ރާއްޖޭގެ ފަރާތުން މިއެގްރީމަންޓްގައި ސޮއިކުރީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓަރު ޑރ ތައުފީގު ބިން ފައުޒާނު އައްރަބީއާ އެވެ.
މި އެގްރީމެންޓްގައި ބަޔާންވެގެންވާނީ ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައްކަން އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ހައްޖުގެ ހިދުމަތަށް ފައިސާދައްކާނެ ގޮތާއި، ރާއްޖެއިން ހައްޖުގެ ހިދުމަތްދޭ ކުންފިން ހިދުމަތް ދޭންޖެހޭނެ ގޮތާއި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމު ކުރުމާއި އެފަދަ މުހިންމުކަންކަންކަން ބަޔާންވެފައި ހުރެ އެވެ.
މިއީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެއްކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެ އެވެ. ޝަހީމް ވަނީ ސައުދީ މިނިސްޓަރާ ބައްދަލުކުރައްވާ މުހިއްމު ކަންކަމުގެ މައްޗަށް ވާހަދައްކަވާފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހައްޖު މައުރަޒަކީ ހައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ހަރަކާތެއްކަމާއި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ހައްޖާއި އުމްރާއަށް ހާއްސަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ހައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ ޑރ. ތައުފީގު ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު އަރުއްވާފަ އެވެ.
މިނިސްޓާ ޝަހީމް ސައުދީ އަރައްބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކެވެ.