ads
ސިއްރު - 16 ވަނަ ބައި
އެޕިސޯޑް 16
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

މައިދޮރުން ވަދެގެން ދުވެފައި އައި އިކާންގެ އަޑު މުޅިގޭގައި ގުގުމާލި އެވެ. ޑްރާމާދައްކާލުމަށް ދެއަތް ފުޅާކޮށްފައި އައިސް އަހަރެންގެ ގައިގައި އިކާން ބައްދާލި އެވެ. 

އީތަން ސަރގެ ލޮލުގެ ކަޅި އަނބުރަމުން ފޫހި ވައްތަރެއް މޫނުމައްޗަށް ޖެއްސިމަންޒަރު އަހަރެން ދުށީމެވެ. ދާދި ގާތަށް ޖެހިލާފައި އަހަރެންގެ އަތުކުރީގައި ހިފާފާއި އިކާންއާއި ދުރަށް ދަމައިގަތުމަށް ތިރީހަކަށް ސިކުންތުވެސް ބޭނުންނުވި އެވެ.

"ހެއި ޑޫޑް! އަހަރެންގެ ޕްރިޓީ ލޭޑީ އަހަންނާއި ދުރަށް ތި ދަމައިގަތީ ކީއްވެގެން؟ ކުރާނެ ކަމެއް ނެތިއްޔާ ތަވވާގައި ފޮޅިއަޅަން ބަދިގެއަށް ދޭބަލަ!" އެއްމިޔަކަނުން ހިނިއައިސްފައި އިކާން މަލާމާތްކޮށް، ގަސްތުގައި އީތަން އާއި ދިމާކުރީ ރުޅިއަރުވާލަންކަން ޔަގީނެވެ.

"މިއީ އެހެން މީހެއްގެ ޕްރިޓީ ލޭޑީ އެއް ނޫން..! އެހެން މީހެއްގެ ހައްގެއްވެސް ނޫން..! ފޮޅިއަޅަންދާންވީ މަށެއް ނޫން، ދަރުއުނދުނުގެ ހޫނު އަޅިގަނޑުގަ އީދުބޯކިބާއަޅަން ދާންވީ މީހަކީ ތިއީ!" ގަދަ އަޑުން ލޯ އަޅާލާފައި އީތަން ބުނެލީ ހަރުކަށިކަމާއެކު އެވެ. 

ދަމަމުން ކަހަލަގޮތަށް އެހެން މީހުންނާއި ތަންކޮޅެއް ދުރަށް އަހަރެން ގެނެސް އީތަންގެ ގައިގައި ތަތްކޮށްލި ގޮތުން ހައިރާންވެފައި އެންމެންނަށް ބަލައިލެވުނީ އީތަންގެ މޫނަށެވެ.

"އަހަރެން ނޫން އެހެން މީހުންނާއި މާބޮޑަށް ގާތްވިޔަ ނުދިނުމަށް ބޭސް ސިޓީގައި ޑޮކްޓަރ އޮތީ އަމުރުކޮށްފައި..!" ފާޑަކަށް ހިނިއައިސްފައި ރާގުބަދަލުކޮށްލަމުން އީތަން ބުނެލި އެވެ. 

ބުނާނެ އެއްޗެއް ނޭގި ދަތްދޮޅި އެލިފައި އެންމެން ތިބީ، އަޑު އިވުނު 'ބޭސް ސިޓީގައި' ލިޔެފައި އޮންނާނެ އެއްޗެއް ޔަގީން ނުވެފަ އެވެ. ޔަގީންވުން އެއްކިބައިގައި އޮއްވައި، އެކަން ގަބޫލުކުރާނެ މީހަކުވެސް މި އުޑުދަށުގައި ނުހުންނާނެކަން ޔަގީނެވެ. އެންމެންގެ ހަރަކާތްތަކަށް އަހަރެން ބަލައިލީމެވެ. އަންޔާ ހުރީ އެއްމިޔަކަނުން ހިނިއައިސްފަ އެވެ. އެހެން އެންމެންގެ ހަރަކާތް ހުއްޓި ދެލޯ ބޮޑުވެ، އަނގަހުޅުވިފަ އެވެ. 

