ads
މޯލްޑިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނައުމުގެ ހަފްލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
އޮކްޓޫބަރުގައި ވައިޑް-ބޮޑީގެ ދެވަނަ ބޯޓު އުދުހެން ފަށާނެ: ރައީސް
މި އަހަރުގެ އޮކްޓޫބަރު މަހުގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދެވަނަ ބޯޓުގެ އުދުހުންތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މޯލްޑިވިއަންއަށް ވައިޑް-ބޮޑީ އެއާކްރާފްޓެއް ގެނައުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދަން ކެބިނެޓުން ނިންމާފައި ވަނީ ޑިސެމްބަރު 2023ގަ އެވެ. މި ބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް އޭ 330 މަރުކާގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔަން ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ މެނިފެސްޓޯ ލިޔަމުން ދިޔައިރު ގައުމީ އެއާލައިން ފުޅާ ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގެން އެކަން ހިމެނި ކަމަށާ މިއަދު ފެނިގެން މިދަނީ އެކަން ހަގީގަތަކަށް ވެގެން ދިޔަތަން ކަމަށެވެ. 

"މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއަށް އޮތް މަސްތަކުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މިއީ ފެށުމެއް. މިއަދު ފުރަތަމަ ބޯޓު އައިކަމުގައި ވިޔަސް މި އަހަރުގެ އޮކްޓޫބަރު މަހު [މާތްﷲ އިރާދަފުޅުން ] ދެވަނަ ބޯޓެއް އަންނާނެ. ފިނޭންސްއާއި އައިލެންޑް އޭވިއޭޝަނުން އަދި އެހެން ފަރާތްތަކުން ކުރާ މަސައްކަތުން އިތުރު ކުރިއެރުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި އަހަރުގެ ތެރޭގައި ތަރައްގީގެ މުހިއްމު މަސައްކަތްތަކެއް ރާއްޖެ އިން ފެންނަން ފަށާނެ އެވެ. އިގްތިސާދީ ދާއިރާ އާއި އުމްރާނީ އަދި އިޖްތިމާއީ ދާއިރާ އިން ވެސް ބާރު މިނުގައި ކުރި އަރައިގެން ދާނެ އަހަރަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ އެއާލައިނަށް އަންނަ ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އަދި އުދުހުގެމުގެ އިންޑަސްޓްރީއަށް ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. އަދި މި ފެށިގެން ދިޔަ 2025 ވަނަ އަހަރަކީ ތަރައްގީގެ އަހަރުކަމަށާއި، އެކި ދާއިރާތަކުން ތަރައްގީގެ މަސައްކަތް އަމަލީގޮތުން ފެށިގެންދާނެކަމަށެވެ.

ގައުމީ އެއާލައިންގެ ފްލީޓަށް އިތުރު ކުރާ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާޓުން ޗައިނާގެ ތިން މަންޒިލަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. އެއީ ބެއިޖިން އާއި ޝެންހާއީ އާއި ޗެންގްޑޫ އެވެ. ދިގު ދަތުރުތައް ކުރެވޭ އެ މަރުކާގެ ދެވަނަ އެއާކްރާފްޓާ އެކު ޔޫރަފަށް ވެސް ދަތުރުތައް ފެށުމަށް ވަނީ ރާވައިފަ އެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.

މޯލްޑިވިއަނުން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް