބޫރެވެ. އަހަރުމެން އެންމެންގެ އަމިއްލަ ދިރިއުޅުމުގެ މަސައްކަތްތައް އެބަހުއްޓެވެ. ހުރިހައި ކަމެއް ދޫކޮށްލާފައި އައިސް މިތަނުގައި ތާށިވެފައި ތިބެންޖެހުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު މިނޫންގޮތެއް މިވަގުތު ނެތެވެ. ބޭންޑްގެ ވަޓްސްއެޕް ގްރޫޕަށް ލިބުނު ކާމީލްގެ ކުއްލި 'އިމަރޖެންސީ' މެސެޖެއްގެ ސަބަބުންނެވެ.
އަހަރެންނާއި ކާމިލްގެ ގުޅުން ހީނަރުވިތާ އަހަރުދުވަސް ފާއިތުވެގެން ހިގައްޖެ އެވެ. ވަރަށް މުހިއްމު މީޓިންގއެއް އޮއްވައިވެސް މިތަނަށް މިއައީ އޭނާގެ އެދުމަކަށެވެ. ޝުކުރުވެރިވެވުނީ، ދިގުމުއްދަތަކަށްފަހު، އެންމެންނާއި ބައްދަލުކުރުމަށް ކާމިލް ބޭނުންވެ، އިސްނެގީތީ އެވެ.
އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ކާމިލްއަށެވެ. ވާހަކަ ފެށުމަށް އަހަރުމެން އިޝާރާތްކުރީމެވެ. އެކަމަކު އަތް ހިއްލާފައި އިޝާރާތްކުރީ 'މައިތިރި' ވުމަށެވެ. ކާމިލްގެ އެ ހަރަކާތް އަހަންނަށް ކަމަކު ނުދިޔަ އެވެ. އެކަމަކު ފެންނަ މަންޒަރުން ހީވަނި ކޮންމެވެސް ބޮޑު ކަމަކާ ކާމިލް ވިސްނަނީ ހެނެވެ.
އަންޔާގެ ދެލޮލުން ވައްތަރެއްޖައްސާފައި އަހަރެންގެ އުނގުގައި ބޯއަޅާލައިގެން އޮށޯތެވެ. އެންމެންގެ ތެރެއިން ބުރެއް ޖަހައިލާފައި އައިސް ކާމިލް އިށީނީ އެނދުގަ އެވެ. ރަޒީން އިނީ ބީންބޭގްގަ އެވެ. ސޯފާގައި ލެނގިލައިގެން ނަޔާރާ އިށީނީ ރަގްމަތީގަ އެވެ. ނަޔާރާ އިސްތަށިގަނގުގައި ރަޒީން ފިރުމާލި އެވެ. ބަލަން ހިތްގައިމު މަންޒަރެކެވެ. އެދެމީހުންގެ ލޯތްބަށް ބަރަކާތް ލައްވާށި އެވެ.
އަހަރެން ވިސްނަމުންދިޔަ ފިކުރުތައް ބުރުވާލީ ކާމިލް އެވެ.
"ސޯ ގައިޒް...!" އެންމެންގެ ސަމާލުކަން ހޯދަން ކާމިލް ބުނެލި އެވެ.
"ފާއިތުވެގެން މިދިޔަ އަހަރުދުވަސްތެރޭގައި ވަރަށް ގިނަ، ވަރަށް ބޮޑެތި، ބައިވަރު ކަންކަން ހިނގައިފި" ކާމިލް ބުނެލި އެވެ.
އަހަރެން ދެ ލޯ މަރައިލާފައި ފުން ނޭވާއެއް ދޫކޮށްލީމެވެ. ދެރަކަމެކެވެ. މިފަދަ ބުރަ ދުވަހެއްގައި ކާމިލް އެންމެން އެއްކުރީ އަހަރެންނަށް ފުރައްސާރަކޮށް، ނިކަމެތިކުރަން ނޫންކަމަށް އަހަރެން ހީކުރަމެވެ. އެހެންވެއްޖެނަމަ، މިތަނުގައި ތިބި އެކަކަށްވެސް،، ހަމަ އެކަކަށްވެސް މިއަދު އަހަރެންގެ ރުޅި ކޮންޓްރޯލްކުރުމަކީ ވާނެކަމެއް ނޫންކަން ކަށަވަރެވެ.