"އޯކޭ އީތަން..! އެހެންވީމަ، ރިދީ ގެއަށް ފޮނުވީ ބޭސް ސިޓީގައި ބޮޑު އަކުރުން 'އީތަން' ލިޔެފައި ދޯ..! ދުވާލަކު ކިތައްއިރު، އިރަކު ކިތަށް ފަހަރު ރިދީއަށް 'އީތަން'ގެ ޑޯޒް ލިބެންޖެހޭކަމަށް ލިޔެފައި އޮތީ..؟ އަހަރެން ބޭނުން ތިޔަ ބޭސް ސިޓީ ކިޔާލަން.. ދައްކާ..! މިހާރު ދައްކާ..! އެބޭސް ނެގީ ކޮން ފާމަސީއަކުންތޯވެސް ބަލަންޖެހޭނެ..!!" އީތަންގެ ނަން ބޭނުންކުރި ކޮންމެ ފަހަރަކު އިނގިލީގެ އިޝާރާތުން ކޮމާކޯޅި ދެއްކި އެވެ. 

ކާމިލްގެ ޖުމުލައިގެ ރާގުން އެތަނުގައި ތިބި އެންމެން ހިނިގަނޑު މައިތިރިކޮށް އިސްޖަހައިލަން މަޖުބޫރުވި އެވެ. އެންމެން ހޭން ފަށައިފިނަމަ، ގޮވަން ތައްޔާރުވެފައިވާ ވޮލްކެނޯއެއް ކުރިމަތީގައި ހުރީތީ އެވެ. 

މާގިނައިރު އަހަންނަށް ކޮޅަކަށް ނުހުރެވުނެވެ. އެއްފައި މައްޗަށް މާގިނައިރު ހުންނަހައި 'ފިޓެއް' ނޫނެވެ. އއަހަރެން އަރި އަޅައިލިވަގުތު ހަށިގަނޑު ހިފެހެއްޓޭތޯ، އީތަންގެ ގަމީހުގައި ހިފެހެއްޓީމެވެ. ވިސްނާނުލާ ހުރުމުން އަރިއަޅައިލީ ދެމީހުން އެކީގަ އެވެ. ދެމީހުން އެކުގައި ވެއްޓުނީ ސޯފާ މައްޗަށެވެ. އަހަރެންގެ ގައިމަތީގައި އޮތީ ދިގު، ބިޔަ އީތަން އެވެ. އަހަރެންގެ ދިގު އިސްތަށިގަނޑު އަހަރުމެން ދެމީހުންގެ މޫނާއި ކަނދުރާގެ ފަރުދާއެއް ކަމުގައިވި އެވެ. އީތަންގެ އެއް އަތް އަހަރެންގެ ހަށިގަނޑުގައި އޮޅާލާފައިވެ އެވެ. އަނެއް އަތުން އަހަރުމެންގެ މޫނަށް ފަރުދާވެފައިވާ އިސްތަށިގަނޑު މަޑުމަޑުން އެއްފަރާތްކުރާން ފެށި އެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު މުޅި ދުނިޔެ އަހަރުމެންނަށްޓަކައި ހުސްވި ފަދަ އެވެ. ވަށައިގެންވީ އެހެން ހުރިހައި މަންޒަރެއް ފަނޑުވެއްޖެ އެވެ. މަސްތީ ލޮލުގެ ތެރެއަށް ފީނާކަށް ފަސޭހައެއްވެސް ނޫނެވެ. ފުންވި ވަރަކަށް ޖަޒްބާތުތައް ހިއްސުތަކުގައި ހުޅުރޯކުރަމުން ދިޔަ އެވެ. ބާރުގަދަ، ނުރައްކާތެރި ބެލުމެކެވެ. ތޫނު ކަނޑިއެއްގެ މިޔަވެސް އެ ލޮލުގެ ތޫނުކަމުގައި އިސްޖަހައިލަން މަޖުބޫރުވާފަދަ ބެލުމެކެވެ. އަހަރެންގެ މޫނު ރަތް ޓޮމާޓޯއެއް ފަދައިން ކުލަ ބަދަލުވެފައިވާކަން ކަށަވަރެވެ. ކޯތާފފަތުން ހޫނުކަން އިހްސާސްވި އެވެ.

