އަންނަ މާޗް 21 ގައި ނިކުންނަ ސްނޯ ވައިޓް ލައިވް އެކްޝަން ރީމޭކްގައި މައި ކެރެކްޓަރުގެ ރޯލުން މަގުބޫލް ތަރި ރޭޗަލް ޒެގްލާ ފެނިގެންދާނެ އެވެ. އަދި 1937 ވަނަ އަހަރު ނިކުތް ޑިޒްނީގެ ފުރަތަމަ އެނިމޭޓެޑް ކާޓުން ސްނޯވައިޓްގެ ރީމޭކް ލައިވްއެކްޝަންގައި ކްލާސިކް ފެއަރީ ޓޭލް ސްޓޯރީއަށް މުޅިން އާ މަންޒަރުތަކެއް ހުށަހެޅިގެންދާނެކަމަށް ޑިޒްނީ އިން ފާޙަގަކުރެ އެވެ.
ހޮލީވުޑް މީޑިއާތަކުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސްނޯ ވައިޓްގެ ބަޖެޓް 240 މިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު މިއީ ޑިޒްނީގެ ލައިވް އެކްޝަން އެޑެޕްޓޭޝަނެއްގެ ތިން ވަނަ އަށް އެންމެ އަގުބޮޑު ފިލްކަން އެފަރާތުން ފާހަގަކުރެ އެވެ. ނަމަވެސް ހަގީގީ އަދަދާ ބެހޭ ގޮތުން ފުށުއަރާ ރިޕޯޓްތަކެއް ޝާއިއުކޮށްފައިވާއިރު ފޯބްސް އިން ބުނަނީ ސްނޯވައިޓްގެ އަސްލު ބަޖެޓަކީ ހަގީގަތުގައި 269.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށެވެ.
ފަހުގެ އަދަދު ރަނގަޅު ނަމަ، ސްނޯވައިޓް ލައިވް އެކްޝަން ރީމޭކަށް 2023 ވަނަ އަހަރުގެ ދަ ލިޓްލް މާމެއިޑްގެ 250 މިލިއަން ޑޮލަރާއި 2019 ވަނަ އަހަރުގެ ދަ ލަޔަން ކިންގްގެ ބަޖެޓް 260 މިލިއަން ޑޮލަރަށް ވުރެ ފަހަނައަޅައި ދާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެ އެވެ.
2022 ވަނަ އަހަރުގެ މާޗް މަހު ފިލްމު ކުޅެން ފަށައި ޖުލައި މަހުގެ ނިޔަލަށް ފިލްމުގެ ޝޫޓިން ވަނީ ނިންމާލާފަ އެވެ. އަދި އިތުރު ފިލްމު ޝޫޓިންއެއް މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން ސްނޯ ވައިޓްގެ އިތުރު ކާސްޓުންނަށް ޑިޒްނީއިން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ފިލްމްގެ ކަރެކްޓަރުން ގޮތުގައި ހިމެނޭ ޑްވާފްސް އަލުން ސީޖީއައި އަށް ބަދަލުކޮށްފައި ވަނީ އެ ރޯލުތަކަށް ޑްވާފިޒަމް ބަލި ހުންނަ ހަގީގީ އެކްޓަރުން ކާސްޓު ކޮށްފިނަމަ ކުރިމަތިވެދާނެ މައްސަލައަކާ ގުޅިގެންނެވެ.
ޑްވާފް ތަކަކީ ފިލްމްގެ ޖުމްލަ ވާހަކައަށް ވަރަށް މުހިންމު 7 ކެރެކްޓަރަކަށް ވާތީ، އެ ބައިތަކަށް އިތުރު ސަމާލުކަމެއް ދިނުމުގެ ސަބަނުން ބަޖެޓުގެ ބޮޑު ބައެއް އެކަމަށް ހިއްސާކުރާ ކަމަކަށް ވުން އެކަށީގެންވާކަމަށް ބަޖެޓާއިގުޅޭ ރިޕޯޓްތަކުން ހާމަކުރެ އެވެ.
ފިލްމަށް ސަޕޯޓަރުން އިންތިޒާރުކުރަމުން ދިޔަނަަމަވެސް މި ފިލްމަށް މެއިން ރޯލު ކުޅެން ޒެގްލާގެ ކާސްޓް ކުރުމާ ގުޅިގެން އާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސްނޯވައިޓްގެ އޮރިޖިނަލް ކާޓުނާ މެދު އޭނާ ދެއްކި ނޭދެވޭ ކޮމެންޓްތަކާއި، އޭގައި ސެވަން ޑްވާފްސް ހިމެނުމާ ދޭތެރޭ ދެއްކެވި ވާހަކަތައް ހިމެނެ އެވެ. ޒެގްލާގެ ފަރާތުން އައި އެފަދަ ކޮމެންޓްތަކުގެ އިތުރުން 2023 ވަނަ އަހަރު ހޮލީވުޑްގެ ހަޅުތާލުތަކުގެ ތެރޭގައި ސްނޯވައިޓް ރިލީޒްކުރާ ތާރީހު 1 އަހަރަށް ލަސްވުމުންވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައިވާކަން ބޭރުގެ މީޑިއާތަކުން ފާހަގަކުރެ އެވެ. އެއިރު ފިލްމް ރިލީޒް ކުރަން ހަަމަޖެއްސީ މިދިޔަ އަހަރުގެ މާޗް މަހަށެވެ.