އަންގާރަ ދުވަހު ޗައިނާ ގަޑިން 9:00 ހާއިރު ހިމަލަޔާ ފަރުބަދައަށް އައި ބިންހެލުމުގައި 130 މީހުން މަރުވެ، އިތުރު 188 މީހުން ޒަޚަމްވެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.
ރައީސް ޗައިނާގެ ރައީސް ޝީ ޖިންގޕިންއަށް ފޮނުއްވި މެސެޖުގައި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ.
ރައީސް ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ބިންހެލުމުގައި 3500 އަށް ވުރެ ގިނަ ގެދޮރު ބިމާހަމަވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީޑިއާތަކުން ބުނީ މީހުން ސަލާމަތް ކުރުމުގެ ބާރަށް ކުރިއަށްދާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބިންހެލުން އައިސްފައި ވަނީ އުތުރުން ހިމާލަޔާ ސަރަޙައްދަށް ވަދެވެން އޮންނަ މަގާ ދިމާލުން ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ހިމާލަޔާއާ 80 ކިލޯމީޓަރު ދުރު ސަރަޙައްދެކެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލް ހަބެއް ކަމަށްވި ނަމަވެސް ފިނި މޫސުމުގައި އެއީ މީހުން ގޮސްއުޅޭ ސަރަޙައްދެއް ނޫނެވެ.