ތެދުވާން މަސައްކަތް ކުރީމެވެ. އެކަމަކު އަހަރެންގެ އުނަގަނޑުގައި އޮތް އޭނާގެ އަތުން ލުއްކިއެއް ޖަހާފައި އިތުރަށް ދެ ހަށިގަނޑު ފިއްތާލި އެވެ. ހައްޔަރުވެފައި މިވާ ތޭރިތަކުގެ ތެރެއިން މިންޖުވެވުމެއް ނެތެވެ. އަހަރެން އަމާންދިނީމެވެ. ގޮތް ހުސްވީ އެވެ. 

ދެމީހުންގެ ހޫނު ނޭވާ އަމާޒުވަމުންދިޔަ އެވެ. އިތުގެ ތެޅުން ހިތްގައިމު ރާގެއް ކުޅެލި އެވެ. އަހަރެންގެ ބަނޑުގައި ކޮކާތަކާއި މުޅި ޒޫ އެކުގައި ފިޔަޖަހަން ފަށައިފި އެވެ. 

މި ހިތުގައި އީތަންއަށްޓަކައި އުފެދިފައިވާ ޖަޒްބާތުތަކާއި ދެމީހުންގެ ބެލުމުގައި އެކުލެވިގެން މިވާ، އިހްސސާސްތަކަކީ ހަމައެކަނި އެކުވެރިކަމެއް ނޫނެވެ. އަހަރުމެން މި ހިއްސާކުރަނީ އެކުވެރިކަމުގެ ގުޅުމެއް ނޫނެވެ! 

ރާގުރާގަށް ކޮށިއެރުމާއި، އެކި އަޑުއަޑުން ކެއްސުމާއި ކެމެރާތަކުން ފޮޓޯނަގަމުންދިޔަ އަޑުން އަހަރުމެންނަށް ހަމަބިމަށް ތިރިވެވިއްޖެ އެވެ. އަހަރުމެންނަށް ތިބެވުނު ހާލަތު އެނގުނުއިރު މާ ލަސްވެއްޖެ އެވެ. އަހަރެންގެ ގައިން ކުއްލިޔަކަށް ދޫކޮށްލާފައި އީތަން ފުންމައިގެން ތެދުވި އެވެ. ފިނިހަކަ ސްޕީޑުގައި ގުޑުވާލަން ޖެހުނީ އަހަރެންގެ ހަށިގަނޑެވެ.

..................

ރޭގަނޑުގެ ނާސްތާ ނިމިއްޖެ އެވެ. އެންމެން ހަމަޔަށް ތިބީތީ، މިރޭގެ ވަގުތުތައް ފަޅުފިލުވާން ވޯޓް ނެގި އެވެ. އިއްތިފާގުވީ ޓްރުތް އެންޑް ޑެއަރ ކުޅުމަށެވެ. އަހަރެން ދުވަހަކުވެސް ބައިވެރިވާން ބޭނުން އެއްޗެއް ނޫނެވެ. އެފަދަ މާހައުލެއްގައި އިންނާކަށްވވެސް ބޭނުމެއް ނޫނެވެ. އަދި ވަކިން ރޮކް5އާއެކު މިފަދަ 'ކުޅިވަރެއް' ކުޅުމަށްވުރެން ދަންމަޅިއެއްގައި  އަމިއްލައަށް ބަނދެވުންވެސް މާ ރަގަޅުވާނެ އެވެ.

ވިސްނާލީމެވެ. އަހަރެންގެ ހާލަތައް ހަމްދަރުދީވާނެ މީހަކާމެދުގައި ފިކުރުކުރީމެވެ. ފުރަތަމަ ހިތަށް އައީ އަނންޔާ އެވެ. އެކަމަކު އެއީ މިފަދަ ކަންކަމުގައި ކުޑަކުޑަ އިބިލީހެކެވެ. ލޮލުގެ ކަޅި ހުއްޓުނީ ކާމިލް އަށެވެ. 

