ރޭ ބާސާއިން ސްޕެނިޝް ސުޕަ ކަޕް ނެގީ ފަސް ލަނޑު ދެ ލަނޑުން ރިއަލް މެޑްރިޑްބަލިކޮށެވެ. ރޭ ބާސެލޯނާ އިން 15 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިއިރު، ބާސެލޯނާ އަކީ ސްޕެނިޝް ސުޕަ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ. އެ ޓީމުން 15 ތަށި ހޯދިއިރު، ރެއާލުން ވަނީ 13 ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު ސުޕަ ކަޕް ފައިނަލުގައި ރެއާލް އަތުން ބާސެލޯނާ ވީ ބައްޔެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ފަށައިގެން، ފަސް ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ. އެކަމަކު 22 ވަނަ މިނިޓުގައި ލަމީން ޔަމާލްވަނީ ލަނޑެއް ޖަހައި ބާސާއަށް އެއްވަރުކޮށްދީފައެވެ. ބާސާއަށް ލީޑު ނަގައިދިނީ، ޕެނަލްޓީއަކުން ރޮބަޓް ލެވަންޑޯސްކީއެވެ. ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ރަފީނިއާ ބޮލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައުންޓަ އެޓޭކުގައި، ރަފީނިއާ ދިން ބޯޅައަކުން އަލެހަންދްރޯ ބާލްޑޭ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ ރަފީނިއާ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. ރިއާލްގެ ދެވަނަ ލަނޑު ޖެހީ ރޮޑްރިގޯއެވެ.