ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނި ގޮތުގައި މި ގޭބިސީތަކުގެ ފާހާނާތަކުން ނަޖިސް ލީކުވެ، ކެއިން ބުއިމަށް ދަތިވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާތީ އެފަރާތްތަކަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.
މި ވިއްސާރައިގައި މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި މިހާތަނަށް 104 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ރޭ މެންދަމު ފެށުނު ވާރޭ ފަތިހު ހުއްޓުނު ނަމަވެސް، މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެފައި ވަނިކޮށް، ސިފައިންގެ ފަރާތުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މިހާރު މާލޭގެ ގިނަ ސަރަހައްދުތަކެއް ވަނީ އާންމު ހާލަތަށް އައިސްފައެވެ.