އާއެކެވެ! އަހަރެންގެ ރައްކާތެރިކަމަކީ ކާމިލް އެވެ. ތުން އޫކޮށްލާފައި ލޮލުގެ އިޝާރާތުން އެތައް މެސެޖެއް ކާމިލްއާއި ހިއްސާކުރީމެވެ. އެކަމަކު އެއްމިޔަކަނުން ހިނިއައިސްފައި ތުންފަތް ހަފަން ފެށި އެވެ. ލޯ އަޅާލާފައި އަހަރެން ހަށަންބަނީމެވެ. ހަގީގަތުގައިވެސް އަހަރެން މިކަމުގައި ބައިވެރިވާކަށް ބޭނުމެއް ނޫނެވެ. އެމީހުން ކިޔާ އެއްޗިއްސާއި ކުރާ ކަންތައްވެސް ބަލާކަށް ބޭނުމެއް ނޫނެވެ.

އަމިއްލަ ސިކުނޑީގައި އެތިވަރު ގޮވަމުން ދަނިކޮށް ފެނުނީ އެމީހުން އަނބުރަމުންދިޔަ ފުޅި އަހަރެންނާއި ދިމާއަށް ހުއްޓުނު މަންޒަރެވެ. ނިއްކުރިން ދާ ބޮކިތައް ހިލުވާލައިފި އެވެ. ސަލާމަތްވާން ވަންނާނެ ހޮރެއްވެސް ނެތެވެ. ބިންފަޅާފައި އަޑިއަށް ވަދެވޭކަށްވެސް ނެތެވެ. އުދުހިފައި ފަޒާގެ ތެރޭގައި ފިލަން ދެވޭކަށްވެސް ނެތެވެ. 

"ޓުރުތް..!" އަހަރެންގެ އިހްތިޔާރު ބުނެލީމެވެ.

"ޔެސް..! ރިދީއަކީ ބޮޑު ފިނޑިއެއް.. ޑެއަރ އިހްތިޔާރުކުރުމުގެ ހިއްވަރެއް ރިދީ ގަޔަކު ނުހުންނާނެ..!" އަހަރެންގެ ވާތްފަރާތުގައި އިނދެފައި އީތަން މަލާމާތްކުރި އެވެ. 

އަހަރެންގެ އީގޯ، އީތަންގެ އިސްކޮޅާއި ހަށިގަނޑާއި އެއްވަރަށް ބޮޑު ނޫނަސް، އެއަށް ތަދުކޮށްފި އެވެ. ނިކަމެތިކުރާ މަޖިލިސްތަކުގައި ބަލި ގަބޫލުކުރުމަކީ އަހަރެންގެ ތަބީއަތުގައި ނެތް ސިފައެކެވެ. 

"ޑެއަރ..!!!" އަހަރެންގެ ނިންމުން ހަރުއަޑުން ބަދަލުކުރީމެވެ. ކުރިމަތީގައި ހުރި ބިއްލޫރި އުނބުގަނޑުގެ ތެރެއިން ކަރުދާސްކޮޅެއް ނެގީމެވެ. 

ކަރުދާސްކޮޅު ނަގާފައި އޭގައި ލިޔެފައިވާ އެއްޗެއް އަހަރެން ކިޔާލީމެވެ. އިސްކޮޅުވަރުގެ ބޮޑު ސިރިންޖަކުން އަހަރެންގެ މޫނުން ފެންދަމާލިފަދަ އެވެ. ބަސް ހުއްޓި، ތަލި ހިކިއްޖެ އެވެ. ދެއަތުގެ އިނގިލިތައް މުށްކަވައިލެވިއްޖެ އެވެ. ދެލޯ ވައްކކޮށްފައި އީތަންއާއި ދިމާއަށް ލޯ އެޅީމެވެ. އަހަރެންގެ ނިންމުން ބަދަލުކުރަން އީގޯ ގައި ހިފާދެމި އިންސާނަކީ އެއީ އެވެ. މަކަރުވެރި ބުޅަލެއް އޭނާގެ ޝިކާރައަށް ބަލަހައްޓައިގެން އިންނަ ފަދައިން އީތަން ތައްޔާރުވެލި އެވެ.