"އަހަރުމެން އެންމެންވެސް މިއަދު ވަރަށް ދުރު.. އެމީހަކު ކުރިއަށްދަނީ އެމީހެއްގެ އަމިއްލަ ދިރިއުޅުމައިގެން.. ކަލޭމެން އެކަކަށްވެސް އަންދާޒާ ނުކުރެވޭވަރުގެ ނުވަތަ ތަނެއްދޮރެއް ނޭގޭ ވަރަށް ބޮޑެތި އެތައް ކަމެއް މީގެތެރޭގައި އެބަހުރި.." ހިމޭންކަމުގެ ތެރެއިން ކާމިލް ބުނެލި އެވެ.
ހަމައެވަގުތު އަންޔާގެ ލޯއަމާޒުވީ ސީދާ އަހަންނާއި ދިމާއަށެވެ. ހަގީގަތަކީ އަހަރުމެން ދެމީހުންގެ ހުރީ އެއް ހަރަކާތެކެވެ. އަހަރުމެން ދެމީހުންނަށްވެސް ރޮކް5 އެއީ ހަމައެކަނި އާއިލާ އެވެ. އެކަމަކު މިހާރު އެއާއިލާވެސް ނެތެވެ. އަހަރެން ފަދައިން އަންޔާއަށް މުޅި ހަޔާތުގައިވެސް ލިބުނު އެންމެ ފުން ހިތާމައަކީ ބޭންޑްގެ ތެރެއިން ކާމިލް އެކަހެރިވި ކަމެވެ.
"ކާމިލް... ހަގީގަތާއި ކުރިމަތިލާ! އަހަރުމެން އެކަކަށްވެސް ބަދަލެއް ނާދޭ..! ހަމައެކަނި ބަދަލުވީ ކާމިލް! އަހަރުމެންނާއި ގުޅުން ކަނޑައިލާ، ދުރުހެލިވީ ހަމައެކަނި ކާމިލް..! އެހެން އެއްކަމެއްވެސް މި ބޭންޑްގައި ބަދަލެއް ނުވޭ!" ފެންކަޅިވެފައި ނަޔާރާ ބުނނެލީ އެންމެންގެ ހިތް ރޮއްވާލާފަ އެވެ.
ފަހަތުން ނަޔާރާގެ ގައިގައި ބައްދާލާފައި ރަޒީން، އޭނާގެ ނިއްކުރީގައި ބޮސްދިނެވެ. އަހަރެން ހިތަށް ތޫނު ހަންޖަރަކުން ޒަހަމްތަކެއް ލިބުނުފަދަ އެވެ. އެމަންޒަރުން އަހަރެންގެ ނަޒަރު ދުރަށްލީމެވެ.
"އެއް އަހަރުކުރީގައި ހިނގާދިޔަ ކަންތައްތަކަކަށް މިތަނުގައި މިވަގުތު އަހަރުމެން ދެބަސްވެ އަރާރުންވާންޖެހޭކަމެއް އަހަންނަކަށް ހިޔެއް ނުވޭ...! ވާނެ ހުރިހައި އެއްޗެއްވެ، ލިބެންވީ ހުރިހައި ދެރައަކާ ނިކަމެތިކަމެއް އޮތީ ލިބި ނިމިފައި.. އަހަރެންގެ ރިދީ އަހަރެން ދޫކޮށް ހިގައްޖެ..! އެހެންވީމަ އެކަން މިތަނުގައި އާކޮށްކޮށްފައި، އެވާހަކަދެއްކުމުގެ މާނައެއް ނުވިސްނޭ..!" ކާމިލްގެ ލޮލުން އަލިފާން ކަނިބުރާހެން ހީވި އެވެ. ރުޅިއައިސް ރަތްވެފަ އެވެ.
އަންޔާގެ ދެލޯ މަރައި ތަގުޅިކޮށްލި އެވެ. އަހަރެން މަސައްކަތްކުރީ ވީހާވެސް ދުރަކަށް އަހަރެންގެ ލޮލުގެ ކަޅޅި އަމާޒުކުރެވޭތޯ އެވެ. އެންމެންގެ ބެލުންތަކުން މިންޖުވާން މިވަގުތު ބޭނުމެވެ.
"ތި އެންމެންކައިރީ ހަމައެކަނި އަހަރެން ބުނެލަން ބޭނުމީ، އަހަރެން މިއުޅެނީ މީހަކާ އިންނާށޭ! " އެންމެންގެ މޫނަށް ކާމިލް ބަލައިލި އެވެ.
"ތިވާހަކަ ބުނަން މިތަނަށް އަހަރުމެން އެންމެން ތި އެއްކުރީ.." ގަބޫލުކުރަން ދަތިވެފައި ވަގުތުން އަންޔާ ބުނނެލި އެވެ.
