މި ގޮތުން ޖެނުއަރީ 31 ގައި ގާނޫނުއަސާސީގެ ދިފާއުގައި އިހުތިޖާޖު ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ކަމަށް އެއްވެސް މެންބަރަކު އިއުތިރާޒު ކޮށްފައި ނުވާ އިރު، މި އިހުތިޖާޖީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި މި ހަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ބައިވެރިކުރުމަށް ދައުވަތު ދިނުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީން މި ހަރަކާތްތައް ފަށަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެންނެވެ. އެމްޑީޕީން ބުނާ ގޮތުގައި މި ބަދަލުތަކަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ވެރިކަމުގެ ނިޒާމު މަސްހުނިކޮށްލާ ބަދަލުތަކެކެވެ.
މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ ޑިސެމްބަރު 10 ގައި ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ވެސް ބާއްވާފަ އެވެ.