"ވަޓްސް އިޓް؟؟؟" ފުރަތަމަ ސުވާލުކުރީ އަންޔާ އެވެ. 

ހަމަހިލާ މިއެއް މިމީހުންނަކަށް ނުދައްކާނަމެވެ. ތަވަޔާއި އުނދުނު ފުއްޑަނުގައިވެސް ފޮޅިއަޅާފައި ފަރާޓާވެސް ފިހަށްވީ އެވެ! ވާނެ ހައެއްޗެއް މިއޮތީ ވެ ނިމިފަ އެވެ. އަހަރެންގެ ދުވަސް ދިޔައީ އެވެ. އީތަންއާއި ދިމާއަށް ބަލައިލީމެވެ. އޭގެ ފަހުގައި އަހަރެންގެ ކަނާތްފަރާތުގައި އިން މީހަކަށް ބަލައިލީމެވެ. 

ސުބުހާނަﷲ އެވެ. ކުޅުކޮޅެއްގެ ޒައްރެއްގެ މިންވަރު އަނގައިގައި ނެތަސް، ހަރު ހަނޑުލު ގުޅައެއް ނުހަފާ ދިރުވާލާފަދައިން ހިންދިރުވާލީމެވެ. އަހަރެންގެ ވާތްފަރާތުގައި އީތަން އެވެ. ކަނާތް ފަރާތުގައި އިކާން އެވެ. ބިންފަޅާފައި އަހަރެން ވަންނަންވީ އަޑިއަށް ހެއްޔެވެ؟ ނުވަތަ އުދުއްސައިގަންނާންވީ މައްޗަށް ހެއްޔެވެ؟

"*ސ..!!! *ސ ދި ޕަރސަން އޮން ޔޯ ރައިޓް، އޮން ދެއަރ ލ*ސ!" ނުހަނު ލަސްލަހުން އަހަރެން ކިޔާލީމެވެ. އަދި އިކާން އާއި ދިމާއަށް ބަލައިލީމެވެ. އަހަރެންގެ ކަނާތްފަރާތުގައި އިނީ އިކާން ކަމަށްވާތީ އެވެ!!

ވަގުތުން އީތަންގެ މޫނުގެ ކުލަ ބަދަލުވެއްޖެ އެވެ. ކޯ ކަށިގަނޑު ފިއްތާލާފައި ކޮލުގެ މަސްގަނޑުގައި އެތެރެއިން ބާރަށް ދަތް އެޅިއެވެ. ލޭ ނާންނަކަމެއްވެސް ނޭގެ އެވެ. ކޮންމެވެސް އެއްޗެއް، އަމިއްލަ ކަންފަތަށްވެސް ނީވޭވަރަށް އީތަން ކިޔެވެ. ދުލުން އެ ބޭރުކުރީ ރަގަޅު ލަފްޒެއް ނޫންކަން ޔަގީނެވެ. 

އެންމެން އަހަންނަށް ސަޕޯޓްކުރަން ފަށައިފި އެވެ. އީތަންއާއި އިކާން ފިޔަވަ އެވެ. މާހައުލުގެ ހޫނުކަން އިކާން ދެނެގަތެވެ.

"ނޯ! ނޯ! ކަލޭމެން މައިތިރިވޭ..! ޑެއަރ އިހްތިޔާރުކުރިޔަސް، ރިދީ ބޭނުން ނޫނިއްޔާ އޭނާއަށް އެކަން ކުރަން މަޖުބޫރެއް ނުކުރެވޭނެ! އިޓްސް އަޕް ޓު ހަރ..! އޭގައި އޮތް ކަމެއް ކުރަން ރިދީ ބޭނުންނުވާކަން އަހަރުމެން އެންމެންނަށް އިނގޭ!" އަހަރެންގެ ދިފާއުގައި ތެދުވީ އިކާން އެވެ. ހަމަކުއްލިޔަކަށް އެބުނެލުމަށް އެއްބަސްވެ، ސަޕޯޓްކުރީ އީތަންއާއި ކާމިލް އެވެ.