"މި މީޓިންގ އަށް ގްރޫޕްގައި މެސެޖްކުރިގޮތަށް ތިވާހަކަވެސް ގްރޫޕުގައި ބުނެވުނީސް.." ރަޒީން ހިތްހަމަނުޖެހިފައި ބުނެލި އެވެ.
"އަހަރެން އެއްބަސް..! ކޮންމެ ދުވަހަކީވެސް ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ކައިވެނި ނުވަތަ ވަރި ކުރާ ދުވަހެއް.. މި ދެން ކޮންހާ ޑްރާމ..!" ނަޔާރާގެ ޖުމުލަ ނުނިންމި އެވެ. ކުއްލިޔަކަށް އެންމެން ހުއްޓުން އެރި އެވެ. މުޅި ކޮޓަރީގައި ހިމޭންކަން ނޫނީ ނެތް ހިނދުކޮޅެކެވެ. އެއާކޯންގެ އަޑުވެސް އިވެނީއެއް ނޫނެވެ.
ތި އެންމެންކައިރީ ހަމައެކަނި އަހަރެން ބުނެލަން ބޭނުމީ، އަހަރެން މިއުޅެނީ މީހަކާ އިންނަން..
އެންމެންގެ ސިކުނޑީގައި އެނބުރިގަތީ އެންމެ ޖުމުލައެކެވެ. އެންމެންނަށް ހަމަބިމަށް އާދެވިއްޖެ އެވެ.
"ވަޓްޓޓޓޓ...!!!"
ފުންމައިގެން އެންމެން ވެއްޓިގަތީ ކާމިލްގެ ގައިމައްޗަށެވެ.
އެންމެންގެ ތެޅުމާއި އުދަގޫކުރުމާއި ހަޅޭއްލެވުމުގެ ތެރެއިން ކާމިލް އެނދުން ވެއްޓުނުއިރެއްވެސް ނޭގެ އެވެ.
"އަދިކިރިޔާތަ ބުނަން އެނގުނީ..؟ ހުރިހައި ކަމެއް ނިމުނީމަ އަނގާލަން ތިބި ދުރުބައެއްތަ އަހަރުމެން މިއީ.." އަންޔާގެ ރަސްމީ ގޮތުގައި ކާމިލްއަށް ހަޅޭއްލަވަން ފެށި އެވެ.
"ކާކު.. ކޮންތާކު އުޅޭ ކުއްޖެއްކަމެއްވެސް އަހަރުމެންނަކަށް ނޭގޭ.. އޯ މައި ގޯޑް..! ﷲ އަކްބަރް! ކާމިލް – އިޒް- ގެޓިންގ- މެރިޑް!!" ރަޒީންއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގެ އެވެ. ދުލަށް އައިހައި އެއްޗެއް ކިޔަނީ އެވެ.
"އެކްޒެކްޓްލީ ކާމިލް..! ވަގުތު އޮއްވައި ބުނަން ޖެހޭނެނުން.. ހާދައިބައިވަރު ބާޒާރެއް ކުރަންޖެހޭނެޔޭ.. މާލެއިން ރަގަޅު ފޮތިކޮޅެއްވެސް ނުލިބޭނެ.. އެންމެ ގާތުންވެސް ކޮލަމްބޯ ނޫނީ އިންޑިޔާގެ ކޮންމެވެސްދިމާއަކަށް ޓިކެޓް ލިބޭތޯ އަވަހަށް ބަލަންވީ..!" ނަޔާރާ ތެޅިފޮޅެނީ އެވެ.
އަހަރުމެން އެންމެން ލޯ ވައްކޮށްލާފައި ނަޔާރާއަށް ބަލަންފެށީމެވެ. މައިތިރިވާން އިރުކޮޅެއް ނެގި އެވެ.
އިރުކޮޅެއްގެ ފަހެވެ. އެންމެންގެ ނަޒަރު ހުއްޓުނީ އަހަންނަށެވެ. އެ ގޮތް އެންމެ ރަގަޅެވެ. ލިބުނު ހަބަރުގައި އެއްޗެއް ނުބުނެ އަދި ހަރަކާތެއް ނުގެނެސް މިތަނުގައި ހިމޭނުން އިނީ އަހަރެން އެކަންޏެވެ. އެމީހުންގެ ސަމާލުކަމަށް އަހަރެންގެ ހަރަކާތް އައުމަށް ވަގުތު ނަގައިފި އެވެ.
-ނުނިމޭ-