މެޓުން މި ޔެލޯ އެލާޓް ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކަށެވެ. މި ސަމާލުކަން ދެމިއޮންނާނީ މިއަދު ހެނދުނު 11:30 އިން މެންދުރުފަހު 3:30 އާ ހަމައަށެވެ.
މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި މި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި މަސްވެރިން ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ
ރާއްޖެއާ ކައިރި ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވެފައި އޮންނާނެކަމަށް މޫސުމާބެހޭ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ މި ކޮޅިގަނޑާ ގުޅުންހުރި ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް މަޑުމަޑުން އަރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަވެ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މޫސުމުގެ މި ހާލަތާ ގުޅިގެން އުތުރުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖަހާނެ ކަމަށާއި، ދެކުނާއި މެދުރާއްޖެތެރެއަށް 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖަހާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އުތުރުގެ ކަނޑުތައް އާދައިގެ މިންވަރަކަށް މަޑުވެފައި އޮންނާނެ ކަމަށާއި، އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވާނެ ކަމަށްވެސް ބުންޏެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. މާވަށަށެވެ. އެއީ 37.5 މިލިމީޓަރުގެ ވާރޭއެވެ. އޭގެ ފަހުން އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. އެރަށަށް 28.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މާލެއަށް ވެހުނީ 8.3 މިލިމީޓަރުގެ ވާރޭއެވެ.