"ނޫން.. ނޫން.. ފަހަތައް ބެލުމެއް ނޯންނާނެ.. މާފެއްވެސް ނުލިބޭނެ.. ލިބުނު ޑެއަރ ޖެހޭނީ ފުރިހަމަކުރަން.. އެއިގެން ސަލާމަތެއް ނުވެވޭނެ.. ބިރު ނުގަނޭ ރިދީ..!" އަންޔާގެ ބޮޑު އަނގަ ހުޅުވި އެވެ. އަހަރެންގެ ދެ ލޯ މަރައިލީމެވެ. ކުރިމަތިވަމުނން އަންނަ ތޫފާނުގެ ވައި އިހްސާސްވާތީ އެވެ. 

"ރިދީ އަކީ ކުޑަކުއްޖެއް ނޫން.. އެވަރުގެ ޑެއަރއެއް ފުރިހަމަ ކުރަން ބިރުގަންނާކަށް ނުޖެހޭނެ.. ރިދީ އަކީ މީހެއްގެ އަންބެއްވެސް ނޫން.. މީހެއްގެ ގަރލްފްރެންޑެއްވެސް ނޫން.. ތިހާ ފިނޑިވާކަށް ނުވާނެ.. ބިރުން ފިލާ އޮންނާނީ ފިނޑިން..! ހިޔެއް ނުކުރަން  ތިހާ ގަޓް ނެތް މީހެއްކަމަކަށް.." ނަޔާރާ ބުނެލި އެވެ. ކޮންމެ ލަފްޒެއްގައި އަހަންނާއި ދިމާކުރުމުގެ ރޫހު ހުއްޓެވެ.

އަހަރެންވެސް މިއީ ނަޔާރަ ފަދަ އަންހެނަކީމެވެ. އިގޯއަކާއި ނުކުޅެވޭނެ އެވެ! ވިސްނާކަށް ވަގުތު ބޭކާރެއް ނުކކުރަމެވެ. ލޭ ހިނގުން އަވަސްވެ ކަންފަތް ހޫނުވާން ފަށައިފި އެވެ. އަހަރެންގެ ޓާގެޓް ނޫން އެހެން އެއްވެސް އެއްޗެއް ލޯކުރިމަތީން ސިފަނުވެ އެވެ. ޔަނާރާގެ ބަސްތައް އަހަރެންގެ އިހްސާސްތަކުގައި މިރުސް އަޅުވައިފި އެވެ. އީގޯ ގައި ލޮނުމިރުސް އެޅީ އެމީހުންނެވެ!

އައްދޯއި އެވެ. ވަރަށް ތަދުވެއްޖެ އެވެ.

ޖެހިގެން އައި ސިކުންތުގައި އަހަރެންގެ ޑެއަރ ފުރިހަމަ ކުރީމެވެ. ނަމަވެސް 'ބީހިލާފައިވާނީ' ނަމަކަށެވެ. ނަމަވެސް ދޮގުނުކުރެވޭނެ ހަގީގަތެއް އެބައޮތެވެ. އިކާންގެ ޓްރިމްކޮށްފައިވާ ކޯތާފަތުގައި އަހަރެންގެ މޫނު ބީހިއްޖެ އެވެ. 

މުޅިތަނުގައި އަހަރެން ބޮމެއް ގޮއްވާލި ފަދަ އެވެ. ލިބުނު ޝޮކްގައި މުޅި މާހައުލު ހިމޭން ވެއްޖެ އެވެ.

ބިންމަތިން އަހަރެންގެ ނަޒަރު އެއްފަރާތްކުރާނެ ހިތްވަރެއް ނުލިބުނެވެ. އެކަމަކު...، އެކަމަކު އީތަންގެ ތޫނު ނަޒަރަށް އަހަރެންގެ ހިއްސުތައް ދިރިއްޖެ އެވެ. އެ މިސްރާބާށް ބަލައިލެވުނީ އިހްތިޔާރަކާ ނުލަ އެވެ.

އީތަންގެ މޫނު މިހައި މާޔުސްވެފައިވަނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ގަދަ ތޫފާނެއްގެ ކެރި ވެހުމަށްފަހު ދުނިޔެ ހިމޭންވާ ފަދައިން އީތަންގެ ހުރިހައި ހިއްސެއް ހިމޭންވެފައިވޭ އެވެ. މީހެއްގެ މޫނަށްވެސް ބަލައިނުލަ އެވެ.

ހިތް ބުނެލި އެވެ. ރިދީ އެވެ. އަމިއްލައަށް ކޮނެގެން ވަޅަށް ވަދެ، ފަސްއެޅިޔަސް މިވަގުތު މާ ރަގަޅުވާނެ އެވެ!

"ރިދީގެ ބޭސް ކާ ވަގުތު ޖެހިއްޖެ" ކުއްލިޔަކަށް އީތަން ބުނެލި އެވެ.

އެސްފިޔަ ޖަހާލާނެ ވަގުތުވެސް ދުނިޔެއަށް ނުލިބުނެވެ. އަހަރެން އޮތީ އީތަންގެ އަތްދަނޑިމަތީގަ އެވެ.

"އާން.. ބޭސް ސިޓީގައި ޑޮކްޓަރ ލިޔެފައި އޮތް ބޭސް، ދޭން ހުރި ނަރުސް ދޯ ތިއީ" އީތަންއާއި ދިމާކޮށްލުމަށް ކާމިލް ބުނެލި އެވެ.

އެބުނި އެއްޗަކަށް ޕަކަޕަކަލާފައި ހިނިގަނޑުތައް ފަޅައިގެން ދިއަޔަސް، އެކަމަށް އީތަން އަޅާވެސް ނުލި އެވެ. ފަސްއެނބުރި ބެލުމެއް ނެތި އަހަރެން ގޮވައިގެން ގޮސް، އޭނާގެ ކޮޓަރިއަށް ވަދެފައި ބިންމަތީގައި އަހަރެން ބެހެއްޓި އެވެ.

އީތަންގެ މޫނަށް އަހަރެން ބަލައިލީމެވެ. ހިނިތުންވުމެއްވެސް އަދި ކުރިން ހުރި އަމާންކަމެއްވެސް އެ މޫނުގައި ނެތެވެ. ކޮންމެ ހަރަކާތެއް ހެކިދިނީ ރުޅިއާއި ނަފްރަތެވެ. ކުރިމަތީގައި ހުރި މޮންސްޓަރއާއި ކުރިމަތިލުން ފިޔަވާ އިތުރު ގޮތެއް އަހަންނަކަށް ނެތެވެ.

"އީތަން..!" ވަރަށް މަޑުމަޑުން އަހަރެން ގޮވާލީމެވެ. 

ނަމަވެސް ގަދަ ހުޅުގަނޑަކުން ބުރައިގެން އައި އަލިފާން ކަންޏެއް ފަދައިން އަހަރެންގެ ހަށިގަނޑުން ދިލަނަގަން ފަށައިފި އެވެ. ސިކުންތެއްގެ ތެރޭގައި އަހަރެން ހުރީ ފާރުގައި ހަރުކޮށްފައިވާ ފޮޓޯއެއް ފަދައިން ތަތްކޮށްފަ އެވެ. ފާރާއި އީތަންއާއި ދެމެދު އަހަރެން ފިތިބާރު ވެފަ އެވެ.

ނޭވާއެއް ލާނެ ފުރުސަތެއްވެސް ނުލިބުނެވެ. ސިންގާގެ ވަކިތަކުގެ ތެރޭގައި އަހަރެން ހައްޔަރުވެ ނިމިއްޖެ އެވެ.

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް